Roadha Mihaaru
ނިއު ޒީލޭންޑްގެ ބޮޑުވަޒީރުކަން ކްރިސް ހިޕްކިންސް އަށް

ނިއު ޒީލޭންޑްގެ ބޮޑުވަޒީރުކަން ކްރިސް ހިޕްކިންސް އަށް

22 ޖެނުއަރީ 2023

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ލޭބާ ޕާޓީގެ ޖަސިންޑާ އާޑެން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮވިޑް-19ގެ ކަންކަމާ ބެހޭ ވަޒީރު ކްރިސް ހިޕްކިންސް އެމަގާމަށް އައްޔަންކުރުމަށް ނިންމައިފި އެވެ.

ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ލޭބާ ޕާޓީގެ ޖަސިންޑާ އާޑެން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮވިޑް-19ގެ ކަންކަމާ ބެހޭ ވަޒީރު ކްރިސް ހިޕްކިންސް އެމަގާމަށް އައްޔަންކުރުމަށް ނިންމައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަންކުރަން ނިންމީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، ވެރިކަން ކުރާ ލޭބާ ޕާޓީގެ މެމްބަރުންގެ މެދުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ މަގާމަށް އިތުރު ބޭފުޅަކު ވާދަ ނުކުރައްވާތީ، ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ، ކްރިސް، ނިއު ޒީލޭންޑްގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މި ނިންމުމާ ގުޅިގެން، މި ހަފުތާގެ ބުދަ ދުވަހު، ކްރިސް، 44، ރަސްމީކޮށް މަގާމުގެ ހުވާ ކުރައްވައި ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނެ އެވެ. މަގާމާ ހަވާލުވެވަޑައިގަންނަވާ އިރު، ކުރިއަށް އޮތް އިންތިޚާބާ ދެމެދު ބާކީ އޮތީ ނުވަ މަސްދުވަހަށް ވުރެ ވެސް ކުރު މުއްދަތެކެވެ.

ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުންނާއި ބޮޑުވަޒީރުކަމުގެ މަގާމުން ޖަސިންޑާ އާޑެން، އިސްތިއުފާ ދެއްވި އިރު އާންމު ރައްޔިތުންގެ މެދުގައި ލޭބާ ޕާޓީގެ މަގުބޫލުކަން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެހެން ނަމަވެސް، އެ ގައުމުގައި މިހާރު ވެސް އެންމެ މަގުބޫލު ސިޔާސީ ޝަޚްސިއްޔަތަކީ ޖަސިންޑާ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގަތުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ކްރިސް ވިދާޅުވީ މިއީ އޭނާ އަށް ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފަކާއި އިއްޒަތެއް ކަމަށެވެ. ހަމައެއާއެކު އިސްތަށިފުޅުގައި މިހާތަނަށް އެޅުނު އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އޭނާ ހުންނެވީ ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައްވަން ތައްޔާރަށް ކަމަށް ވެސް ކްރިސް ވިދާޅުވި އެވެ. މަގާމުން އިސްތިއުފާ ދެއްވި ޖަސިންޑާއަށް ތައުރީފު ކުރައްވަމުން، ކްރިސް ވިދާޅުވީ ޖަސިންޑާއަކީ އެ ގައުމު ދުށް އެންމެ ހަރުދަނާ ޒައީމް ކަމަށެވެ. އަދި ޖަސިންޑާއަކީ، ނިއު ޒީލޭންޑާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްތިއުފާ އިއުލާން ކުރައްވަމުން ޖަސިންޑާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުން އުނދަގޫވެގެން ނޫން ކަމަށާއި، އެކަން އުނދަގޫވި ނަމަ، މަގާމާ ހަވާލުވިތާ ދެ މަސް ތެރޭގައި އެކަން ކުރެއްވީސް ކަމަށެވެ.

"އަހަރެން މި މަގާމު ދޫކޮށްލަނީ، އެތައް އިމްތިޔާޒުތަކެއް ލިބިދޭ މިފަދަ ކޮންމެ މަސައްކަތަކާ އެކުގައި އެތައް ޒިންމާތަކެއް ވެސް ބޮލުގައި އެޅިގެން ދޭ. އެ ޒިންމާތަކަކީ، ތިމާއަކީ ގައުމު ހިންގަން އެންމެ އެކަށީގެންވާ މީހާ ކަން ނުވަތަ އެފަދަ މީހެއް ނޫން ކަން ދެނެގަތުމުގެ ޒިންމާ،" ޖަސިންޑާ ވިދާޅުވި އެވެ.

"މި މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކީ ކޮބައިކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އެ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އަދާކުރެވޭ ވަރުގެ ގާބިލުކަން މިހާރު އަހަރެންގެ ކިބައިގައި ނެތްކަން ވެސް އަހަރެންނަށް އެނގޭ. މިއީ އެ ގޮތަށް އޮތް ކަމެއް."

ޖަސިންޑާގެ އިސްތިއުފާ މި އިއުލާން ކުރެއްވީ، މިއަހަރު ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބުގައި އޭނާގެ ވެރިކަން ކުރާ ލޭބާ ޕާޓީން ވަރުގަދަ ކެމްޕޭނަކަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މީގެ ދެ އަހަރު ކުރިން ބޭއްވި އާންމު އިންތިޚާބުގައި ލޭބާ ޕާޓީ އަށް ބޮޑު ކާމިޔާބެއް ލިބުނަސް، އާންމުންގެ މެދުގައި އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދެއްކި ގޮތަށް ބަލާއިރު، އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ، ވާދަވެރި ކޮންޒަވޭޓިވް ޕާޓީ އަށެވެ.

ނިއު ޒީލޭންޑް ސަރުކާރުން އިއުލާން ކުރި ގޮތުގައި މިއަހަރުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބު އޮންނާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު އެވެ.