Roadha Mihaaru
އިމްރާން ޚާން ގެކޮޅު ކައިރީ ބޮޑު ކުރިމަތިލުމެއް

އިމްރާން ޚާން ގެކޮޅު ކައިރީ ބޮޑު ކުރިމަތިލުމެއް

15 މާޗް 2023

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް އެ ގައުމުގެ ފުލުހުންގެ ބޮޑު ފައުޖެއް އޭނާގެ ގެކޮޅު ކައިރި އަށް ޖަމާވެފައިވާ އިރު، އޭނާގެ ދިފާއުގައި އެ ސަރަހައްދަށް އެއްވެ ތިބި މީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރަތިލުންތަކެއް ހިނގަމުން އެބަދެ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމަށް އެ ގައުމުގެ ފުލުހުންގެ ބޮޑު ފައުޖެއް އޭނާގެ ގެކޮޅު ކައިރި އަށް ޖަމާވެފައިވާ އިރު، އޭނާގެ ދިފާއުގައި އެ ސަރަހައްދަށް އެއްވެ ތިބި މީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރަތިލުންތަކެއް ހިނގަމުން އެބަދެ އެވެ.

އިމްރާން ޚާންގެ ގެކޮޅު "ޒަމާން ޕާކް" ހުންނަ ސަރަހައްދަށް ފުލުހުން އިއްޔެ ދިޔައީ، އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް، އެންގި އެންގުމަށް ތަބާނުވުމުން، އޭނާ ހައްޔަރުކޮށްގެން ހާޒިރުކުރުމަށް ނެރެފައިވާ ކޯޓު އަމުރެއް އޭނާ އަށް ރައްދު ކުރުމަށެވެ. ނަމަވެސް އިމްރާން ޚާނަށް ވަފާތެރި އެތައް ހާސް ބަޔަކު އިމްރާން ޚާންގެ ދިފާއުގައި ޒަމާން ޕާކްގެ ވަށައިގެން އެތުރި، ފުލުހުންނަށް ހުރަސް އެޅުމާ ގުޅިގެން، ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ފެށުނީ އެވެ.

އިމްރާން ޚާންގެ ވަފާތެރިން އެ ސަރަހައްދުން ފައްސައިލުމަށް ޕާކިސްތާން ފުލުހުން ވަނީ، އަސްލު ވަޒަން ބޭނުންކޮށްގެން އެތައް ފަހަރަކު ބަޑި ޖަހައިފަ އެވެ. އަދި އިމްރާން ޚާންގެ ގެކޮޅުގެ ގޯތިތެރެއަށް ވެސް ގިނަ އަދަދަކަށް ކަރުނަގޭސް ޖަހައި، އާންމުން އެ ސަރަހައްދުން ފޮނުވައިލުމަށް މަސައްކަތް ކުރި އެވެ.

އިއްޔެ އިން ފެށިގެން ފުލުހުންނާއި އިމްރާންގެ ވަފާތެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުން އައި ނަމަވެސް، މިހާތަނަށް އިމްރާން ޚާން ހައްޔަރެއް ނުކުރެވެ އެވެ. އަދި އޭނާގެ ހިމާޔަތުގައި ތިބި މީހުން ވެސް އެ ސަރަހައްދުން ފޮނުވައެއް ނުލެވެ އެވެ.

އިމްރާން ޚާން ހައްޔަރުކުރުމަށް މަސައްކަތް ކުރާތާ 24 ގަޑިއިރު ވާއިރު ވެސް، އޭނާ ހައްޔަރު ކުރެވޭ ގޮތް ނުވުމުން، އިތުރު ފުލުހުންނާއި ފުލުހުން ޚާއްސަ ފައުޖުގެ އިތުރު ފުލުހުން ވެސް މިއަދު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ. ޒަމާން ޕާކް ސަރަހައްދަށް ދެވެން އޮންނަ ބޮޑެތި ހުރިހާ މަގެއްގައި ބޮޑެތި ކޮންޓޭނަރުތައް ބަހައްޓައި އެ މަގުތައް މިހާރު ވަނީ އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފަ އެވެ.

އިމްރާންގެ ހިމާޔަތުގައި ތިބި މީހުން އޮއްގަލާއި ލަކުޑިބުރި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކަމުން ދާއިރު، ޕްލާސްޓިކް އައްޑަނަތަކުގެ ނިވަލުގައި ތިބެ ފުލުހުން ދަނީ އާންމުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ޕްރެޝަރުގައި ފެން ޖަހަމުންނެވެ. ދެ ފަރާތުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް، އިމްރާން ޚާން މިއަދު ވަނީ އޭނާގެ ގެކޮޅު ސަރަހައްދަށް ފުލުހުން އުކި ކަރުނަގޭސް ދަޅުތަކުގެ ހުސް ދޯރިތަކާއި ވަޒަނުގެ ހުސް ދޯރިތައް ކައިރީގައި އިންނަވައި، ވީޑިއޯ މެސެޖެއް ދެއްވައިފަ އެވެ.

އިތުރު ފުލުހުން ފޮނުވައިގެން އިމްރާން ހައްޔަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރު ބާތިލު ކުރުމަށް އޭނާގެ ވަކީލުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ފަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އޭގެ އިތުރުން، އިމްރާހް ޚާންގެ ގެކޮޅު ސަރަހައްދުގައި ފުލުހުން މިހާރު ހިންގަމުން ދާ ހަރަކާތްތައް ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް އެދި އިމްރާން ޚާންގެ، ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ލާހޯރްގެ ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށް، އެ ޕާޓީގެ ލީޑަރެއް ކަމަށްވާ ފަވާދު ޗައުދަރީ ވިދާޅުވި އެވެ. އެ ޕާޓީގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ލާހޯރްގެ ފުލުހުންގެ ވެރިޔާ ކޯޓަށް ހާޒިރުކޮށް، ފުލުހުންގެ ހަރަކާތްތައް ހުއްޓައިލުމަށް އަމުރު ކޮށްދިނުމަށެވެ.

އިމްރާން ޚާންގެ ގެކޮޅު ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުން ދާއިރު، އެ ސަރަހައްދަށް ޖަމާވުމަށް އެކި ސަރަހައްދުތަކުން އިތުރު މީހުން އައުން ހުއްޓުވުމުގެ ގޮތުން، އެ ސަރަހައްދުގެ އިންޓަނެޓްގެ ޚިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ. އަދި އެ ސަރަހައްދުގެ މޮބައިލް ފޯނުގެ ޚިދުމަތް ވެސް ސަރުކާރުން ވަނީ މެދުކަނޑާލައިފަ އެވެ.

ޕާކިސްތާން ފުލުހުން ބުނި ގޮތުގައި އިމްރާން ޚާންގެ ވަފާތެރިންނާއި ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ. އޭގެ ތެރޭގައި 34 ފުލުހުން ވެސް ހިމެނެ އެވެ.

ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ފެށުމާއެކު، އިމްރާން ޚާން އިއްޔެ ވަނީ އޭނާގެ ވަފާތެރިން ނުކުމެ ފުލުހުން ހުއްޓުވުމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު ޕާކިސްތާނުގެ ބޮޑެތި ބައެއް ސަރަހައްދުތަކުގައި ތިބި އޭނާގެ ވަފާތެރިން އިއްޔެ އިން ފެށިގެން މަގުތަކަށް ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ.

ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ދުރުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ގެންދަވަނީ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވައި، އަވަސް އިންތިޚާބަކަށް ގޮވާލައްވައި މުޒާހަރާތައް ކުރަމުންނެވެ.