Roadha Mihaaru

ޑްރަގް ފެނުނު ކޮޓަރިއަށް އެހެން މީހުން ވަދެ އުޅޭތީ ޓްރެފިކިންގެ ކުށް ސާބިތެއް ނުވި

އެހެން މީހުން ވެސް ވަދެ ނުކުމެ އުޅޭ ކޮޓަރިއަކުން ފެނުނު މަސްތުވާތަކެއްޗާ ވަކި މީހަކު ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައި، ޑްރަގް ޓްރެފިކިންގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ޑްރަގް ފެނުނު ތަނަށް މީހުން ވަންނާތީ ކުށް ސާބިތެއްނުވި
ނަޖާހް މަސްއޫދު
ނަޖާހް މަސްއޫދު

23 ޖެނުއަރީ 2023

އެހެން މީހުން ވެސް ވަދެ ނުކުމެ އުޅޭ ކޮޓަރިއަކުން ފެނުނު މަސްތުވާތަކެއްޗާ ވަކި މީހަކު ޒިންމާވާން ނުޖެހޭނެ ކަމަށް ކަނޑައަޅައި، ޑްރަގް ޓްރެފިކިންގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އެ މައްސަލާގައި މީހެއްގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ކުރީ، އޭނާ ދިރިއުޅުނު އެޕާޓްމެންޓްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 16، 2019 ގައި އެ ގެއަށް ގޮސް ބަލައިފާސްކުރި އިރު އެ ގެއިން މަސްތުވާތަކެތި ފެނުމުންނެވެ.

ސްޕަންޖް ގޮނޑިއެއްގެ ދަށު ކަވަރުގެ ތެރެއިން ޑްރަގް ހުރި 54 ރަބަރު ޕެކެޓާއި އެ ކަވަރުގެ އެހެން ތަނަކުން އިތުރު ދެ ޕެކެޓާއި އަލަމާރިއެއްގެ މަތީ ވަތްގަނޑުގެ ތެރޭގައި އޮތް ފޮއްޓެއްގެ ތެރެއިން ހަ ރަބަރު ޕެކެޓް ފުލުހުންގެ އޮޕަރޭޝަންގައި ފެނިފައިވެ އެވެ. ދައުލަތުގެ ދައުވާގައިވާ ގޮތުން އެއީ 40.9 ގްރާމް ކެނަބިސް އެވެ.

މީހެއްގެ އަތުން 14 ގްރާމަށް ވުރެ ގިނައިން ކެނަބިސް ފެނިއްޖެ ނަމަ އެއީ ޓްރެފިކް ކުރަން ގެންގުޅޭ އެއްޗެއް ކަމަށް ބަލާނެ އެވެ. އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000ރ. އާއި 1،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ދައުވާ ލިބުނު މީހާގެ އާއިލާގެ ތިން މީހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައި ވަނީ ފުލުހުންނަށް ޑްރަގް ފެނުނު ތަނަކީ ދައުވާ ލިބުނު މީހާއަށް ނިސްބަތްވާ ތަނެއް ނޫން ކަމަށާއި އޭނާ ދިރުއުޅެނީ އެ ގޭގެ މަތީ ފްލޯގައި ކަމަށެވެ. އަދި ޑްރަގް ފެނުނު ކޮޓަރިއަކީ ގޭމު ކުޅެވޭ ގޮތަށް ހުންނަ ތަނެއް ކަމަށާއި އެތަން ހުންނަނީ ތަޅު ނުލައި ކަމަށް ބުންޏެވެ. އަދި އެއީ އެކި މީހުންގެ ރައްޓެހިން ވަރަށް ގިނައިން އައިސް އުޅޭ ސިޓިން ރޫމެއްހެން ހުންނަ ތަނެއް ކަމަށް އޭނާ ކިޔައިދިނެވެ.

އެހެންވެ، ދައުވާ ލިބޭ މީހާގެ ފަރާތުން ކޯޓުގައި ބުނީ، ޑްރަގް ކަމަށް ބެލެވޭ ތަކެތި ފެނުނު ކޮޓަރި އަކީ އޭނާގެ ކޮންޓްރޯލު ނެތް ތަނެއް ކަމަށާއި އެހެންކަމުން އޭނާ އެ ތަކެއްޗަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.

އެކަމަކު، ދައުލަތުން ބުނެފައި ވަނީ ދައުވާ ލިބުނު މީހާގެ ރިޕޯޓު ފޯމާއި އެހެނިހެން ލިޔުންތައް އެތަނުން ފެންނަން ހުރުމުންނާއި ޑްރަގް ފެނުނު ފޮއްޓަކުން އޭނާގެ ފިންގަޕްރިންޓް ފެނިފައިވާތީ ޑްރަގް ފެނުނީ އޭނާގެ ހިޔާޒަތުގެ ދަށުން ކަމަށެވެ.

ދައުވާ ލިބޭ މީހާގެ ފަރާތުން ބުނީ އެއްކޮށް ބަހައްޓާފައި ހުރި 54 ރަބަރު ޕެކެޓުގެ ތެރެއިން ސާމްޕަލް ނަގައި ޓެސްޓުކޮށްފައި ވަނީ އެންމެ ދެ ޕެކެޓުން ކަމަށާއި ބާކީ ހުރި ޕެކެޓުތަކުގައި ހުރީ ޑްރަގް ކަމެއް ވެސް އެނގެން ނެތް ކަމަށެވެ. އަދި ހުރިހާ ޕެކެޓުތަކެއް ތަހުލީލުނުކޮށް ފުލުހުން ބުނާ އަދަދަށް ޑްރަގް ހުރިކަން ޔަގީން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު އިއްވި ހުކުމުގައި ވަނީ، ފެނުނު ޑްރަގްގެ ޗެއިން އޮފް ކަސްޓަޑީގައި މައްސަލައެއް ނެތް ކަމަށާއި އެ ގެއިން ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނުނު ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

އެކަމަކު، ޑްރަގް ފެނުނީ ދައުވާ ލިބޭ ފަރާތުގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނަކުން ކަމަށް ދައުލަތަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށް ހުކުމުގައިވެ އެވެ. އެއީ އެތަނަށް އެހެން މީހުން ވެސް ވަދެ ނުކުމެ ހަދާތީ އެވެ.

އޭގެ އިތުރުން، ދައުވާ ލިބޭ މީހާގެ ފިންގަޕްރިންޓް ޑްރަގް ހުރި ފޮއްޓަކުން ފެނިފައިވާތީ އޭނާއާ އެ ޑްރަގާ ގުޅުވާލެވޭ ކަމަށް ދައުލަތުން ބުނި ނަމަވެސް، ފެނުނު ފޮށިން ޓްރެފިކިންގެ މިންގަނޑަށް ފެތޭ ވަރަށް ޑްރަގް ފެނިފައި ނުވާ ކަމަށް ހުކުމުގައި ފާހަގަކުރި އެވެ. އެ ފޮށިން ފެނުނީ ދެ ގްްރާމެވެ.

އެހެންވެ، ދައުވާ ލިބުނު މީހާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރީ އެވެ.