Roadha Mihaaru
ޓޫރިޒަމްގެ މީހުންނަށް 2ދުވަހުގެ ޗުއްޓީ ލިބޭގޮތް ހަދަނީ

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހަފުތާއަކު ދެ ދުވަހުގެ ޗުއްޓީ ލިބޭނެ ގޮތް ހަދަނީ

27 ސެޕްޓެމްބަރ 2023

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

އެއީ ގިނަ އާއިލާތަކެއް ބަލަހައްޓާ ބަޔަކަށް ވާއިރު، އެ ދާއިރާއާ ގުޅޭގޮތުން ހިތްހަމަޖެހޭ ކަންތައްތަކާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރިކަން ފާހަގަކުރައްވާފައިވާ ކަމަށް، ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.

މިނިމަން ވޭޖު ކަނޑައެޅުމާއި އިތުރު ގަޑީގެ އިނާޔަތާ ގުޅޭ ނިންމުމަކީ އެ މުވައްޒަފުންނަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. ރިސޯޓްތަކުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުން ހިމެނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދައި، އެ އެންމެންގެ ލަފާގެ މަތިން ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުމަށް އެ ބޭފުޅުން ލަފާ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކޮމިޓީ އުފައްދާނެ ކަމަށެވެ.

ދެ ވަނަ ކަމަކަށް، ހަފުތާއަކު މަސައްކަތްކުރާ 48 ގަޑިއިރު 40 ގަޑިއިރަށް މަދުކޮށް، ހަފުތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދުނު ކަމަށް ވިދާޅުވި އެވެ. މިނިމަން ވޭޖު ކަނޑައެޅި ގޮތަށް ރިސޯޓު އޯނަރުންނާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރިސޯޓުތަކުގެ އިސް މަގާމުގައި ތިބޭ މައްސަލައަށް ހައްލު ހޯދުމަށް، އެ މަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް ޓޫރިޒަމް އިންޑްސްޓްރީއަށް ސްކޮލަޝިޕް ސްކީމެއް އުފައްދައި އޭގެ ދަށުން ޖެނެރަލް މެނޭޖަރުންނާ ހިސާބަށް މީހުން ތަމްރީނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.