Roadha Mihaaru
ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލަން ރައީސް ތައްޔާރު

އައްޑޫ މީހުން ބޭނުން ނަމަ ޝަންގްރިއްލާގައި ދިވެހި ސަރުކާރުގެ ހިއްސާ ދޫކުރަން ރައީސް ތައްޔާރު

13 ޖެނުއަރީ 2023

އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެވެން އޮތީ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށާއި އައްޑޫގެ މީހުން ބޭނުން ނަމަ އެ ކަން ކުރަން އެ މަނިކުފާނު ތައްޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ސ. ފޭދޫން އަހުމަދު ހަމްދޫން

އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެވެން އޮތީ ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށާއި އައްޑޫގެ މީހުން ބޭނުން ނަމަ އެ ކަން ކުރަން އެ މަނިކުފާނު ތައްޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ޖަލްސާގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުރިން ސަރުކާރާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ޝަންގްރިއްލާ ހިންގަމުން އައި ނަމަވެސް އެ ތަނަށް "ވާނުވާ" އެއްވެސް ސަރުކާރަކުން ނުބަލާ ކަމަށެވެ. އެންމެ ފަހުން އެ ރިސޯޓުގެ އޮޕަރޭޝަން ހުއްޓުމުން، އެ ތަން އަލުން ހުޅުވަން މި ސަރުކާރުން ބެލިއިރު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވަމުންދާ ކަން ފާހަގަވި ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައި،"--- ރައީސް

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެ ފަދަ ޖޮއިންޓް ވެންޗާއެއްގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ވިޔަފާރިއެއް ނުކުރެވޭނެ އެވެ. އެހެންވެ، ޝަންގްރިއްލާ ހުޅުވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާރު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ހިއްސާ ދޫކޮށްލަން ބެލިއިރުގައި މިވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ. އެއްވެސް ސަރުކާރަކުން ނެތް މި އަށް ބަލާފައި. ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު ހެދެން އޮތް ހަމައެކަނި ގޮތަކީ ކުންފުނީގެ ދަރަންޏާއި ހިއްސާއާ އަޅާ ކަނޑައި ޝަންގްރިއްލާ ދޫކޮށްލުމެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމުގައި ވަންޏާ އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފައި އެ ކަން ކުރެވޭނެ ގޮތެއް ހޯދަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދެން އޮންނާނީ މިހާތަނަށް އެ ކަން ނުކުރި ބަޔަކު ހޯދައި ފިޔަވަޅު އެޅުން ކަމަށެވެ. އެހެންވެ އައްޑޫ މީހުން ބޭނުން ނަމަ ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލައި، އިހުމާލުވީ ބަޔަކު ހޯދަން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އޮޕަރޭޝަން ހުއްޓި ގިނަ ދުވަސްތަކެއް ވެފައިވާ ޝަންގްރިއްލާ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 ޕަސަންޓު އޮވެ އެވެ. ޓޫރިޒަމް ގާނޫނު އިސްލާހު ކުރަން ނިންމީ ސަރުކާރުގެ ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް މަގުފަހި ކުރުމަށެވެ.