Roadha Mihaaru
އިނގިރޭސި ސިފައިން ތިބެންޖެހޭނީ ތައްޔާރީ ހާލަތުގައި

އިނގިރޭސި ސިފައިން ތިބެންޖެހޭނީ ހަނގުރާމައަށް ތައްޔާރުވެގެން

20 ޖޫން 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފަސް ވަނަ މަހަށް އަޅައިގަންނަމުން ދާއިރު، ޔޫރަޕްގައި އަނެއްކާ ވެސް ކުރަންޖެހިދާނެ ހަނގުރާމައަކަށް ފުރިހަމަ އަށް ތައްޔާރުވެ ތިބުމަށް، އިނގިރޭސި ވިލާތުގެ ސިފައިންނަށް، އެ ގައުމުގެ ސިފައިންގެ ވެރިޔާ ގޮވާލައްވައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފަސް ވަނަ މަހަށް އަޅައިގަންނަމުން ދާއިރު، ޔޫރަޕްގައި އަނެއްކާ ވެސް ކުރަންޖެހިދާނެ ހަނގުރާމައަކަށް ފުރިހަމަ އަށް ތައްޔާރުވެ ތިބުމަށް، އިނގިރޭސި ވިލާތުގެ ސިފައިންނަށް، އެ ގައުމުގެ ސިފައިންގެ ވެރިޔާ ގޮވާލައްވައިފި އެވެ.

އިނގިރޭސި ސިފައިންގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފްގެ މަގާމާ މިދިޔަ ހޯމަ ދުވަހު ހަވާލުވި، ޖެނެރަލް ޕެޓްރިކް ސޭންޑާޒް، ސިފައިންގެ ވަކިވަކި ޔުނިޓްތަކަށް މި ހަފުތާގައި ފޮނުއްވި ސިޓީއެއްގައި، ޔޫކްރޭން ހަނގުރާމައާ ގުޅިގެން، އިނގިރޭސި އަސްކަރިއްޔާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައިވެ އެވެ. އެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، އޭނާ ވިދާޅުވެފައިވަނީ، ރަޝިޔާގެ ލަޝްކަރު ބަލިކުރެވޭ ވަރުގެ ލަޝްކަރެއް އިނގިރޭސި ވިލާތުގައި އުފައްދަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ވިލާތުގެ ބައިވެރިންނާ އެކުގައި، ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކޮށް ރަޝިޔާގެ ލަޝްކަރު ބަލިކުރެވޭ ވަރުގެ ގާބިލު ލަޝްކަރެއް އިނގިރޭސި ވިލާތުގައި އޮންނަންޖެހޭ ކަމަށެވެ. ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އަނެއްކާ ވެސް ޔޫރަޕްގައި ކުރަންޖެހިދާނެ ހަނގުރާމައަކަށް އިނގިރޭސި ލަޝްކަރު ތައްޔާރުކުރުމުގެ ޒިންމާ އޮތީ، މިއަދު އަސްކަރިއްޔާ ހިންގުމާ ހަވާލުވެ ތިބި މީހުންނަށް ކަމަށް ވެސް ޖެނެރަލްގެ ސިޓީގައިވެ އެވެ.

އޭނާ މި މޭރުމުން ސިފައިންގެ އިސް ވެރިންނަށް ސިޓީއެއް މި ފޮނުއްވީ، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް އެފަދަ އިޝާރާތެއް ދެއްވާފައި ވަނިކޮށެވެ. ޔޫކްރޭނަށް ކުރެއްވި ޒިޔާރަތަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެން، ބޮރިސް ޖޯންސަން ވިދާޅުވީ ދިގު މުއްދަތަކަށް ދެމިގެން ހިނގައިދާނެ ހަނގުރާމައަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ.

ބޮރިސް ޖޯންސަން މިދިޔަ ހުކުރު ދުވަހު ޔޫކްރޭނަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު، ވިދާޅުވީ ޔޫކްރޭން ހަނގުރާމަ މިހާރު މުޅިން އާ ފިޔަވައްސަކަށް ވަންނަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ކުރިއެރުންތައް ލިބެމުންދާ ނަމަ، ޔޫކްރޭނުން ރަޝިޔާ ސިފައިން ބޭލުމަކީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިކަން ކުރިއަށް ނެރެގެންވިޔަސް، ރަޝިޔާގެ ފުރިހަމަ ބާރުގެ ދަށަށް ޔޫކްރޭން ގެންދިއުމަށް، ރައީސް ޕުޓިން މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، އަހަރެމެން ވެސް ތިބެންޖެހޭނީ، ދިގުދެމިގެން ހިނގައިދާނެ ފަދަ ހަނގުރާމައަކަށް ވަނުމަށް ފުރިހަމަ އަށް ތައްޔާރުވެގެން،" ޔޫކްރޭނަށް ކުރެއްވި ދަތުރަށް ފަހު، ޓައިމް މަޖައްލާގައި ލިޔުއްވި ކޮލަމެއްގައި ބޮރިސް ޖޯންސަން ވިދާޅުވި އެވެ.

ޔޫކްރޭން ހަނގުރާމަ ފެށިގެން ދިޔައީ، އިނގިރޭސި ވިލާތުގެ އެއްގަމު ސިފައިންގެ އަދަދު މަދުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވަނިކޮށެވެ. އެ ގައުމުގެ އެއްގަމު ލަޝްކަރުގައި މިހާރު ތިބެނީ 82000 ސިފައިންނެވެ. ބޮޑުވަޒީރުގެ އާ ސިޔާސަތުގެ ދަށުން، އެ ގައުމުގެ އެއްގަމު ލަޝްކަރުގެ އަދަދު، 2025 ވަނަ އަހަރުގެ ނިޔަލަށް 72500 އަށް މަދުކުރުމަށް ވަނީ ނިންމައިފަ އެވެ.

އެ އަދަދަށް އެއްގަމު ސިފައިންގެ އަދަދު މަދުކޮށްފި ނަމަ، އެއީ 1714 ވަނަ އަހަރުގެ ފަހުން އެ ގައުމުގެ އެއްގަމު ލަޝްކަރުގެ އަދަދު މިހާ މަދުކުރެވޭ ފުރަތަމަ ފަހަރަށް ވާނެ އެވެ. ސިފައިންގެ އަދަދު މަދުކުރިޔަސް، ޒަމާނީ އަސްކަރީ ޓެކެންލޮޖީ އާއި އަސްކަރީ އިލެކްޓްރޯނިކް ގާބިލުކަން އިތުރުކުރުމުން، އަސްކަރީ ގާބިލުކަން ދަށެއް ނުވާނެ އެވެ.