Roadha Mihaaru
އަނބިމީހާގެ ހޭދަ ފިރިމީހާ ދޭންޖެހޭނެ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ބޮޑު ހުކުމެއް؛ ދިރިއުޅުމަށް އަނބިމީހާ ކުރި ހޭދަ ވަރީގެ ފަހުން ވެސް ދޭން ޖެހޭނެ!

31 މެއި 2023

ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކައިވެނި މަތީގައި ދެމަފިރިންގެ ދިރިއުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ޚަރަދެއް އޮތް ނަމަ ކައިވެނި ނިމުމަކަށް އައުމަށް ފަހުގައި ވެސް ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ދ. ކުޑަހުވަދޫ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް އެތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް އޭގެ ކުރިން ކައިވެނި ރޫޅުމުން ދިމާވި މައްސަލައެއްގައި އަންހެން މީހާ ކުރި ދައުވާއެއްގަ އެވެ.

ގެޔަށް ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދަން އަންހެން މީހާ ދައުވާކުރީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް ގެއިން ބައެއް ދޭން އެދުމުން ފިރިހެން މީހާ އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުންނާއި ހައި ކޯޓުން ވެސް އަންހެން މީހާ އަށް ނާކާމިޔާބު ވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ބެލި މައްސަލައިގެ ހުކުމް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފެއްޓެވީ ކައިވެނީގެ އަގުދުގެ ހާއްސަކަމާ މެދު ރޫމު ސޫރަތުގެ 21 ވަނަ އާޔަތުގައިވާ ވާހަކައިންނެވެ.

"ކައިވެންޏަކީ އަގުދެކެވެ. އެއްބަސްވުމެކެވެ. ނަމަވެސް މިއީ އާދައިގެ އެއްބަސްވުމެއް ނޫނެވެ. މިއީ މަތިވެރި އެއްބަސްވުމެކެވެ. މި އެއްބަސްވުން ދެމި އޮތުމުގެ މައިގަނޑު އަސާސަކީ ދެމަފިރިންގެ ދެމެދުގައި އޮންނަ މަވައްދަތާއި ރަޙުމަތެވެ. ނުވަތަ ލޯތްބާއި އޯގާތެރިކަމެވެ."

މި އާޔަތާ އެކު ފަނޑިޔާރު ވިދާޅުވީ ކައިވެންޏަކީ އާދައިގެ އެއްބަސްވުމެއް ނޫން ކަމަށާއި އެހެން އެއްބަސްވުންތަކާ ހިލާފަށް މި އެއްބަސްވުމުގެ ބައިވެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. ކައިވެނީގައި އަނބިމީހާ އަށް ހަރަދުކޮށް ބެލެހެއްޓުން ކީރިތި ގުރުއާނުގައި ފިރިމީހާ އަށް މަތިކޮށްފައި އޮންނަ ކަމަށާއި އެކަމަކު ދެމަފިރިން އެކަކު އަނެކަކަށް ހަރަދު ކުރުމަކީ އިސްލާމީ ޝަރީއަތް މަނާކުރާ ކަމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު ހުކުމުގައިވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ޚަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށް

މި މައްސަލާގައި ކަން ހިންގާފައިވާ ގޮތަށް ބަލައި ހުކުމުގައި ބުނެފައި ވަނީ ފިރިހެން މީހާ އަށް ލިބުނު ގޯތީގައި ވެސް އަންހެން މީހާގެ މަސްލަހަތު ހިމެނޭ ކަމަށެވެ. އެއީ ދެމަފިރިންނަށް ގޯތި ލިބޭ ނަމަ އެތަނުން އެކަކަށް ގޯތި ދޭން އުސޫލު ހަދާފައި އޮތުމާއި ކައިވެނިކޮށްގެން އުޅޭތީ ފިރިހެން މީހާއަށް ޕޮއިންޓް ލިބިފައި ވެސް ވާތީ އެވެ.

ފިރިހެން މީހާ މި މައްސަލާގައި ބުނެފައިވަނީ ގެ އަޅަން ބޭންކުން ނެގި ލޯނަށް އަންހެން މީހާ ފައިސާ ދެއްކި ކަމަށާއި އެކަމަކު ދެއްކީ ކިހާ ފައިސާއެއްކަން ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު އަންހެން މީހާ ވަނީ އޭނާ ކުރި ހޭދަތައް ސާބިތުކޮށްދޭން ލިޔެކިޔުން ހުށަހަޅައިފަ އެވެ. ފިރިހެން މީހާ ބުނެފައިވާ ގޮތުގައި އަންހެން މީހާ ކުރި ހޭދަ އަކީ ލިޔެކިޔުމުން، އަނބުރާ ދައްކާގޮތަށް ކުރި ހަރަދެއް ނޫން ކަމަށެވެ.

އެކަމަކު ހުކުމުގައި ވަނީ އެއްބަސްވުމަކާ ހަމައަށް ވާސިލުވުމުގެ ކުރިން އެއްބަސްވުމުގެ ބައިވެރިޔަކު ކުރިކަން ސާބިތުވާ ހަރަދު، ނުވަތަ އެއްބަސްވުމުގެ ބައިވެރިޔަކަށް ލިބުން ހައްގު މިންވަރު ނަގައި ދިނުމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް އޮތުން ލާޒިމު ނޫން ކަމަށެވެ.

"މި ހާލަތުގައި ލާޒިމު ވަނީ އެ ޚަރަދު ކުރިކަން ޝަރީއަތަށް ސާބިތުވުމެވެ. އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް މަންފާއެއް ލިބިފައިވުމެވެ. އަދި މި ޚަރަދު އަނބުރާ ނުލިބިއްޖެ ނަމަ، އެ ޚަރަދުގެ ސަބަބުން އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ނުހައްގު މަންފާއެއް ލިބިގެން ދިއުމެވެ." ހުކުމުގައިވެ އެވެ.

ފިރިހެން މީހާ އެންމެ ބޮޑު ދިފާއެއްގެ ގޮތުގައި ބުނެފައިވަނީ އަނބިމީހާ ކޮށްފައިވާ ހަރަދުތައް ވަރިވާ ފަހުން އަނބުރާ ދައްކަން ޖެހިއްޖެ ނަމަ، ބޮޑެތި އަދަދުތައް ހޯދުމަށް ދައުވާކުރާނެ ކަމަށެވެ. އަދި އެކަމަކީ ވަރަށް ބޮޑު ބޭއިންސާފަކަށް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއްކޮޅުން ބުނަމުން އައީ އަނބިމީހާ އަށް ހަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް އިސްލާމީ ޝަރީއަތުން ލާޒިމްކުރާ ކަމަކަށް ވާއިރު އަނބިމިހާ ފިރިމީހާއަށް ކުރި ހޭދަ އެއީ ތަބައްރުއު [ހަދިޔާ/ސަދަގާތް] ފަދަ އުސޫލުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދިން އެއްޗެއްކަން ފިރިހެން މީހާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެކަމަކު ފިރިހެން މީހާ ބުނަމުން އައީ އެއީ ހަދިޔާގެ އުސޫލުން ކޮށްދީފައިވާ ހުރި ކަންތައްތައް ކަމަށެވެ.

ފަނޑިޔާރު މަހާޒްގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ތާއީދާ އެކު ކުރެއްވި ހުކުމުގައި ކުޑަހުވަދޫ ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ވަނީ ނިންމަވައިފަ އެވެ. އަދި މައްސަލާގައި ހިމެނޭ އިމާރާތް އަގުކޮށް، އެ އަގުގެ ދެބައިކުޅަ އެއްބައި އަންހެން މީހާ އަށް ލިބެން ޖެހޭނެ ކަމަށް ކަނޑައެޅުއްވި އެވެ. އެހެންވެ އެ ބައި ލިބިދިނުމަށް، މި މައްސަލަ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކުރީ އެވެ.