Roadha Mihaaru
އޮސްޓްރޭލިޔާގައި ބަޑި ޖަހައި 6 މީހަކު މަރާލައިފި

އޮސްޓްރޭލިޔާގައި ބަޑި ޖަހައި 6 މީހަކު މަރާލައިފި

13 ޑިސެމްބަރ 2022

އޮސްޓްރޭލިޔާގެ އެކަހެރި ސަރަހައްދެއްގައި ހުރި އަމިއްލަ ގޯއްޗަކަށް ބަޔަކު އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި، ފުލުހުންގެ ދެ މީހަކު ހިމެނޭ ގޮތަށް، ޖުމްލަ ހަ މީހަކު މަރާލައިފި އެވެ.

އޮސްޓްރޭލިޔާގެ އެކަހެރި ސަރަހައްދެއްގައި ހުރި އަމިއްލަ ގޯއްޗަކަށް ބަޔަކު އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި، ފުލުހުންގެ ދެ މީހަކު ހިމެނޭ ގޮތަށް، ޖުމްލަ ހަ މީހަކު މަރާލައިފި އެވެ.

ބްރިޒްބޭންގެ 270 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ވިއެމްބިލާ ސަރަހައްދުގައި ވަކިން ހުރި ގޯއްޗެއްގެ ކައިރީގައި މި ހާދިސާ ހިނގީ، އެ ސަރަހައްދުން ގެއްލިގެން އުޅޭ މީހަކު ހޯދުމަށް ފުލުހުން އެ ސަރަހައްދަށް ދިއުމުންނެވެ.

ކުއީންސްލޭންޑް ފުލުހުން ބުނި ގޮތުގައި އެމީހުންގެ ތެރެއިން ހަތަރު ފުލުހަކު އެ ސަރަހައްދަށް ފޮނުވީ، ނިއު ސައުތު ވޭލްސްގެ ފުލުހުން އެދުނު އެދުމެއްގެ މަތިން، އެ ސަރަހައްދުން ގެއްލިގެން އުޅޭ ސްކޫލް ޓީޗަރަކު ހޯދުމަށެވެ. އެކަހެރިކޮށް ހުރި އެ ގޯއްޗަށް ވަންނަން ފުލުހުން ދާން ފެށުމާއެކު، އެ ގޯތީގައި ހުރި އިމާރާތުގެ ތެރެއިން ބަޑި ޖަހައި އޭގެ ތެރެއިން ތިން ފުލުހަކު ޒަޚަމްވެގެން ވެއްޓުނެވެ.

ޒަޚަމްވި ތިން ފުލުހުންގެ ތެރެއިން އެކަކު ދުވެ ފިލި އިރު، ޒަޚަމްވި އަނެއް ދެ މީހުން ތިބީ އަމިއްލަ އަށް ޖާނު ސަލާމަތް ނުކުރެވޭ ވަރަށް ޒަޚަމްވެފަ އެވެ. އެ ވަގުތު ހަތިޔާރު އެޅި މީހަކު އެ ގޭ ތެރެއިން ނުކުމެގެން އައިސް، ވެއްޓިފައި ތިބި ދެ ފުލުހުންގެ ގަޔަށް ބަޑިޖަހައި މަރައިލީ އެވެ.

ހަތަރު ވަނަ ފުލުސް މީހާ އެތަނުން ދުވެފައި ގޮސް ގަސްތަކެއްގެ ތެރެއަށް ވަދެ ފިލައި އޮވެގެން ފުލުހުންނަށް އެ ހާދިސަ ރިޕޯޓްކުރީ އެވެ. ބަޑީގެ އަޑުފައްގަނޑު އިވެން ފެށުމުން، މާ ދުރު ނޫން ހިސާބެއްގައި ވަކިން ހުރި އެހެން ގެއެއްގެ މީހަކު، ވެގެން އުޅޭ ގޮތެއް ބެލުމަށް ނުކުމެ އުޅެނިކޮށް، އޭނާގެ ގަޔަށް ވެސް ބަޑި ޖަހައި މަރައިލީ އެވެ.

ހާދިސާގެ ރިޕޯޓް ލިބުމާއެކު އިތުރު ފުލުހުން އެ ސަރަހައްދަށް ގޮސް އެ އިމާރާތް ހިސޯރުކުރި އެވެ. އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ ހިސޯރުގެ ތެރޭގައި، ދެ ފަރާތުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި، އެ ގޭ ތެރޭގައި ތިބި ހަތިޔާރު އެޅި ތިން މީހުން ވެސް މަރުވީ އެވެ. ފުލުހުން ބުނި ގޮތުގައި ހަތިޔާރު އަޅައިގެން އުޅުނީ ދެ ފިރިހެނަކާއި އަންހެނެކެވެ.