Roadha Mihaaru
އިސް އޮފިސަރުންގެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

އިސް އޮފިސަރުން ވަކިކުރުމުގެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި

24 ޖެނުއަރީ 2023

ފުލުހުންގެ އިސް ފަސް އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުންގެ އިސް ފަސް އޮފިސަރަކު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެއްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދުގެ އިތުރުން ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އެ ފަސް އޮފިސަރުން ވަކިކުރަން ނިންމީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ސިވިލް ކޯޓުން ނިންމީ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމިއިރު ޕޮލިސް ބޯޑުން އެ ފަސް އޮފިސަރުންނާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއް އެނގެން ނެތް ކަމަށެވެ. އަދި އެ ބޯޑަށް ވެސް ކަންކަން ނިންމޭނީ ހުށަހެޅޭ ހެކިތަކަށް ބެލުމަށްފަހު ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުލުހުންގެ އިސް އޮފިސަރުންގެ ތައުލީމީ ފެންވަރާއި އެ މީހުންނަށް ތުހުމަތު ކުރެވޭ ކަންކަން ބެލުމުގެ ބާރު އޮންނަ ޕޮލިސް ބޯޑުން ބަލަންޖެހޭ ގޮތަށް ގާނޫނުގައި އޮތަސް، އެއީ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫނެވެ.