Roadha Mihaaru
ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް

އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް

20 ޖެނުއަރީ 2023

މި ސަރުކާރުން ޒުވާނުންނަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިޔަސް އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގައި ވަޒީފާ ނުލިބިފައި އެއްވެސް ޒުވާނަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި ސަރުކާރުން ޒުވާނުންނަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިޔަސް އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖޭގައި ވަޒީފާ ނުލިބިފައި އެއްވެސް ޒުވާނަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނުގައި އެމްއެންޕީން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އެ ޕާޓީއާ މެދު ޒުވާނުންގެ ހިތުގައި އުއްމީދު އޮބަ އޮތް ކަމަށާއި އޭގެ ނަތީޖާއަކީ ގިނަ ޒުވާނުންތަކެއް ޕާޓީއާ ގުޅެމުން ދިއުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީއާ އެކު މަސައްކަތްކޮށްފި ނަމަ، ޒުވާނުންގެ މުސްތަގުބަލު އުޖާލާވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަަމަށެވެ.

އަޅުގަނޑުމެން ވެރިކަމަށް އަންނަން މި މަސައްކަތްކުރަނީ ދިވެހިންނަށް އުފާވެރި ފުއްދުންތެރި ދިރިއުޅުމެއް ހޯދައިދޭން ވެގެން. އަޅުގަނޑުމެންގެ އެބަ އޮތް ކުރިއަށް އޮތް 20 އަހަރަށް ތައްޔާރުކުރާ ނޭޝަނަލް ޕްލޭނެއް - ނާޒިމް

އޭނާ ވިދާޅުވީ ހަމައެކަނި "ނޭފަތުކުރިއާ ހަމައަށް" މަސައްކަތްކުރުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި މިއަދު ހާލަތު އޮތް ގޮތުން ޒުވާނުންގެ ޖީލެއް އެކީ ހަލާކުވެފައި އޮތުމުން އެ ކަމަށް ވެސް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ ޒުވާނުންނަށް ހާއްސަ ޕްލޭނެއް އެޕާޓީގެ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ފަހުން ދިރާސާއެއް ކުރިން. ކޮބައިތޯ ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ. އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ދިރާސާގައި ފާހަގަވީ އިޖުތިމާއީ ރައްކާތެރިކަމެއް ނެތްކަން."

ނާޒިމް ވިދާޅުވީ ކުދިކުދި ތަންކޮޅުގެ ތެރޭގައި މުޅި އާއިލާ ދިރިއުޅުމުގެ ސަބަބުން އެތައް އިޖުތިމާއީ މައްސަލައެއް ނިކުންނަ ކަމަށާއި އެކަމާ މެދު ވިސްނައި ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެހެންވެ އެ ޕާޓީން ވެރިކަމަށް އައުމަށް މަސައްކަތްކުރަނީ ހަމަ އެއްވެސް އެއްޗެއް ބޭނުންވެގެން ނޫން ކަމަށާއި ހަމައެކަނި ރައްޔިތުންނަށްޓަކައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ޒުވާނުން ގޯސްކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން ގޯސްކުރަންވީ ސަރުކާރު. އަޅުގަނޑުމެން ގޯސްކުރަންވީ ސަރުކާރުގެ ވެރިން. ރައީސުލްޖުމްހޫރިއްޔާ ގޯސްކުރަންވީ. އެ ސަރުކާރުތަކަށް އެ މީހުންނަށް އަޅައެއް ނުލެވުނޭ. ހައްތަހާވެސް ދައްކަނީ އެމީހުންނަށް ކަންތައްތަކެއް ކޮށްދޭނެ ވާހަކަ،" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ

ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއާ ގުޅުނު އެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ޒުވާނުންނަށް ހަމައެކަނި ފުޓްސެލް ދަނޑުތަކެއް އަޅައިގެން މައްސަލަ ހައްލުކުރެވެެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ޒުވާނުން ބޭނުންވަނީ އުފާވެރިކަމާއި ފުއްދުންތެރިކަން ކަމަށެވެ.

"9 ސެޕްޓެމްބަރުގައި މި ވޯޓުލާ ދުވަހު ޒުވާނުން ވިސްނަންވީ ކޮބައިތޯ ކާކުތޯ އެކަން [އުފާވެރި ފުއްދުންތެރި ދިރިއުޅުމެއް] ކޮށްދޭނީ."

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން އަންނައިރު ސަރުކާރަށް ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމަކު އެ މައްސަލަ ހައްލުކުރުމުގެ ޕްލޭނެއް އެ ޕާޓީގެ އެބަ އޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖެއަށް މިކަހަލަ ޑްރަގް އެތެރެވުމުގެ ހަރުކަށިވެ، ރާއްޖެއަށް މިފަދަ އެއްޗެހި އެތެރެކުރުން ހުއްޓުވޭނެ ހުރިހާ ގޮތެއް އިންތިޒާމުކުރާނަން."

ނާޒިމް ވިދާޅުވީ ޑްރަގް އަތުލައިގަތުމުން އެކަނި މައްސަލަ ހައްލުނުވާ ކަމަށާއި އެކަމަކު އަތުލައިގަންނަ ޑްރަގްތައް "ގެއްލޭ" މައްސަލަ ވެސް މިހާރު ފެންމަތިވަމުންދާތީ އެކަމުގައި އިހުމާލުވާ މީހުންގެ މައްސަލަ ބަލައި އެކަމަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަމަކު މި ސަރުކާރަށް އެކަން ނުކުރެވޭތީ އޭނާ ފާޑުވިދާޅުވި އެވެ.

"އިހުމާލު ބަލާނެ ސަރުކާރެއް ނެތް. ހަތަރު ދަމު ސަރުކާރު ތެރޭގައި ތެޅުންގަނޑު ތެރޭގައި މި މީހުން މިއުޅެނީ އިންތިހާބަކާ ހެދީ، ގައުމަކާ ގައުމެއް ދޫކޮށްލާފައި. އެމީހަކާ އެމީހަކު ތަޅާފޮޅާ ކާމިޔާބުކުރަން މިއުޅެނީ."

އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ރައީސް ނާޒިމް، އެޕާޓީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުއްވައިދެއްވަނީ-- ފޮޓޯ: އެމްއެންޕީ

ބޭސް ނެތިގެން ޑިޓޮކްސް ސެންޓަރު ބަންދުކުރުމުން އެކަމަށް ފާޑުވިދާޅުވެ، ނާޒިމް ވިދާޅުވީ، އެ ޕާޓީން ޒުވާނުންނާ މެދު ވިސްނަމުން އަންނަކަމަށާއި އެ ޕާޓީގެ ސަރުކާރެއްގައި އެއްވެސް ޒުވާނަކު ބާކީނުވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ސަރުކާރެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން-- ނާޒިމް

އޭނާ ވިދާޅުވީ ސަރުކާރުތަކުން ތަރައްގީގެ ވާހަކަ ބާރަށް ދައްކަމުން އަންނައިރު ތަރައްގީގެ ސަބަބުން ޒުވާނުންގެ ޖީބަށް އެއްވެސް ފައިސާއެއް ނުވަންނަ ނަމަ، ހަގީގަތުގައި އެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.

"އިއްޔެ ފެނުނީ ހދ. ގައި ވަރަށް ބޮޑު ޕްރޮޖެކްޓެއް ފެށިތަން. ބޭރު ގައުމުތަކުގެ މީހުން އައިސް އެމީހުން އެ ލާރި ދީގެން އެ ފައިސާ ހިފައިގެން ވެސް މިދަނީ. ދިވެހިންނަށްވާ ފައިދާއެއް ނެތް. ޑޮލަރެއް ނުލިބޭތާ ވަޒީފާއެއް ލިބެނީކީ ނޫން،"

އެހެންވެ ކުރިއަށް އޮތް އިންތިހާބަކީ ޒުވާނުންނަށް އެމީހުންގެ މުސްތަގުބަލާ މެދު ގޮތް ނިންމުމަށް ލިބޭ ފުރުސަތެއް ކަމަށާއި އެމީހުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ އެމްއެންޕީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.