Roadha Mihaaru
ޓޫރިޒަމުން އެކަނި 9،000 ވަޒީފާ މި އަހަރު އުފެދޭނެ

ޓޫރިޒަމުން އެކަނި 9،000 ވަޒީފާ މި އަހަރު އުފެދޭނެ: ރައީސް

04 ފެބުރުއަރީ 2021

ޓޫރިޒަމް ދާއިރާއިން މި އަހަރު އެކަނި 9،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޓޫރިޒަމް ދާއިރާއިން މި އަހަރު އެކަނި 9،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަލަށް 18 ރިސޯޓް ހުޅުވައި 5،062 އެނދު މާކެޓަށް ނެރެވޭނެ ކަމަށެވެ. މިއީ އަލަށް އުފެދޭނެ ގިނަ އަދަދެއްގެ ވަޒީފާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19އާ އެކު ޓޫރިޒަމް ވެސް ހީނަރުވެފައި އޮތުމަށް ފަހު މި އަހަރަކީ އެ ދާއިރާ ކޮޅަށް ޖަހަން ގިނަ މަސައްކަތްތައް ރާވާފައިވާ އަހަރެކެވެ. އެއްކަމަކަށް އޮތީ މީހުން ބިނާކުރުން ކަަމަށް ވިދާޅުވި އެވެ.

އެކި ދާއިރާތަކުން އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީންކުރަން ނިންމާފައިވާ އިރު އޭގެތެރޭގައި ޓޫރިޒަމް ދާއިރާ ހިމެނޭނެ ކަަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް އަލުން ދިރުވާއިރު އޭގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އަމާޒެއް ކަަމަށެވެ. އެ އަމާޒަށް ވާސިލްވާން ރަށު ޓޫރިޒަމް ފުޅާކޮށް، ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް ރަށްރަށުން ބިން ދޫކުރަން އޮތީ ނިންމައިފަ އެވެ.

ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ، ޓޫރިޒަމްގެ ފުޅާކުރަން ކުރާ މުހިއްމު ކަމެއް ކަން ފާހަގަކުރެއްވި އެވެ.