Roadha Mihaaru
ނިއު ޒީލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

19 ޖެނުއަރީ 2023

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި ބާއްވާ އާންމު އިންތިޚާބުގައި ވާދަ ވެސް ނުކުރައްވާނެ ކަމަށް، އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި، މި އަހަރުގެ ތެރޭގައި ބާއްވާ އާންމު އިންތިޚާބުގައި ވާދަ ވެސް ނުކުރައްވާނެ ކަމަށް، އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޖަސިންޑާ މިއަދު ވިދާޅުވި ގޮތުގައި އޭނާ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާނެ އެންމެ ފަހު ދުވަހަކީ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހެވެ. މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުން އުނދަގޫވެގެން ނޫން ކަމަށާއި، އެކަން އުނދަގޫވި ނަމަ، މަގާމާ ހަވާލުވިތާ ދެ މަސް ތެރޭގައި އެކަން ކުރެއްވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެން މި މަގާމު ދޫކޮށްލަނީ، އެތައް އިމްތިޔާޒުތަކެއް ލިބިދޭ މިފަދަ ކޮންމެ މަސައްކަތަކާ އެކުގައި އެތައް ޒިންމާތަކެއް ވެސް ބޮލުގައި އެޅިގެން ދޭ. އެ ޒިންމާތަކަކީ، ތިމާއަކީ ގައުމު ހިންގަން އެންމެ އެކަށީގެންވާ މީހާ ކަން ނުވަތަ އެފަދަ މީހެއް ނޫން ކަން ދެނެގަތުމުގެ ޒިންމާ،" ޖަސިންޑާ ވިދާޅުވި އެވެ.

"މި މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އެ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އަދާކުރެވޭ ވަރުގެ ގާބިލުކަން މިހާރު އަހަރެންގެ ކިބައިގައި ނެތްކަން ވެސް އަހަރެންނަށް އެނގޭ. މިއީ އެ ގޮތަށް އޮތް ކަމެއް."

ޖަސިންޑާގެ އިސްތިއުފާ މި އިއުލާން ކުރެއްވީ، މިއަހަރު ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި އޭނާގެ ވެރިކަން ކުރާ ލޭބާ ޕާޓީން ވަރުގަދަ ކެމްޕޭނަކަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އާންމު އިންތިޚާބުގައި ލޭބާ ޕާޓީ އަށް ބޮޑު ކާމިޔާބެއް ލިބުނަސް، އާންމުންގެ މެދުގައި އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދެއްކި ގޮތަށް ބަލާއިރު، އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ، ވާދަވެރި ކޮންޒަވޭޓިވް ޕާޓީ އަށެވެ.

އާންމު ރައްޔިތުންގެ މެދުގައި ލޭބާ ޕާޓީ އަށް އޮތް ތާއީދު ކުޑަވެފައި ވިޔަސް، އާންމު ރައްޔިތުންގެ މެދުގައި މިހާރުވެސް އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ބޮޑުވަޒީރު ޖަސިންޑާ ކަމަށް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ. އެހެންކަމުން، ކުއްލި ގޮތަކަށް އިއުލާން ކުރެއްވި އިސްތިއުފާގެ ސަބަބުން، އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ސިހުމެއް ލިބިގެންދާނެކަން ޔަގީނެވެ.

ޖަސިންޑާގެ އިސްތިއުފާ އިއުލާން ކުރެއްވި އިރު، ލޭބާ ޕާޓީގެ ފަރާތުން ދެން އެމަގާމު ފުރުއްވާނެ މީހަކު ވެސް، އެ ޕާޓީގެ ފަރާތުން މިހާތަނަކަށް ނުނިންމަ އެވެ. އޭނާގެ އިސްތިއުފާ އަށް ފަހު ދެން އެ މަގާމަށް ވަޑައިގެންފާނެ ކަމަށް ބެލެވޭ، ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ގްރާންޓް ރޮބަޓްސަން މިއަދު ވިދާޅުވީ ލޭބާ ޕާޓީގެ ލީޑަރުކަމަށް ވާދަކުރައްވަން ގަސްދު ނުކުރައްވާ ކަމަށެވެ.

ޖަސިންޑާ ވިދާޅުވި ގޮތުގައި ލޭބާ ޕާޓީގެ ލީޑަރަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަންނަ އާދީއްތަ ދުވަހު އޮންނާނެ އެވެ. ނިއު ޒީލޭންޑް ސަރުކާރުން މިއަދު އިއުލާން ކުރި ގޮތުގައި މިއަހަރުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބު އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.