Roadha Mihaaru
އިނގިރޭސި ވިލާތުން ޔޫކްރޭނަށް ބަރު ހަތިޔާރާއި ޓޭންކު

އިނގިރޭސި ވިލާތުން ޔޫކްރޭނަށް ބަރު ހަތިޔާރާއި ޓޭންކު ފޮނުވަނީ

15 ޖެނުއަރީ 2023

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ބަރު ހަތިޔާރާއި ޓޭންކުތައް ފޮނުވަން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރޭން ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ބަރު ހަތިޔާރާއި ޓޭންކުތައް ފޮނުވަން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ބޮޑުވަޒީރު ރިޝީ ސުނަކް އިއްޔެ ވަނީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވައި، އިނގިރޭސި ވިލާތުން ފޮނުވާ އަސްކަރީ އެހީގެ ތަފްސީލުތައް އޭނާއާ ހިއްސާ ކުރައްވައިފަ އެވެ. އެ ގޮތުން ޗެލެންޖަރު ދޭއް މަރުކާގެ 14 ޓޭންކާއި ބޮޑުބަޑި އާއި އެތަކެއްޗަށް ބޭނުންވާ އެހެން ސާމާނު ހިމެނޭނެ އެވެ.

މި އެހީއާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވީ އެ ގައުމުގައި އުފައްދައި ބޭނުންކުރަމުން އަންނަ އެންމެ ވަރުގަދަ ޓޭންކް ޔޫކްރޭނަށް ދިނުމުން، ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި ގައުމުން ބޭލުމުގައި ޔޫކްރޭން ސިފައިންނަށް ބޮޑު އެހީއަކަށް ވާނެ އެވެ.

ޖެނުއަރީ 14، 2023؛ ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި، ޔޫކްރޭންގެ ޑިނިޕްރޯ ސަހަރުން ހަލާކުވި އިމާރަތްތަކެއްގެ ތެރެއިން ދިރިހުރި މީހަކު ފެނޭތޯ، އެހީތެރިވާ ޖަމާއަތްތަކުން މަސައްކަތް ކުރަނީ. --އޭއެފްޕީ

ޖެނުއަރީ 14، 2023؛ ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކެއްގައި، ޔޫކްރޭންގެ ޑިނިޕްރޯ ސަހަރުން ހަލާކުވި އިމާރަތްތަކެއްގެ ތެރެއިން ދިރިހުރި މީހަކު ފެނޭތޯ، އެހީތެރިވާ ޖަމާއަތްތަކުން މަސައްކަތް ކުރަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގައި 1990ގެ އަހަރުތަކުގައި އުފައްދާފައިވާ ޗެލެންޖަރު ދޭއް މަރުކާގެ ޓޭންކަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވިޔަސް، އެއީ ޔޫކްރޭންގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ފަހުގެ ޓޭންކަށް ވެގެންދާނެ އެވެ.

މި އެހީއާ ގުޅޭ ގޮތުން ރައީސް ޒެލެންސްކީ ވިދާޅުވީ އިނގިރޭސި ވިލާތުގެ މި އެހީއަކީ، ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ޔޫކްރޭންގެ ލަޝްކަރުތައް ވަރުގަދަވެގެންދާނެ އެހީއެއް ނޫން ކަމަށެވެ. އޭގެ އިތުރުން، މި އެހީއަކީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދޭ އެހެން ގައުމުތަކަށް ހުރި ވަރަށް ރަނގަޅު މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އިތުރުން ޕޮލެންޑުން ވެސް މިހާރު ވަނީ ޔޫކްރޭނަށް ޓޭންކުތަކެއް ފޮނުވަން ނިންމައިފަ އެވެ. ޕޮލެންޑުން ޔޫކްރޭނަށް ފޮނުވާނީ، ޖަރުމަން ވިލާތުގައި އުފައްދާފައިވާ ލެޕާޑް މަރުކާގެ 14 ޓޭންކެވެ. އަދި އެމެރިކާގައި އުފައްދާފައިވާ އަބްރާމް މަރުކާގެ ޓޭންކުވެސް ޔޫކްރޭނަށް ހޯދުމަށް އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ވިލާތުގެ އިތުރު އަސްކަރީ އެހީތަކެއް މި އިއުލާން ކުރީ، ރަޝިޔާ ސިފައިންގެ ވަރުގަދަ މިސައިލް ހަމަލާތަކެއް ޔޫކްރޭންގެ މުހިންމު ބައެއް ސަރަހައްދުތަކަށް ދެމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޚަރްކީވް އާއި ހުޅަނގުގައި އޮންނަ ލިވީވް ސަހަރު ހިމެނެ އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި މިދިޔަ ދެ ދުވަހު ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތައް އަމާޒުކުރީ މުޅިން ވެސް އާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އެ ހަމަލާތަކުގައި މަދުވެގެން 12 މީހަކު މަރުވެ 60 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.