Roadha Mihaaru
"ވަކިކުރި އޮފިސަރުންގެ މައްސަލަ ގެންދާކަށް ނުނިންމަން"

ބޯޑުން ބޭނުން ވިޔަސް، ވަކިކުރި އޮފިސަރުންގެ މައްސަލަ އަނބުރާ ގެންދާކަށް ނުނިންމަން: ދައުލަތް

12 ޑިސެމްބަރ 2023

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ނުގެންދަން ޕޮލިސް ބޯޑުން ނިންމިޔަސް، އެ މައްސަލަ އަނބުރާ ގެންދިއުމާ މެދު އެޓާނީ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕޮލިސް ބޯޑުގެ ލަފައަށް ބިނާކޮށް ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ނުގެންދަން ޕޮލިސް ބޯޑުން ނިންމިޔަސް، އެ މައްސަލަ އަނބުރާ ގެންދިއުމާ މެދު އެޓާނީ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޕޮލިސް ބޯޑުގެ ލަފައާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ ކުރީގެ ސަރުކާރުގައި އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ވަކީލުން ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅީ ފުލުހުންގެ ފަރާތުން އެދިގެން ނޫން ކަމަށް ފުލުހުން ބުނާއިރު އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕޮލިސް ބޯޑުން އަންގާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ ޖެނުއަރީ މަހު ޕޮލިސް ބޯޑުން ދިން ލަފާގެ މަތިން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެންދަން މިހާރު ބޭނުންވާއިރު، އެކަމާ މެދު ގޮތެއް ނިންމާފައިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށެވެ.

ޕޮލިސް ބޯޑުން ބޭނުން ނުވިޔަސް، ދައުލަތަށް މައްސަލަ އިސްތިއުނާފް ކުރެވިދާނެތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ބަލަންޖެހޭ ކަންކަމަށް ފަހު އެގޮތަށް އަމަލު ކުރެވިދާނެ ކަމަށެވެ. އަދި އެހެން އިދާރާތަކުގެ ލަފާ ހޯދިޔަސް، ފަހުގެ ނިންމުން ނިންމާނީ އެޓާނީ ޖެނެރަލް ކަމަށް ދައުލަތުން ބުންޏެވެ.

ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ވަކީލުން ވިދާޅުވީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވަނީސް، އެ މައްސަލަ ކުރިއަށް ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ނުނިންމޭނެ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ބާތިލްކުރަން ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ.

އެ ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވީ ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން މިވަގުތު ފުލުހުން ވަޒީފާ ނުލިބި ތިބީ ޖަމްޝީދާއި އަހުމަދު މުހައްމަދު އެކަނި ކަމަށާއި އެކަމުގެ ސަބަބުން އެ މީހުންގެ އާމްދަނީއަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އަމުރު މުރާޖައާކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އަމުރު މުރާޖާ ކުރުމަށްފަހު ނިންމާ ނިންމުން ލިޔުމުން އަންގަވާނެ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތު ފަނޑިޔާރު ޝަފީއު އެވެ.