Roadha Mihaaru
ގއ. ވިލިނގިލިން ވެލި ނެގި މައްސަލައެއް ބަލަނީ

ގއ. ވިލިނގިލިން ގަވައިދާ ހިލާފަށް ވެލި ނެގި ދެ މައްސަލައެއް ބަލަނީ

06 އޮކްޓޯބަރ 2019

ގަވައިދާ ހިލާފަށް ގއ. ވިލިނގިލިން ވެލި ނެގި ދެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވައިދާ ހިލާފަށް ގއ. ވިލިނގިލިން ވެލި ނެގި ދެ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވިލިނގިލީ ގޮނޑުދޮށުން އިއްޔެ އާއި މިއަދު 161 ބަސްތާގެ ވެލި ނަގާފައިވެ އެވެ. އެއީ އެ ރަށުގެ އިބްރާހިމް މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން އިއްޔެ ނަގާފައިވާ 61 ބަސްތާ ވެއްޔާއި ކުނި ކޮށި ކައިރީ ގޮނޑުދޮށުން މިއަދު ނެގި 100 ވެލި ބަސްތާގެ މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ ސަރަހައްދުން ވެލި ނަގާފައި ވަނީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފަށެވެ. ނަމަވެސް މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ގެދޮރު އަޅަން ނުވަތަ އެހެން އަމިއްލަ ބޭނުންތަކަށް ވެލި ނެގޭނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާ ބެހޭ" ގާނޫނާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު" އަދި "ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅު ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އީޕީއޭގެ ހުއްދަ ނަގައިގެނެވެ.

އެ އުސޫލުތަކާ ހިލާފަށް ވެލި ނަގާ ނަމަ އީޕީއޭ އާއި ފުލުހުން ގުޅިގެން އެކަންކަން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރަށްރަށުން ވެއްޔާއި ރުއް ނެގުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.