Roadha Mihaaru
ސައުތެމްޓަނުން ސިޓީ ކަޓުވާލައިފި، ފޮރެސްޓްވެސް ސެމީއަށް

ސައުތެމްތަން އިން ސިޓީ ކަޓުވާލައިފި، ފޮރެސްޓް ވެސް ސެމީ އަށް

12 ޖެނުއަރީ 2023

ސައުތެމްޓަން (ޖެނުއަރީ 12) - އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް ސައުތެމްޓަން އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސައުތެމްޓަން (ޖެނުއަރީ 12) - އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް ސައުތެމްޓަން އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސައުތެމްޓަނުން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެންމެ ފުރަތަމަ 23 ވަނަ މިނިޓުގައި އެޓީމަށް ލީޑު ހޯދައިދިނީ ސީކޫ މާރާ އެވެ. އަދި ފަސް މިނިޓު ފަހުން މޫސާ ޖެނީޕޯ އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ސިޓީގެ ކީޕަރު ސްޓެފާން އޯޓެގާ ކުރިއަށް އަރައި ހުރި ވަގުތު ދުރުން ގޯލަށް އޮއްސާލި ބޯޅައަކުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މެޗުގައި އެޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އާލިން ހާލަންޑާއި ކެވިން ޑިބްރޭނާ އަދި ރިޔާދު މަހްރޭޒް އާއި ބެނާޑޯ ސިލްވާ ފަދަ ކުޅުންތެރިންނަށް ރެސްޓު ދީފަ އެވެ. ނަމަވެސް ޖެކް ގްރީލިޝް، ފިލް ފޮޑެން، ކައިލް ވޯކާ، އިލްކާއި ގުންޑޮއާން، ޔާއޯ ކަންސެލޯ އަދި ހޫލިއަން އަލްވަރޭޒް ފަދަ ތަޖުރިބާކާރު ކުލުންތެރިން މެޗު ސްޓާޓް ކުރި އެވެ.

ދެވަނަ ހާފުގައި ހާލަންޑާއި ޑިބްރޭނާ ކުޅެން އެރުވި ނަމަވެސް ސިޓީން މެޗު ނިންމާލީ ސައުތެމްޓަންގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި އެވެ.

ކޯޗު ގާޑިއޯލާ ބުނީ، މޮޅުވީ ރަނގަޅަށް ކުޅުނު ޓީމު ކަމަށާއި، ސިޓީން މެޗަށް ތައްޔާރު ނުވާ ކަމަށެވެ.

"އަހަރެމެން ތައްޔާރެއް ނޫން. މިއީ އަހަރެމެންނަށް ގޯސް ރެޔެއް. އިދިކޮޅު ޓީމު މާ މޮޅު، އެމީހުންނަށް މަރުހަބާ ކިޔަން،" ގާޑިއޯލާ ބުންޏެވެ.

"މޮޅަށް ކުޅުނު ޓީމު މޮޅުވީ. އަހަރެމެންނަށް ރަނގަޅަކަށް ނުކުޅެވުނު. މެޗު ފެށިގެން ވެސް އަހަރެމެންގެ ކުޅުން ގޯސް. ގިނަ މެޗުތަކުގައި ފެށުން ގޯހަސް ފަހުން ނަތީޖާ ބަދަލު ކޮށްލެވޭނެ. އަހަރެމެންނަކަށް އެކަމެއް ނުކުރެވުނު. މެޗަށް ތައްޔާރު ނުވެވެންޏާ ގޯލެއް ނުޖެހޭނެ، ގޯލު ޖެހޭނީ ތައްޔާރު ވެގެން."

ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަން، ލީގް ކަޕްގެ ސެމީ ފައިނަލް ގައި ކުޅެން ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ފޮރެސްޓްގެ ކީޕަރު ހެންޑަސަން، މެޗަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފޮރެސްޓްގެ ކީޕަރު ހެންޑަސަން، މެޗަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނޮޓިންހަމް ފޮރެސްޓް ސެމީ ފައިނަލަށް ދަތުރުކުރީ ވުލްވްސް އާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ޖެހި ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ.

މިއީ 1992 ވަނަ އަހަރަށް ފަހު ޕޮރެސްޓް ލީގް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެ އަހަރު އެޓީމު ފައިނަލް ގައި ކުޅުނު ނަމަވެސް ބަލިވީ މެންޗެސްޓާ ޔުނައިޓެޑް އަތުންނެވެ. މި އަހަރުގެ ސެމީގައި ފޮރެސްޓް ވާދަކުރަން ޖެހެނީ ޔުނައިޓެޑާ އެވެ.

ޕެނަލްޓީގައި ފޮރެސްޓްގެ ތަރިއަކަށް ވީ މި ސީޒަން ގައި ޔުނައިޓެޑުން އެޓީމާ ލޯނު އުސޫލުން ގުޅުނު ޑީން ހެންޑަސަން އެވެ. އެހެންވެ ސެމީ ގައި ހެންޑަސަން އަށް ޔުނައިޓެޑާ ދެކޮޅަށް ނުކުޅެވޭނެތީ އެޓީމުގެ ކޯޗު ސްޓީވް ކޫޕާ ހުރީ ކަންބޮޑުވެފަ އެވެ.

"އެއީ ވަރަށް ދެރަ ކަމެއް، އޭނާ [ހެންޑަސަން] އަކީ އަހަރެމެންގެ ޓީމަށް ވަަރަށް ބޮޑު ހިއްސާއެއް، އޭނާ އަންނަނީ އަހަރެމެންނާ އެކު ވަރަށް ރަނގަޅު މަސައްކަތެއް ކުރަމުން. އަހަރެމެން ހާސިލް ކުރަން ބޭނުންވާ ހިސާބަށް ޓީމް ގެންގޮސްދޭން އޭނާ ވެސް މަސައްކަތް ކުރޭ،" ކޯޗު ކޫޕާ ބުންޏެވެ.

ޕޮރެސްޓްގެ ފުރަތަމަ ޕެނަލްޓީ ސޭމް ސަރިޖް ފޮނުވާލުމުން ވުލްވްސްގެ ކީޕަރު ޖޯސޭ ސާ ދިފާއު ކުރި އެވެ. އެއަށް ފަހު ރުބެން ނެވޭސް ވުލްވްސްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލުމުން ހެންޑަސަން މަތަ ކުރި އެވެ. ފޮރެސްޓުން ދެން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރި އިރު، ވުލްވްސް އަށް ނާކާމިޔާބުވީ އެޓީމުގެ ފަސްވަނަ ޕެނަލްޓީ އެވެ. ޖޯއީ ހޮޖްގެ ޕެނަލްޓީގެ ހުރަހަކަށް ވީ ވެސް ހެންޑަސަން އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ވެސް ފޮރެސްޓެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިދިޔަ ފަސް ސީޒަންގައި ވުލްވްސް އަށް ކުޅުމަށް ފަހު މި ސީޒަންގައި ފޮރެސްޓަށް ބަދަލުވި ޑިފެންޑަރު ވިލީ ބޮލީ އެވެ. ދެވަނަ ހާފުގައި ވުލްވްސް އިން އެއްވަރު ކުރި ލަނޑު ޖެހީ ރައުލް ހިމިނޭޒް އެވެ.

މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކޯޅުންގަނޑެއް ހިނގި އެވެ. ކުޅުންތެރިން މައިތިރިކުރަން ދަނޑުގެ ސެކިއުރިޓީން ބައިވެރިވާން ޖެހުނެވެ.

ލީގު ކަޕްގެ ސެމީ ފައިނަލް ކުޅޭނީ ދެ ލެގަށެވެ. ފުރަތަމަ ލެގުގެ މެޗްތައް މި މަހުގެ 24 ނުވަތަ 25 ގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ، ދެވަނަ ލެގު އޮންނާނީ މި މަގުގެ 31 ނުވަތަ އަންނަ މަހު 1 ގަ އެވެ.