Roadha Mihaaru
ތޮށި ބޭރުން ވެސް ތެޔޮ، ބެލެވެނީ އޮޔާ ގެނައީ ކަމަށް

ކަނޑު ތޮށި ބޭރުން ވެސް ތެޔޮ ފެނުނު، ބެލެވެނީ ކަނޑުން އޮޔާ ގެނައީ ކަމަށް

04 ޖެނުއަރީ 2023

މާލޭ ފަޅުތެރެ އަށް އެޅިފައި ހުއްޓާ ފެނުނު ކަޅު ތެޔޮ ނެގުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރި އިރު އީޕީއޭއިން ވަނީ ކަޅުތެޔޮ އެޅުނީ ކިހިނެއްތޯއާ އެއީ ކޮން ބައެއްގެ ސަބަބުންވީ ކަމެއްތޯ ބެލުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި މިހާރު ފުލުހުން ވެސް އަންނަނީ އެކަމުގައި ޖިނާއީ ކަމެއް ހިމެނޭތޯ ބެލުމަށް އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭ ފަޅު ތެރޭގައި ހުރީ އުޅަނދަކުން ފަޅުތެރެެއަށް އެޅެން ވެސް އާދައާ ހިލާފަށް ގިނަ އަދަދެއްގެ ކަޅު ތެލެވެ. ސިފައިން ދެ ދުވަހުގެ މަސައްކަތުން ގާތްގަނޑަކަށް 15 ފީފާ އަށް އެޅޭހާ ތެޔޮ ނަގާފައިވާ ކަމަށް މިއަދު ވަނީ ބުނެފަ އެވެ. އަދި ހާހެއްހާ ލީޓަރުގެ ކަޅު ތެޔޮ ފަޅުތެރެއިން ނަގާފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.

އީޕީއޭއިން އަދި ދަނީ އެ ތެޔޮ އެޅުނު ގޮތެއް ބަލަމުންނެވެ. އެކަން ހިނގި ގޮތެއް އަދި ސީދާ ދެނެގަނެވިފައި ނުވެ އެވެ.

މާލޭގެ ރަސްމީ ފަލާމާ ދިމާލުން ފަޅުތެރެއަށް އެޅުނު ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ކޯސްޓް ގާޑުގެ ސިފައިން ކުރަނީ، 1،000 ލީޓަރު ތެޔޮ އެޅިފައި އޮތް ކަމަށް ބެލެވޭ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެކަމަކު، މިހާތަނަށް އީޕީއޭއިން އެންމެ ބޮޑަށް ލަފާ ކުރަނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގެންގޮސް ފަޅު ތެެރެއަށް ވަނީ ކަމަށެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މީގެ ކުރިން "މިހާރު"އާ ވާހަކަ ދައްކަވަމުން ލަފާ ކުރެއްވީ ވެސް އެގޮތަށެވެ.

"މިހާތަނަށް ބޮޑަށް ބެލެވެނީ މާލެ ކައިރިން ދަތުރުކުރި އުޅަނދަކުން ކަނޑަށް އެޅުނު ތެޔޮ އޮއިވަރާ އެކު އައިސް ފަޅުތެރެއަށް ޖަމާވީހެން،" އޭނާ ވިދާޅުވި އެވެ.

އެކަމަށް ބާރު ދޭ ކޮންމެވެސް ވަރެއްގެ ހެކި ވެސް އެބަ ހުއްޓެވެ. އެގޮތުން، މާލޭގެ އެއް ނަމްބަރު ފާލަމާ ދިމާލު ބޭރުން ކަނޑު ތޮށި ކައިރީގައި ވެސް ތެލުގެ އަސަރު ފެންނާން ހުރި ކަމަށް އީޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކަނޑަށް އެޅޭ ތެލަކީ ފެންމަތީގެ އޮވެ، ވަޔާއި އޮއާއެކު ދަތުރު ކުރާ އެއްޗެކެވެ. ބައެއް ފަހަރު ވަރަށް ދުރަށް ވެސް އެގޮތަށް ކަނޑަށް އެޅޭ ތެޔޮ ގެންދެ އެވެ.

ތެޔޮ އެޅުމަކީ އޭގެ ނުބައި އަސަރު ތިމާވެއްޓަށް ކުރާ ކަމެކެވެ. އެގޮތުން، ފަރަކަށް ތެޔޮ އެޅިއްޖެ ނަމަ ދިރުންތައް މަރުވެ، ފަރުގެ ބޮޑު ބައެއް ނެތިދިޔުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ތިމާވެއްޓާ ބެހޭ މާހިރުން ބުނެ އެވެ.

ތެޔޮ އެޅުނު މައްސަލަ ބަލަމުންދާއިރު، ތެޔޮ އެޅުނީ ބައެއްގެ އިހުމާލުން ނުވަތަ ގަސްތަގައިކަން އެނގިއްޖެ ނަމަ އީޕީއޭއިން އެ ބަޔަކު ޖޫރިމަނާ ކުރާނެ އެވެ. މީގެ ކުރިން ވެސް ވެއްޓަށް ގެއްލުންވާ އެކި ކަންކަން ކޮށްގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި އެބަ ހުއްޓެވެ.

އިގްތިސާދީ މަންފާއަށް ޓޫރިޒަމް އަށް ބަރޯސާވާ ގައުމެއްގައި ތިމާވެށި އަދި ހާއްސަކޮށް ކަނޑު އަޑީގެ ވެށި ރައްކާތެރިކޮށް ބެހެއްޓުން މުހިންމު އިރު ތެޔޮ ލީކުވުން ފަދަ ހާދިސާތަކަކީ ބޮޑެތި ގެއްލުންތަކެއް ދީފާނެ ކަމަކެވެ.

މާލޭގެ ރަސްމީ ފަލާމާ ދިމާލުން ފަޅުތެރެއަށް އެޅުނު ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ކޯސްޓް ގާޑުގެ ސިފައިން ކުރަނީ، 1،000 ލީޓަރު ތެޔޮ އެޅިފައި އޮތް ކަމަށް ބެލެވޭ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ ރަސްމީ ފަލާމާ ދިމާލުން ފަޅުތެރެއަށް އެޅުނު ކަޅުތެޔޮ ސާފުކުރުމުގެ މަސައްކަތް އިއްޔެ ފެށިގެން ކޯސްޓް ގާޑުގެ ސިފައިން ކުރަނީ، 1،000 ލީޓަރު ތެޔޮ އެޅިފައި އޮތް ކަމަށް ބެލެވޭ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭ ފަޅު ތެރެއިން 15 ފީފާގެ ތެޔޮ ފެނިފައިވާއިރު، މި ހަފްތާގެ ތެރޭގައި ތެޔޮ ބޯޓެއްގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގައިގެން އެކަން ވެސް ވަނީ ބޮޑުވެފަ އެވެ. އެއީ ތެޔޮ ބޯޓެއްގައި ދަތުރު ކުރި ބިދޭސީއަކާއި ދިވެއްސަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެ ތެރެއިން ދިވެހި މީހާ މާލޭގައި އުޅެނިކޮށް ފެނުމުންނެވެ.

ވިލިމާލެއިން މިދިޔަ އަންގާރަ ދުވަހު ފުރި އެ ދެ މީހުން ދަތުރި ކުރި ތެޔޮ ބޯޓު ފެނުނީ ހުޅުލޭ ބޭރުން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގައި ދަތުރު ކުރި ބިދޭސީ މީހާ އަދިވެސް ފެނިފައި ނުވާއިރު، އޭނާގެ މަރުގެ ތުހުމަތުގައި ފުލުހުން ވަނީ ދިވެހި މީހާ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ވެސް ކުރިއަށްދާއިރު، އެކަމާ ގުޅޭ ތަފްސީލުތަކެއް ފުލުހުން ނުދެ އެވެ. ގެއްލިގެން ހޯދި ތެޔޮ ބޯޓުގައި ކަޅު ތެޔޮ ގެންގުޅުނު ކަމެއް ވެސް އެނގެން ނެތް އިރު، މާލޭ ފަޅު ތެރެއިން ފެނުނު ތެލާ އެ ބޯޓާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް އަދި ކަމާ ބެހޭ އެއްވެސް އިދާރާއަކުން ބުނެފައި ނުވެ އެވެ.

އެންމެ ފަހުން ތެޔޮ ލީކުވުމުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނީ، މީގެ ދެ އަހަރު ކުރިން އެނބޫދޫފަޅާ ކައިރި ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި"ބްރޯ ފިއުލްސް"ގެ ތެޔޮ ބޯޓެއް 60،000 ލީޓަރުގެ ޑީސަލްއާއެކު އަޑިއަށް ދިޔުމުންނެވެ. އެކަމަކު، 1000 މީޓަރު އަޑީގައި އޮތް އެ ބޯޓުން ޑީސަލް ބޭރުވެގެން މާ ބޮޑު ގެއްލުމެއް ނުވެ އެވެ. އެކަމަކު، އޭރު ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި ބަރު ތެލެއް ލީކުވި ނަމަ ބޮޑު ގެއްލުމެއް ވީހެވެ.