Roadha Mihaaru

ހަމަނުޖެހުންތަކާ ގުޅިގެން ބްރެޒިލްގެ ބައެއް ވެރިން ހައްޔަރުކުރަނީ

ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތައް ހިފައި އެ ތަންތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން، ބްރެޒިލް ސަރުކާރުގެ ބައެއް ވެރިން ހައްޔަރުކުރުމަށް އެ ގައުމުގެ ކޯޓުން އަމުރުކޮށްފި އެވެ.

ހަމަނުޖެހުމާ ގުޅިގެން ބްރެޒިލްގެ ވެރިން ހައްޔަރު ކުރަނީ

ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތައް ހިފައި އެ ތަންތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން، ބްރެޒިލް ސަރުކާރުގެ ބައެއް ވެރިން ހައްޔަރުކުރުމަށް އެ ގައުމުގެ ކޯޓުން އަމުރުކޮށްފި އެވެ.

ވެރިރަށް ބްރަސީލިއާގައި މިދިޔަ އާދީއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި، ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ އިމާރާތްތަކަށް ގެއްލުން ދިން މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި އަސްކަރީ ފުލުހުންގެ ކުރީގެ ކޮމާންޑަރު ހިމެނެ އެވެ. އަދި މިހާރު މަގާމުން ދުރުކޮށްފައިވާ ޖަސްޓިސް މިނިސްޓަރު އެންޑާސަން ޓޮރޭސް އާއި އިތުރު ބައެއް އިސް ވެރިން ވެސް ހިމެނޭ ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނެ އެވެ.

އެ ގައުމުގެ ބަންޑާރަ ނާއިބުގެ އޮފީހުން ބުނި ގޮތުގައި، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވެރިރަށުގެ މަގުތަކަށް އާންމުން އެއްވެ ކުރަމުން ދިޔަ މުޒާހަރާތައް މައިތިރި ނުކުރެވި ސަރުކާރުގެ އިމާރާތްތައް ހިފާ ހިސާބަށް ކަންތައް ދިއުމުގައި ބައެއް ވެރިންގެ އިހުމާލު ވަރަށް ބޮޑެވެ. އެ ދަރަޖައަށް ކަންތައް ދިޔައީ، އަމަން އާންމު ބެލެހެއްޓުމާއި ސަލާމަތީ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި ވެރިން އެމީހުންގެ ވާޖިބު އަދާނުކުރުމުން ކަމަށް އެ އޮފީހުން ބުންޏެވެ.

އަސްކަރީ ފުލުހުންގެ ކޮމާންޑަރު ކާނަލް ފަބިއޯ އޮގަސްޓޯ މަގާމުން ދުރުކުރީ، މުޒާހަރާ ކުރާ މީހުން، ރިއާސީ ގަނޑުވަރަށާއި ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތަށް ވަދެގަތް މައްސަލައިގަ އެވެ. މުޒާހަރާ ކުރާ މީހުން އެ ތަންތަނަށް ވަދެގަތް އިރު، އެ ތަންތަނުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބީ ވެސް ސިފައިންނެވެ.

މުޒާހަރާ ކުރާ މީހުން ސަރުކާރުގެ މައި އިމާރާތްތައް ހިފުމާ ގުޅިގެން، އެ ތަންތަނުން އާންމުން ނެރުމަށް ސިފައިންނާއި ފުލުހުން ނުކުތީވެސް، މުޒާހަރާކުރާ މީހުން އެ ތަންތަނުން ނެރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންދްރޭ ދި މޮރައޭސް ނެރުއްވި އަމުރުގައި ސިފައިންނަށް އަމުރުކޮށްފައި އޮތީ، މުޒާހަރާ އަށް ނުކުމެ ތިބި ބޮލްސޮނާރޯގެ ސަޕޯޓަރުން ހަދާފައިވާ ފޭލިގެތައް، 24 ގަޑިއިރުގެ ތެރޭގައި ރޫޅައިލުމަށެވެ. އަދި މަގުމަތީގައި މުޒާހަރާކުރާ ކޮންމެ މީހަކު ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ވެސް އަމުރެއް ނެރުއްވި އެވެ.

ވެރިރަށުގެ ސަލާމަތީ ކަންތަކާ މިހާރު ހަވާލުވެ ހުރި ރިކާޑޯ ކަޕެއްލީ ވިދާޅުވި ގޮތުގައި މުޒާހަރާ ކުރި މީހުން ސަރުކާރުގެ މައި އިމާރާތްތަކަށް ވަދެގަތީ، ސަލާމަތީ ކަންތައްތަކާ ހަވާލުވެ ހުރި ވަޒީރު އެންޑާސަން ޓޮރޭސް، ސަލާމަތީ ބާރުތަކަށް އެކަށީގެންވާ ގޮތެއްގައި އިރުޝާދު ދީފައި ނެތުމުންނެވެ.