Roadha Mihaaru
އެނބުރި އައިސް ފުރަތަމަ މެޗުގައި މެސީ ގޯލު ޖަހައިފި

ވޯލްޑް ކަޕަށް ފަހު އެނބުރި އައިސް ފުރަތަމަ މެޗުގައި މެސީ ގޯލު ޖަހައިފި

12 ޖެނުއަރީ 2023

ޕެރިސް (ޖެނުއަރީ 12) - ވޯލްޑް ކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގޯލު ޖަހައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޕެރިސް (ޖެނުއަރީ 12) - ވޯލްޑް ކަޕަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގޯލު ޖަހައިފި އެވެ.

ފްރާންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ މޮޅުވީ ލީގު ފުލުގައި އޮތް އޯޖާސް އާ ވާދަކޮށް 2-0 އިންނެވެ.

މެޗުގެ ފަސްވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ހޫގޯ އެކިޓިކޭ އެވެ. މެސީ އެޓީމަށް ލީޑު ފުޅާ ކޮށްދިނީ 72 ވަނަ މިނިޓުގައި ޖަހައިދިން ގޯލުންނެވެ. މެސީގެ ގޯލު ލައިންސްމަން އޮފްސައިޑް ކަމަށް ފުރަތަމަ ނިންމުމުން އެ ގޯލު ބަލައިގަތީ ވީއޭއާރު ރިވިއު އަށް ފަހު އެވެ. ޕީއެސްޖީގެ ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކުރީ ވެސް ނޯޑީ މުކިއެލޭ އެވެ.

ނޭމާ އެޓީމަށް ތިންވަނަ ގޯލެއް ޖަހަން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އެފަހަރު އޭނާ ވަނީ އޮފްސައިޑް ވެފަ އެވެ.

ސާޖިއޯ ރާމޯސް އާއި މުކިއެލޭ ބޮލުން ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް އޯޖާސްގެ ކީޕަރު ޕޯލް ބާނާޑޯނީ ވަނީ ދިފާއު ކޮށްފަ އެވެ.

ލީގު ދެވަނައިގައި އޮތް ލެންސް ރޭ ކުޅުނީ އޯޖާސް އާ އެއް ދަރަޖަ ކުރީގައި އޮތް ސްޓްރާސްބޯގާ ދެކޮޅަށެވެ.

ސްޓްރާސްބޯގުގެ ސަނޑުގައި ކުޅުނު އެ މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މިއާ އެކު ޕީއެސްޖީ އަށް ވަނީ ލީގު އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ޕީއެސްޖީ އެއްވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލެންސް އަށް ލިބެނީ 41 ޕޮއިންޓެވެ.