Roadha Mihaaru
ގިނަ ބަޔަކު ވަނުމުން މިސްކިތް ހޫނުވާ މައްސަލަ ބަލަނީ

ސަލްމާން މިސްކިތުގެ އޭސީތަކުގައި މައްސަލައެއް ނެތް، ގިނަ މީހުން ވަނުމުން ހޫނުވާ މައްސަލަ ބަލަނީ

13 މާޗް 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީތަކުގައި މިވަގުތު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެއްފަހަރާ ގިނަ ބަޔަކު އެ ތަނަށް ވަނުމުން މިސްކިތުގެ އެެތެރެ ހޫނުވާ މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކިންގް ސަލްމާން މިސްކިތުގެ އޭސީތަކުގައި މިވަގުތު މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެއްފަހަރާ ގިނަ ބަޔަކު އެ ތަނަށް ވަނުމުން މިސްކިތުގެ އެެތެރެ ހޫނުވާ މައްސަލަ ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ރޯދަމަހާ ދިމާކޮށް ގިނަ ބަޔަކު ސަލްމާން މިސްކިތަށް ނަމާދަށް އަރާއިރު އެ މިސްކިތުގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެ އެކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

އެ މައްސަލާގައި "މިހާރު" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަހުސަން ވިދާޅުވީ އޭސީތަކުން އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށެވެ.

"މިސްކިތަށް ގިނަ ބަޔަކު އެއް ފަހަރާ ވަނުމުން ހޫނުވާތީ، އެކަން ބަލަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ރޯދަމަސް ފެށުމާ އެކު، ސަލްމާން މިސްކިތަށް ވަރަށް ގިނަ ބަޔަކު ކޮންމެ ނަމާދު ގަޑިއެއްގައި ވެސް ނަމާދަށް އަރަ އެވެ. މިސްކިތުގެ އެތެރެ އާއި ބޭރުގައި ވެސް ވަރަށް ގިނަ ބަޔަކު ނަމާދަށް ތިބެ އެވެ.

ތަރާވީހު ނަމާދަށް ގިނަ އަދަދެއްގެ އަންހެނުން ވެސް އެ މިސްކިތަށް ނަމާދަށް އަރަން ފަށާފައިވާއިރު އަންހެނުންނަށް ހާއްސަ ފްލޯ ވެސް ވަރަށް ބޮޑަށް ހޫނެވެ. އެހެންވެ، މިސްކިތުގެ ތެރޭގައި ޖާގަ އޮއްވައި ވެސް ގިނަ ބަޔަކު ބޭރުގައި ސަފު ހަދައިގެން ނަމާދުކުރެ އެވެ.

ރޯދަމަހުގެ ކުރިން ވެސް އެ މިސްކިތުގެ އެތެރެ ވަރަށް ބޮޑަށް ހޫނު ކަމަށްވެ އެވެ. އެ މިސްކިތަށް ހުކުރު ނަމާދަށްދާ މީހުން ވަނީ އެތެރެ ހޫނު ގަދަވެގެން އެކަމުގެ ޝަކުވާ ކޮށްފަ އެވެ.

އެއީ އެއްވެސް ވަރަކަށް ފަންކާ ހަރުކޮށްފައިވާ މިސްކިތެއް ނޫނެވެ. އެއްވެސް ދޮރެއް ނުހުޅުވެ އެވެ. އެހެންވެ، ބަންދުވެފައި އޮންނާތީ އެތެރެއަށް ވަރަށް ބޮޑަށް ހޫނުވެ އެވެ.

މިސްކިތުގެ އޭސީތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނިއިރު މިސްކިތް ބޭނުން ކުރަން ފެށިތާ ހަ މަސް ނުވަނީސް މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓް ހަލާކުވެގެން އެކަން ހައްލުކުރަން ތުރުކީގެ ޓެކްނީޝަނުންގެ ޓީމެއް ވެސް ރާއްޖެ އަ އެވެ.

އޭރު އިސްލާމިކް މިނިސްޓްރީން ބުނެފައި އޮތީ އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މިސްކިތުގެ އޭސީތައް މަރާމާތުކޮށް ނިމޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސައުދީގެ އެހީގައި އިމާރާތްކުރި ސަލްމާން މިސްކިތް ބޭނުންކުރަން ފެށީ 2022 ވަނަ އަހަރުގެ ރޯދަ މަހުގެ އެވެ. އިމާރާތްކޮށް ނިމިފައި ހުންނަތާ އެތައް އަހަރެއް ފަހުން އެތަން ހުޅުވީ ނުހުޅުވައިގެން އާންމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވި ފަހުންނެވެ.

ސަލްމާން މިސްކިތުގައި ބަޔަކު ނަމާދުކުރަނީ: އެތަނުގެ އޭސީތައް ހަލާކުވެ، ހޫނު ކަމުން މީހުން ޝަކުވާ ކުރޭ،-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަލްމާން މިސްކިތުގައި ބަޔަކު ނަމާދުކުރަނީ: އެތަނުގެ އޭސީތައް ހަލާކުވެ، ހޫނު ކަމުން މީހުން ޝަކުވާ ކުރޭ،-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިސްކިތުގެ ދޮރެއް ބަންދުކޮށް، ރޭ ހަރުކޮށްފައިވާ ނޯޓިހުގައި ވަނީ ގިނަ ދޮރުތައް އަވަސް އަވަހަށް ހުޅުވައި ލެއްޕުމުން އޭސީގެ ތަފާތު މައްސަލަތައް ދިމާވާތީ އެ ދޮރުތައް ބަންދުކޮށްފައިވާ ކަމަށެވެ. އެހެންވެ، ނޯޓުގައި އަންގާފައި ވަނީ މިސްކިތުގެ ދެކުނު ފަރާތުގެ އެއް ވަނަ ފަންގިފިލާގެ ދޮރު ބޭނުންކުރުމަށެވެ.

ސަލްމާން މިސްކިތުގެ އޭސީތަކުގައި މައްސަލަ ޖެހިގެން 2022 ވަނަ އަހަރުގެ ތެރޭގައި ތުރުކީގެ ޓީމެއް އައިސް ވަނީ ހައްލުކޮށްފައި.

ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި އިމާރާތްކޮށްދިން އެ މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި މިސްކިތެކެވެ.