Roadha Mihaaru
ގޯތީގެ ހައްގު ގެއްލުނު މީހަކަށް ސުޕްރީމްކޯޓުން ކާމިޔާބު

ގޯތި ހޯދުމުގެ ހައްގު ގެއްލުނު މީހަކަށް ހަތް އަހަރު ފަހުން ކާމިޔާބު

15 ޖެނުއަރީ 2023

ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުން ކަމަށް ބުނެ އދ. މާމިގިލިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު އަންހެނަކަށް ހަތް އަހަރު ފަހުން ސުޕްރީމް ކޯޓުގައި މިއަދު ކާމިޔާބު ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުން ކަމަށް ބުނެ އދ. މާމިގިލިން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު އަންހެނަކަށް ހަތް އަހަރު ފަހުން ސުޕްރީމް ކޯޓުގައި މިއަދު ކާމިޔާބު ލިބިއްޖެ އެވެ.

މާމިގިލީން ގޯތި ދޫކުރަން 2016 ވަނަ އަހަރު އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި އަންހެނެއްގެ ފޯމް އެ ކައުންސިލުން ބާތިލްކުރީ އޭނާގެ ފިރިމީހާގެ ނަމުގައި ވިލިމާލޭގައި ގޯއްޗެއް އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އޭނާ އާއި ފިރިމީހާ މާލޭގައި އުޅެމުން ދިޔައީ ކުއްޔަށެވެ.

މާމިގިލިން ގޯތި ދޫކުރަން އޭރު ހެދި އުސޫލުގައި ވެސް، ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި އިތުރު ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި ހިމަނާފައެއް ނުވެ އެވެ. އެކަމަކު މާމިގިލީ ކައުންސިލުން އެ މީހާގެ ފޯމް ބާތިލްކުރީ ދެމަފިރިންގެ ގޯތި ނުލިބޭނެ ކަމަށް އިއުލާނުގައި އޮންނާތީ ކަމަށް ބުނެ އެވެ.

އިއުލާނުގައި އެގޮތަށް ބަޔާން ކޮށްފައި އޮތަސް، ގޯތި ލިބޭ މީހުންގެ ޝަރުތެއްގެ ގޮތުގައި އެކަން ހިމަނާފައެއް ނެތެވެ. އޭރު އެފަދަ ޝަރުތެއް ހިމަނާނަމަ، ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭއިރު، އެފަދަ ހުއްދައެއް ވެސް މާމިގިލީ ކައުންސިލުން ހޯދާފައެއް ނެތެވެ.

އަންހެން މީހާއާ ދެކޮޅަށް މާމިގިލީ ކައުންސިލާއި ހައި ކޯޓުން ވެސް މައްސަލަ ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި އުސޫލުގައި ބަޔާން ކޮށްފައި ނެތް ކަމަށެވެ. އަދި އެފަދަ ޝަރުތެއް ހިމެނެނީ ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވާއިރު އެފަދަ ހުއްދައެއް ވެސް އެ މިނިސްޓްރީން ދީފައިނުވާ ކަމަށާއި އެހެންވެ، އެ މީހާގެ ފޯމް ކައުންސިލުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ މާމިގިލިން އިތުރަށް ގޯތި ދޫކުރާއިރު، އެ މީހާ ގޯއްޗަށް ޝަރުތު ހަމަވޭތޯ ބެލުމަށެވެ. އަދި އޭނާގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމަކީ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި ނުބެލުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.