Roadha Mihaaru
ޔޯގާ ދުވަހު ހައްޔަރުކުރި މީހުން ދޫނުކުރާތީ ކަންބޮޑުވުން

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި މީހުން ބަންދުގައި ބައިތިއްބާތީ ނާޒިމްގެ ކަންބޮޑުވުން

15 ޖުލައި 2022

މި އަހަރުގެ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ވަދެގަނެ ހުރަސް އަޅައި، ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން ބަންދުން ދޫކޮށް ނުލައި އަދިވެސް ބައިތިއްބާތީ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ވަދެގަނެ ހުރަސް އަޅައި، ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން ބަންދުން ދޫކޮށް ނުލައި އަދިވެސް ބައިތިއްބާތީ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޔޯގާ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް ގަލޮޅު ދަނޑަށް ވަދެ، "ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދިން" މައްސަލާގައި ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އޭގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕީޕީއެމްގެ ކައުންސިލްގައި ހިމެނޭ މުހައްމަދު އިސްމާއިލް ވަނީ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްފަ އެވެ. އަދި ޝޭހް އާދަމް ނިޝާނާއި ޝޭހް ފަޒްލޫން މުހައްމަދު ވެސް ހައްޔަރު ކުރި އެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހު ނިޝާނާއި އެހެން ދީނީ އިލްމުވެރިން ބަންދު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މުހައްމަދު އިސްމާއިލް ނުވަތަ އެހެން ދިވެއްސެއް ވިޔަސް ބަންދުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށް، އިންސާފު ނުލިބި ލަސްވުމަކީ ވަރަށް ބޮޑު ނާއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު ވަނީ ތިން ފަހަރަށް އިތުރުކޮށްފަ އެވެ. އޭނާ ވަނީ އެ ހަރަކާތާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އިހުތިޖާޖުގައި ބޭނުން ކުރުމަށް ދިދަ ދޫކޮށްލައިފަ އެވެ.

މި މައްސަލާގައި ފުލުހުން ވަނީ ޖުމުލަ 19 މީހަކު ހައްޔަރު ކޮށްފަ އެވެ. ބައެއް މީހުންގެ ބަންދަށް ވަނީ ދެ މަސް ދުވަސް ވެސް ޖަހައިފަ އެވެ.

ދަނޑުގައި ޔޯގާ ހަމަނުޖެހުން ހިންގި ހަރަކާތަށް ޕީޕީއެމް އޮފީހުން ދިދަތައް ނެރެގެން ގެންދިޔަ ނަމަވެސް އެ ޕާޓީން ވަނީ ހަމަނުޖެހުން ހިންގުމުގައިއެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕީޕީއެމް އިން އަންނަނީ މުހައްމަދު އިސްމާއިލް ދޫކޮށްލުމަށް ގޮވާލަމުންނެވެ.