Roadha Mihaaru
ސެމީގެ ފުރަތަމަ ލެގުގައި ޔުނައިޓެޑަށް ފުރިހަމަ މޮޅެއް

ސެމީގެ ފުރަތަމަ ލެގުގައި ޔުނައިޓެޑުން ފަސޭހަކަމާއެކު ފޮރެސްޓް ބަލިކޮށްފި

26 ޖެނުއަރީ 2023

ނޮޓިންހަމްޝަޔާ (ޖެނުއަރީ 26) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަ ކަމާއެކު 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (ޖެނުއަރީ 26) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަ ކަމާއެކު 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފި އެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ މާކަސް ރަޝްފޯޑާއި ވައުޓް ވެހޯސްޓް އަދި ބްރޫނޯ ފެނާންޑޭޒް އެވެ.

އަމިއްލަ ހާފު ތެރޭން ބޯޅަ ހިފައިގެން ކުރިއަށް އަރައި ރަޝްފޯށް ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓުގަ އެވެ. މިއީ އޭނާ ލީގު ކަޕުގައި ކާމިޔާބު ކުރި ފަސް ވަނަ ގޯލެވެ. މިއާ އެކު ލީގު ކަޕުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި ވެސް އޮތީ އޭނާ އެވެ.

ރޭގެ މެޗާ އެކު ޔުނައިޓެޑް ވަނީ ޑިސެމްބަރު މަހު ނިމުނު ވޯލްޑް ކަޕަށް ފަހު މިހާތަނަށް 10 މެޗު ކުޅެ، އަށް މެޗު ކާމިޔާބު ކޮށްފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ރަޝްފޯޑް ވަނީ މި 10 މެޗުގައި ވެސް ކުޅެ 10 ގޯލު ޖަހައިފަ އެވެ. އޭނާ އަށް ލަނޑެއް ނުޖެހުނީ ލީގުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް އެއްވަރުވި މެޗުގަ އެވެ.

ވެހޯސްޓް (ކ)، ޔުނައިޓެޑަށް ފުރަތަމަ ގޯލު ޖަހައިދިނުމަށް ފަހު، މި މެޗްގެ ކުރިން އޭނާ ވަނީ ލީގުގައި ޔުނައިޓެޑަށް ދެ މެޗު ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

ވެހޯސްޓް (ކ)، ޔުނައިޓެޑަށް ފުރަތަމަ ގޯލު ޖަހައިދިނުމަށް ފަހު، މި މެޗްގެ ކުރިން އޭނާ ވަނީ ލީގުގައި ޔުނައިޓެޑަށް ދެ މެޗު ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޔުނައިޓެޑުގެ ދެ ވަނަ ގޯލު ޖަހައިދިނީ މި ޓްރާންސްފާ ބާޒާރުގައި އެޓީމުން ލޯނު އުސޫލުން ގެނައި ސްޓްރައިކަރު ވައުޓް ވެހޯސްޓް އެވެ. އެންޓޮނީ ގެ ހަމަލާއެއް ފޮރެސްޓްގެ ކީޕަރު ވޭން ހެނެސީ ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ ގޯލަށް ފޮނުވާލައިގެން، މިއީ ވެހޯސްޓް ޔުނައިޓެޑަށް ބަދަލުވެ ޖަހައިދިން ފުރަތަމަ ގޯލެވެ.

"އެ ގޯލު އޭނާ [ވެހޯސްޓް] އަށް ވަރަށް މުހިއްމު. ގޯލު ޖެހުމުން އޭނާ އަށް އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑު ވާނެ،" ކޯޗު އެރިކް ޓެން ހަގް ބުންޏެވެ.

ތިން ވަނަ ގޯލު ފެނާންޑޭޒް ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށެވެ.

ޔުނައިޓެޑްގެ ފުރަތަމަ ގޯލަށް ފަހު ފޮރެސްޓްގެ ސޭމް ސަރިޖް ގޯލެއް ޖެހި ނަމަވެސް މޯގަން ގިބްސް-ވައިޓް އޭނާ އަށް ޕާސް ދިން އިރު އޮފްސައިޑް ގައި ހުރުމުން ވީއޭއާރުން ގޯލު ބަލައި ނުގަންނަން ނިންމީ އެވެ.

ސެމީ ފައިނަލްގެ ދެވަނަ ލެގު ކުޅޭނީ ޔުނައިޓެޑްގެ ދަނޑުގަ އެވެ. އެ މެޗު އޮންނާނީ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރެވެ.

ދެ ވަނަ ލެގުގެ ކުރިން ޔުނައިޓެޑަށް އެފްއޭ ކަޕް ހަތަރު ވަނަ ބުރުގެ މެޗު ކުޅެން ޖެހޭނެ އެވެ. ހޮނިހިރު ދުވަހުގެ ރޭ (ޖެނުއަރީ 28 ވަނަ ދުވަހުގެ ރޭ) ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އަމިއްލަ ދަނޑުގައި އެޓީމު ނުކުންނާނީ ރެޑިން އާ ދެކޮޅަށެވެ.