Roadha Mihaaru
އޭސީތައް ރަނގަޅުކުރަން އަނެއްކާ އާ ތާރީހެއް

ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކުރަން އަނެއްކާ ވެސް އާ ތާރީހެއް

25 ޖެނުއަރީ 2023

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކޮށް ނިމޭނީ އަންނަ މަހު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކޮށް ނިމޭނީ އަންނަ މަހު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިސްކިތުގައި ނަމާދުކުރާ ދެ ފްލޯ އަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓު ހަލާކުވެފައިވާތާ ތިން ވަރަކަށް މަސް ދުވަސް ވެއްޖެ އެވެ.

އޭސީތައް މަރާމާތު ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީ ވިލާތުގެ ޓެކްނީޝަނުންގެ ޓީމަކާ އެވެ. މިދިޔަ މަހު އޭސީތައް ރަނގަޅުކޮށް ނިންމާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ތާރީހަށް ނިންމައިފައެއް ނުވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މިސްކިތުގެ އޭސީތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މަސައްކަތް ނިމެން އަދި ވަގުތު ނަގާނެ، ލަފާކުރެވެނީ އަންނަ މަސް ތެރޭ އެއްކޮށް ހަދައި ނިންމޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އޭސީތައް މަރާމާތު ކުރުމަށް ލަސްވަނީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ނުލިބުމުން ކަމަށެވެ.

އޭސީތައް ހަލާކުވެފައި ހުރުމުން ގިނަ ބައެއްގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ހުކުރު ނަމާދުގައި އެތައް ބަޔަކު މިސްކިތަށް ގޮސް ތިބޭއިރު، އޭސީ ނެތި ނަމާދުކުރަން ޖެހޭތީ އާންމުން ކުރާ ޝަކުވާ އިންތިހާ އަށް ބޮޑެވެ.