Roadha Mihaaru
ލިލީ ކޯޗިން ތެރެއަށް، އެކަމަކު ކުޅުން ހުއްޓާނުލާނެ

ލިލީ ކޯޗިން ތެރެއަށް، އެކަމަކު ކުޅުން ހުއްޓާނުލާނެ

18 ޖެނުއަރީ 2023

މާޒިޔާގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ކުޅުން ހުއްޓާނުލާ ކޯޗިން ތެރެއަށް ނުކުމެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާޒިޔާގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) ކުޅުން ހުއްޓާނުލާ ކޯޗިން ތެރެއަށް ނުކުމެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ އެކަޑަމީ "އާލީ ޓަޗް' ގައި ލިލީ މިހާރު ވަނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށައިފަ އެވެ.

ގައުމީ ޓީމަށް ވެސް ކުޅުނު ލިލީ، 35، ބުނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. ކޯޗިން ތެރެއަށް މިހާރު ފެށިގެން ނުކުތީ އެކަމަށް އޮތް ޝައުގެއްގެ ބޮޑު ކަމުން ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ނިއު ރޭޑިއަންޓްގެ ފަހަތް ވެސް ބެލެހެއްޓި ކަނާތު ބެކް ބުންޏެވެ.

"ޓޮޕް ލެވަލްގައި އަދި ވެސް އަޅުގަނޑަށް ކުޅެވޭނެކަމަށް ގަބޫލު ކުރަނީ. އެހެންވީމާ އަދި ކުޅުން ހުއްޓާލަން ނިންމީކީ ނޫން. ނަމަވެސް ކޯޗުކޮށް ދިނުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް،" އޭއެފްސީ ސީ ލައިސަންސް ކޯޗިން ހާސިލްކޮށްފައިވާ ލިލީ ބުންޏެވެ.

އަމިއްލަ ރަށް، ޅ. ހިންނަވަރުގައި ވެސް އެކަޑަމީއެއް ހިންގާ ލިލީ ބުނީ ކުޅުން ހުއްޓާލާ ހިސާބުން ކޯޗިން ތެރެއަށް ރަސްމީކޮށް ނުކުންނަން ވިސްނުން ގެންގުޅޭ ކަމަށެވެ.

މާޒިޔާ އަށް މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ހޯދައި ދޭން ހިއްސާވި ލިލީ، ޝީލްޑް އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން: އޭނާ ބުނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް --- ފައިލް ފޮޓޯ: މާޒިޔާ

މާޒިޔާ އަށް މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ހޯދައި ދޭން ހިއްސާވި ލިލީ، ޝީލްޑް އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން: އޭނާ ބުނީ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް --- ފައިލް ފޮޓޯ: މާޒިޔާ

"ރާއްޖޭގެ އެންމެ މަތީ ލެވަލްގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސްނުން އެބަ ހުރި. އެންމެ ފުރަތަމަ ވެސް އެންމެ ޖޫނިއާ ކުދިންނަށް ކޯޗު ކޮށްދޭން ފުރުސަތު ލިބުން މީ ރަނގަޅު ފެށުމެއް ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ބުންޏެވެ.

"މިހިސާބުން ފެށީމަ ވަރަށް ގިނަކަންކަން ދަސް ކުރެވޭނެ. ސެލްފް ޑިވެލޮޕްމެންޓަށް ބެލިޔަސް މިއީ ވަރަށް ރަނގަޅު ހިސާބެއް [ޖޫނިއާ ކުޅުންތެރިންނާ އެކު] ކޯޗެއްގެ ގޮތުގައި މަސައްކަތް ފަށަން. ރާއްޖޭގެ ކޯޗިން ލެވަލް އަދި ވެސް ކުރި އަރަން ޖެހޭ މިންވަރަށް ކުރި ނާރާ. އެންމެ މަތީ ލެވަލްގައި ކުޅެފަ އެ ތަޖުރިބާކޮށްފަ ދެން މިހާހިސާބުން ފެށައިގެން ކޯޗެއްގެ ކުރިއަށްދާން ފެށީމަ ހެޑް ކޯޗެއްގެ ގޮތުގައި ޓީމެއް މެނޭޖު ކުރަން ވެސް ރަނގަޅު ކަންތައްތަކެއް އެޕްލައި ކުރެވޭނެ."

ލިލީ ބުނީ ކުޅުންތެރިންގެ ޝައުގުވެރިކަން ޓްރޭނިންގައި ނުގެއްލޭނެ ގޮތަށް ޓްރޭނިންތައް ބައްޓަން ކުރަން އެކަޑަމީގެ މަސައްކަތުގެ ތެރެއިން ދެނެގަނެވޭނެ ކަމަށާއި އެކްޓިވްކޮށް ސީނިއާ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ތައްޔާރުވާން މިއީ ރަނގަޅު ފެށުމެއް ކަމަށެވެ

އާލީ ޓަޗްގައި ކޯޗުކޮށް ދިނުމުގެ އިތުރަށް އެ އެކަޑަމީ ހިންގުން ވެސް މިހާރު ވަނީ އޭނާ އާ ހަވާލުކޮށްފަ އެވެ. އެ އެކަޑަމީ އުފައްދައި އަދި އެންމެ ގިނަ ދުވަހު ކޯޗުކޮދިނީ މިހާރުގެ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެވެ.

ގައުމީ ޓީމަށް ވެސް ކުޅެފައިވ ލިލީ ބުނީ އާލީ ޓަޗްގެ މަސައްކަތުގައި އުޅެން ޖެހުނަސް ހިންނަވަރުގައި ހިންގާ އޭނާގެ އަމިއްލަ އެކަޑަމީގެ މަސައްކަތަށް ބުރު ނާރާނެ ކަމަށެވެ.