Roadha Mihaaru
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ

ވަކިކުރަން ނިންމި ފުލުހުންގެ އޮފިސަރުންގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުވޭތޯ ބަލަނީ

24 ޖޫން 2024

ޕޮލިސް ބޯޑުގެ ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން މަޝްވަރާ ކުރަން ފުރުސަތަކަށް އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން މަޝްވަރާ ކުރަން ފުރުސަތަކަށް އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ އޮފިސަރުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމްކުރި މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ކޯޓުން ބޭރުގައި މަޝްވަރާ ކޮށްގެން ހައްލުކުރަން ފުރުސަތަކަށް އެދުނީ އޮފިސަރުންގެ ފަރާތުން ކަމަށް ވަނީ އެނގިފަ އެވެ. އެހެންވެ، އެކަމަށް ހަތް ދުވަހުގެ މުއްދަތެއް ހައި ކޯޓުން ދީފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ހައި ކޯޓުން ކުރިއަށް ގެންދިޔައީ ވެސް ސިއްރު ކޮށްގެންނެވެ.

އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ހައި ކޯޓުން ފުރުސަތު ދިންއިރު، އާ ސަރުކާރުން އެކުލަވާލި އާ ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެންދިއުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އެދުނެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އޭރު ނިންމީ މައްސަލަ އަނބުރާ ނުގެންދިއުމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އެ އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފަ އެވެ.

އެ އޮފިސަރުންގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ. އަދި އޭގެ ތެރެއިން އަބްދުﷲ ޝަރީފް ދާދިފަހުން ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކޮށްފަ އެވެ.