Roadha Mihaaru
މިއީ ލިވަޕޫލް އެންމެ ދަށްކޮށް ކުޅުނު މެޗު: ކްލޮޕް

މިއީ ލިވަޕޫލް އެންމެ ދަށްކޮށް ކުޅުނު މެޗު: ކްލޮޕް

15 ޖެނުއަރީ 2023

ބްރައިޓަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން ލިވަޕޫލް ބަލިވި މެޗަކީ މިހާތަނަށް ލިވަޕޫލުން ކުޅުނު އެންމެ ދަށް މެޗު ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބްރައިޓަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން ލިވަޕޫލް ބަލިވި މެޗަކީ މިހާތަނަށް ލިވަޕޫލުން ކުޅުނު އެންމެ ދަށް މެޗު ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު ބްރައިޓަން އިން ޖެހި ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ގާތް ގާތުގައި ޖެހި ދެ ގޯލުން ބްރައިޓަން އަށް ލީޑު ހޯދައިދިނީ ސޮލީ މާޝް އެވެ. އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނިޓުގަ އެވެ. އަދި ލީޑު ފުޅާކޮށް މެޗުގެ ކޮންޓްރޯލް ހޯދީ އޭގެ ހަތް މިނިޓު ފަހުން ލިބުނު ފުރުސަތެއްގަ އެވެ.

މެޗުގައި ބްރައިތަންގެ ތިންވަނަ ލަނޑު މާޝްގެ އެހީތެރިކަމާ އެކު 81 ވަނަ މިނިޓުގައި ޖަހައިދިނީ ޑެނީ ވެލްބެކް އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް މާޝް އަށް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ފައުލް ކުރި ހަމަށް ނިންމައި ބްރައިޓަން އަށް ޕެނަލްޓީއެއް ދޭން ވެސް ރެފްރީ ނިންމި އެވެ. ނަމަވެސް ނިންމުން ބަދަލު ކުރީ ވީއޭއާރުންނެވެ.

"އަހަރެން އަސްލުވެސް ހަނދާނެއް ނެތް މިހާ ގޯސްކޮށް ކުޅުނު މެޗެއް، ބްރައިޓަން އިން ކުޅުނީ ވަރަށް މޮޅަށް. މިއީ އެމީހުނަށް ހައްގު މޮޅެއް،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އެއްވެސް ކަހަލަ ތަރުތީބެއް ނެތް ޓީމަކާ ދެކޮޅަށް އެމީހުން ވަރަށް އޯގަނައިޒް ކޮށް ކުޅުނީ. އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފައި. މިވަރުގެ މެޗަކަށް ފަހު ކިހިނެއް ހަމަޖެހެވޭނީ؟"

މި ނަތީޖާއާ އެކު ބްރައިޓަން ވަނީ 18 މެޗުން 30 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތް ވަނައަަށް ޖެހިލައިފަ އެވެ. އަދި ރޭ 2-0 އިން ބްރެންޓްފޯޑުން ބޯންމަތު ބަލިކުރުމާ އެކު، 19 މެޗުން 29 ޕޮއިންޓް ހަމަކޮށްގެން ބްރެންޓްފޯޑް ވަނީ ތާވަލްގެ އަށް ވަނައަށް ޖެހިލައިފަ އެވެ. ލިވަޕޫލް ކުޅުނު 18 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެ ޓީމު ވަނީ ޓޭބަލްގެ ނުވަ ވަނައަށް ވެއްޓިފަ އެވެ.

މިއީ ލިވަޕޫލް ލީގުގައި ޖެހިޖެހިގެން ވީ ދެވަނަ ބައްޔެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދެ އެވެ. ލީގުގައި އެންމެ ފަހުން ބްރެންޓްފޯޑާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން ބަލިވީ 3-1 އިންނެވެ. އެއަށް ފަހު އެފްއޭ ކަޕް ގައި ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ޕްރިމިއާ ލީގުގައި ރޭ ލީގު ފުލުގައި އޮތް ސައުތެމްޓަން އިން ވަނީ ފަހަތުން އަރައި އެވަޓަން ބަލި ކޮށްފަ އެވެ. މިއާ އެކު ރެލިގޭޝަން ގައި އޮތް ތިން ޓީމު ވެސް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑާއި އެވަޓަން އަދި ސައުތެމްޓަނަށް ވެސް 19 މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ވުލްވްސް ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ބަލިކޮށް، 19 މެޗުން 17 ޕޮއިންޓް ހޯދައިގެން ރެލިގޭޝަން ޒޯނުން ނުކުމެ 16 ވަނައަށް ޖެހިލައިފަ އެވެ. އަދި ނޮޓިންހަމް ފޮރެސްޓުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލެސްޓާ ސިޓީ ބަލި ކޮށްފަ އެވެ.

އެސްޓަން ވިލާ މި ހަފްތާ ބަންދުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެ މޮޅުވީ 2-1 އިންނެވެ.