Roadha Mihaaru
އިޒްރޭލު ސިފައިން ޖެނީނަށް އަރައި ބަޔަކު ޝަހީދުކޮށްފި

އިޒްރޭލު ސިފައިން ޖެނީނަށް އަރައި ބަޔަކު ޝަހީދުކޮށްފި

19 ޖޫން 2023

ޖެނިން (ޖޫން 19) - އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީން ފޭލިގެ އަވަށަށް މިއަދު ހެނދުނު އަރައިގަނެ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ޖެނިން (ޖޫން 19) - އިޒްރޭލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީން ފޭލިގެ އަވަށަށް މިއަދު ހެނދުނު އަރައިގަނެ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދާ އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން ބުނި ގޮތުގައި އިޒްރޭލު ސިފައިން މިއަދު ޖެނީން ފޭލިގެ އަވަށަށް ވަދެގަތީ އެންމެ ހެނދުނު ވަގުތު އެވެ. އަސްކަރީ ޖިޕުތަކުގައި ޖެނީން އަށް ވަދެގެން އައި އިރު، އިޒްރޭލުގެ އަސްކަރީ ހެލިކޮޕްޓަރުތައް ވެސް އެ ސަރަހައްދުގެ ވައިގެ ތެރޭގައި ބުރު ޖަހަމުން ދިޔަ އެވެ.

އިޒްރޭލު ސިފައިން ޖެނީނަށް ވަދެގަތުމަށް ފަހު، ފަލަސްތީނުގެ ޒުވާނުންނަށް ބަޑިން ހަމަލާ ދޭން ފެށި އެވެ. އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާ ދިނުމުގެ އިތުރުން ސްޓަން ގްރެނޭޑާއި ވިހަ ގޭސް ބޭނުންކުރި ކަމަށް ނޫސް އޭޖެންސީން ބުނެ އެވެ.

މިއަދު ހެނދުނު ހިންގި މި އުދުވާނުގައި ޝަހީދުވި ތިން މީހުންގެ ތެރޭގައި ހިމެނެނީ 19 އަދި 21 އަހަރުގެ ދެ ޒުވާން ފިރިހެނުންނާއި 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭގެ އިތުރުން 29 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ އިޒްރޭލު ސިފައިން ޖެހި ބަޑީގެ ވަޒަންތައް އަރައިފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ޖެނީން އަވަށަށް ސިފައިން ވަނީ، ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރު ކުރުމަށެވެ. އިޒްރޭލު ސިފައިން ޖެނީނަށް ވަނުމާއެކު ފަލަސްތީނުގެ ހަނގުރާމަވެރިން ހަމަލާ ދޭން ފެށުމުން، ރައްދުގައި ހަމަލާ ދޭން ޖެހުނީ ކަމަށް ވެސް އިޒްރޭލު ސިފައިން ބުނެ އެވެ.

ފަލަސްތީނުގެ ޖެނީނަށް އިޒްރޭލު ސިފައިން މިއަދު ހެނދުނު ވަންނަން ފެށުމާއެކު، ފަލަސްތީނުގެ ޒުވާނުން ވަނީ ފަޓާހާއި ގޮވާތަކެތި އަދި ޕެޓްރޯލް ބޮންތަކުން، އިޒްރޭލު ސިފައިންގެ އުޅަނދުތަކަށް ހަމަލާ ދީފަ އެވެ. އެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ އަސްކަރީ އުޅަނދަކަށް ވަރަށް ބޮޑަށް ގެއްލުން ލިބި، އޭގައި ތިބި ސިފައިންގެ ތެރެއިން ހަ މީހަކު ޒަޚަމްވި އެވެ.