Roadha Mihaaru
މަގާމު ބަދަލު ނުވިއަސް ލިވަޕޫލަށް އުފާވެރި މޮޅެއް

މަގާމު ބަދަލު ނުވިއަސް ލިވަޕޫލަށް އުފާވެރި މޮޅެއް

18 އެޕްރީލް 2023

ލީޑްސް (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ހަތަރު މެޗަށް ފަހު 6-1 އިން ލީޑްްސް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން އުފާވެރި މޮޅެއް ހޯދައިފި އެވެ.

ލީޑްސް (އޭޕްރީލް 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ހަތަރު މެޗަށް ފަހު 6-1 އިން ލީޑްްސް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން އުފާވެރި މޮޅެއް ހޯދައިފި އެވެ.

މިއީ ލިވަޕޫލުން މިދިޔަ މަހު ލީގުގައި މެންޗެސްޓާ ޔުނައިޓެޑް 7-0 އިން ބަލިކުރުމަށް ފަހު އެޓީމު ހޯދި ފުރަތަމަ މޮޅެވެ. މި މުއްދަތުގައި ޕްރިމިއާ ލީގުގައި ބޯންމަތާއި މެންޗެސްޓާ ސިޓީ އަތުން ބަލިވެފައި ވާއިރު ޗެލްސީ އާއި އާސެނަލް އަތުން ވަނީ އެއްވަރު ވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ބަލިވެ މުބާރާތުން ކުރިއަށް ދިޔުމުގެ ފުރުސަތު ވެސް ނަގައިލި އެވެ.

ލީޑްސްގެ ދަނޑުގައި ހޯދި ބޮޑު މޮޅާ އެކު ވެސް ލިވަޕޫލް ލީގު ތާވަލުގައި އޮތް މަގާމަށް ބަދަލެއް ނާދެ އެވެ. އެޓީމު މިހާތަނަށް ކުޅުނު 30 މެޗުން 47 ޕޮއިންޓް ހޯދައިގެން އޮތީ ލީގުގެ އަށްވަނައިގަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. އަދި މުހައްމަދު ސަލާހު ވަނީ ދެ ގޯލު ޖަހައި، ވާތުފައިން ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ހަދައިފަ އެވެ. ރޭގެ ގޯލުތަކާ އެކު އޭނާ ލީގުގައި ވާތު ފައިން ޖެހި ގޯލުގެ އަދަދު ވަނީ 107 އަށް އަރައިފަ އެވެ.

ޑިއޯގޯ ޖޮޓާ ވެސް ވަނީ ލީޑްސް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މިއީ އަހަރެއް ފަހުން ލީގުގައި އޭނާ ލަނޑު ޖެހި ފުރަތަމަ މެޗެވެ. ލިވަޕޫލްގެ ފަހު ލަނޑު ޖެހީ ޑާވިން ނޫނޭޒް އެވެ. ގަކްޕޯ އާއި ނޫނޭޒް އަށް ލަނޑު ޖަހަން އެހީވި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް ވަނީ ލީގުގައި 50 ގޯލު އެސިސްޓް ކޮށްދީފަ އެވެ.

މީގެ އިތުރުން ލިވަޕޫލަށް ލިބުނު އުފަލަކީ އެޓީމުގެ ފޯވާޑް ލުއިސް ޑިއާޒް ކުޅެން ނުކުތުމެވެ. އޭނާ ކުޅުމުގެ ތެރެއަށް އައީ ކަކުލަށް ލިބުނު އަނިޔާއަކުން ސަލާމަތް ވެގެން ހަ މަސްދުވަހަށް ފަހު އެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ވަނީ މީގެ ކުރިން މި ސީޒަން ގައި ބޮޑު ތަފާތަކުން ޔުނައިޓެޑް ބަލިކޮށް، ބޯންމަތު އަތުން ވެސް ރެކޯޑް 9-0ގެ މޮޅެއް ހޯދައިފަ އެވެ. ނަމަވެސް ޓީމުގެ ކޯޗު ޔާގެން ކްލޮޕް ގަބޫލުކުރާ ގޮތުގައި ލީޑްސް އާ ދެކޮޅަށް ލިވަޕޫލުން ދެއްކީ މި ސީޒަނުގައި ވެސް އެޓީމުގެ އެންމެ މޮޅު ކުޅުމެވެ.

"އަހަރެން މެޗާމެދު ވަރަށް އުފާވޭ. އިދިކޮޅު ޓީމު ހާސްކޮށްލައި ރީތި ގޯލުތަކެއް ޖަހުނު. އަދި އެންމެ ރަނގަޅު ކައުންޓާތައް އުފައްދައި، ބުނެލަން ބޭނުމީ މިއީ ގަރުނުތަކަކަށް ފަހު އެންމެ ބެސްޓު މެޗޭ،" ކްލޮޕް ބުންޏެވެ.

"އެކި ގޮތްގޮތުން ބަލާއިރު، އަހަރެންނަށް ދެކެނީ މިއީ މި ސީޒަންގައި އަހަރެމެން ކުޅުނު އެންމެ މޮޅު މެޗު."

ލިވަޕޫލުން އަންނަނީ އަންނަ ސީޒަންގެ ޔޫރަޕް މުބާރާތެއްގެ ޖާގައެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ހަތްވަނައިގައި ނިންމައިގެން ކޮންފަރެންސް ލީގުން އުންމީދެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ލިވަޕޫލުން ވަނީ މީގެ ކުރިން ކްލޮޕް އާއެކު 2020/2021 ސީޒަންގެ ފަހުކޮޅު ޗެމްޕިއަންސް ލީގު ޖާގައަކަށް މަސައްކަތްކޮށް ކާމިޔާބު ހޯދައިފަ އެވެ. ނަމަވެސް މި ސީޒަނުގައި އެކަން ތަކުރާރު ކުރެވިދާނެ ފުރުސަތުތައް ހަންޏެވެ. ކްލޮޕް ދެކޭގޮތުގައި ސަބަބަކީ ލީގުގައި ލިވަޕޫލްގެ ކުރީގައި އޮތް ޓީމުތަކުން ވާދަކުރެވޭ ވަރަށް ވުރެ ބޮޑަށް ޕޮއިންޓުގެ ފަރަގު ބޮޑުކޮށްފައި ވުމެވެ.

"ކުރީ ސީޒަނާ މި ސީޒަންގެ ތަފާތަކީ، މި ސީޒަންގައި ކުރީގައި އުޅޭ ޓީމުތައް ތިބީ ތަންކޮޅެއް ދުރުގައި. އަހަރެމެން ނިންމާނެ ހިސާބެއް ބުނާކަށް ނޭނގޭ. އެކަން އެނގޭނީ ހުރިހާ މެޗެއް ކުޅެގެން. މެޗުތައް ވަރަށް މުހިއްމު. މި ސީޒަނުގައި ކުރި ނޭރުނަސް ސީޒަންގެ ފަހުކޮޅު އަހަރެމެންގެ ކުޅުން ދަށް ވެގެން ނުވާނެ،" މެޗަށް ފަހު ކްލޮޕް ބުންޏެވެ.

"އަހަރެންނަކަށް ނޭނގޭ [ގަދަ ހަތަރަކާ] ގާތަށް ދެވޭނެ ކަމެއް. އަދި އެކަން މިހާރު އެހާ މުހިއްމު ކަމަކަށް ވެސް ނުދެކެން. އަހަރެން ބޭނުމީ [ބާކީ އޮތް މެޗުތަކުގައި] ކުޅުންތެރިން ކުޅޭހިތުން މިރޭ ކުޅުނު ފަދަ ރަނގަޅު މޮޅު ފުޓުބޯޅައެއް ކުޅޭތަން ދެކެން."