Roadha Mihaaru
ސާވިސް ޗާޖަށް 10 ޕަސަންޓް ދޭން ދެކޮޅެއް ނޫން:ގާސިމް

ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސަންޓު ދޭން ދެކޮޅެއް ނޫން: ގާސިމް

06 އޯގަސްޓް 2019

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސަންޓު ދިނުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވިލާގެ ރިސޯޓުތަކުގެ އިސްވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި އެންމެ މަދުވެގެން 10 ޕަސަންޓު ދިނުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވިލާގެ ރިސޯޓުތަކުގެ އިސްވެރިޔާ އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީން ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގަވައިދުން ސާވިސް ޗާޖް ދެމުންދޭތޯ ބަލައި އެ މީހުންނަށް ސާވިސް ޗާޖް ދިނުމުގައި އަމަލު ކުރާ އުސޫލާ ގުޅޭ ގޮތުން އެކުލަވައިލި ރިޕޯޓު މަޖިލިހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފަ އެވެ.

ރިޕޯޓުގައިވާ ގޮތުން، ރިސޯޓަކުން އެއް ހަމައަކުން ކަންކަން ކުރުމަށް ބާރު އެޅުމަށް ރިސޯޓުތަކުން ސާވިސް ޗާޖް ނެގުން ލާޒިމް ކުރަން އެ ކޮމިޓީ އަށް ފެނެ އެވެ. ރިޕޯޓުގައި ވަނީ ސާވިސް ޗާޖްގެ ގޮތުގައި ނެގޭނެ އެންމެ މަދު މިންވަރަކީ 10 ޕަސަންޓު ކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ގެންނަން ލަފާ ދީފަ އެވެ.

އިގްތިސާދީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލާ ގްރޫޕްގެ ޗެއާމަން ކަން ކުރައްވާ ގާސިމް ވިދާޅުވީ، ރިސޯޓް މުވައްޒަފުންނަށް މުސާރައާ އެކު ސާވިސް ޗާޖު ދިނުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން އެ ސިނާއަތުގެ އިސް ބޭފުޅުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، ރިސޯޓްތަކުގައި ބައެއް ހިދުމަތްތައް ކްރެޑިޓަށް ދެމުން އަންނަ ކަމަށާއި އެ ފައިސާ ވަގުތުން ނުލިބުމުގެ ސަބަބުން މުސާރައާ އެކު، ސާވިސް ޗާޖު ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް އެ މަސައްކަތެއް ކުރުމުގައި އުޅޭ މީހުންގެ ލަފަ އާއި އިރުޝާދުތައް ހޯދުމަކީ ކޮންމެ ވެރިކަމެއް އޮތް ކަމުގައި ވިޔަސް، އޮންނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާވިސް ޗާޖު މި ލިބެނީ އެ ތަނަކަށް ލިބޭ ހުރިހާ އެއްޗަކަށް (ބަލާފައި). ސާވިސް ޗާޖު ނަގާއިރު އެ ކޮންމެ ޕަސެންޓެއް ވިޔަސް އިންވޮއިސް ހަދައިގެން އެއް މަސް، ދޮޅު މަސް ފަހުން ބައެއް ފަހަރު ނުލިބި އެބަދޭ ބޭންކަރަޕްޓް ވެގެން. ތިން ހަތަރު ލައްކަ ޑޮލަރުން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާވިސް ޗާޖުގެ ގޮތުގައި އެހާ ގިނަ އަދަދެއްގެ ފައިސާ ބޭންކްތަކުން ދިނުމަށް އެއްބަސް ނުވުމަކީ ވެސް މައްސަލައެކެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މަސައްކަތުގެ "ސައިޒް" ކުޑަ ކުރަން އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމާއި ޑައިވިން ސެންޓަރުތައް ފަދަ ތަންތަނުން ހިދުމަތްތައް ދީގެން ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ފައިސާ ދޭން ވެއްޖެ ނަމަ، އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"މިސާލަކަށް ރަށްރަށުގައި އެބަހުރި ކުއްޔަށް ފިހާރަތައް ދޫކޮށްފައި. އެއިން ސާވިސް ޗާޖު ނަގަން ވެއްޖެ ނަމަ، ކިހިނެއްތޯ އެކަން ކުރާނީ؟ އަޅުގަނޑުމެން ބޭނުންވޭ ގިނަ ލާރި ދޭން. ވިލާގެ ރިސޯޓުތަކުން ހަމަ ގައިމު ވެސް 10 ޕަސަންޓު (ސާވިސް ޗާޖު) ނަގަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ ތެރެއިން އެއް ޕަސެންޓަށް ވުރެ ގިނަ ނޫން އަދަަދެއްގެ ފައިސާ އިދާރީ ފީއެއްގެ ގޮތުގައި ކެނޑުމަށް ފަހު ބާކީވާ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން އެ ފަރާތެއްގެ މުވައްޒަފުންނަށް ބަހައި ނިންމަން ޖެހޭނެ އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ރިސޯޓުތަކުން ވެސް މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ދެ އެވެ.