Roadha Mihaaru
މެންޗެސްޓާ ޔުނައިޓެޑް ލީގް ކަޕް ފެށީ ފަސޭހަ މޮޅަކުން

ތަށި ދިފާއު ކުރަން ނުކުތް ޔުނައިޓެޑަށް ރަނގަޅު ފެށުމެއް

27 ސެޕްޓެމްބަރ 2023

މެންޗެސްޓާ (ސެޕްޓެމްބަރު 27) - މިދިޔަ ސީޒަންގައި އިނގިރޭސި ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ފަސް ސީޒަނަށް ފަހު ތައްޓެއް ކާމިޔާބު ކުރި މެންޗެސްޓާ ޔުނައިޓެޑުން، މި ސީޒަންގެ ލީގް ކަޕްގައި ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ސެޕްޓެމްބަރު 27) - މިދިޔަ ސީޒަންގައި އިނގިރޭސި ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ފަސް ސީޒަނަށް ފަހު ތައްޓެއް ކާމިޔާބު ކުރި މެންޗެސްޓާ ޔުނައިޓެޑުން، މި ސީޒަންގެ ލީގް ކަޕްގައި ކުޅުނު ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފި އެވެ.

އަމިއްލަ ދަަނޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 3-0 އިންނެވެ.

އަލެހަންޑްރޯ ގާނާޗޯ އާއި ކާލޯސް ކަސެމީރޯގެ ގޯލުތަކާ އެކު ފުރަތަމަ ހާފު ނިންމާލި ޔުނައިޓެޑަށް ދެވަނަ ހާފުގައި ގޯލު ޖަހައިދިނީ އެންތަނީ މާޝިއަލް އެވެ.

"ޓީމުގެ މޫޑު ރަނގަޅު އަބަދުވެސް، އެކަމަކު ޔުނައިޓެޑްގައި ކުޅެމުން މޮޅު ނުވަންޏާ ކޮންމެ މީހަކު ވެސް މާޔޫސް ވާނެ. ނަމަވެސް އެއްބައިވަންތަކަން އަބަދުވެސް އޮވޭ،" މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުންޏެވެ.

"ހަގީގަތުގައި އަހަރެމެން ތިބެން ބޭނުންވާ ހިސާބަކު ނޫން ޓީމު މި ވަގުތު މި އޮތީ. ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަ ޖެހޭ، މެޗަކަށް ފަހު މެޗެއްގައި ކުޅުން ރަނގަޅު ކޮށްގެން ނަތީޖާ ނެރެން ޖެހޭ."

ކޯޗު ޓެން ހަގް، މެޗަސް ފަހު ޓީމު ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ކޯޗު ޓެން ހަގް، މެޗަސް ފަހު ޓީމު ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ޔުނައިޓެޑުން މި ސީޒަންގައި ޖެހިޖެހިގެން ދެ މެޗް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ވަނީ ލީގު މެޗުގައި ބާންލީ ބަލިކޮށްފަ އެވެ. އޭގެ ކުރިން ލީގުގައި ކުޅުނު ފަސް މެޗުން ދެ މެޗު ކާމިޔާބު ކުރިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ވެސް ޔުނައިޓެޑް ވަނީ ބަލިވެފަ އެވެ.

ޔުނައިޓެޑް ގޮވައިގެން ކޯޗު ޓެން ހާގް މި މެޗަށް ނުކުތީ ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ހެރީ މެގުއާ ވަނީ މި ސީޒަންގައި ފުރަތަމަ ފަހަރަށް ފުލް މެޗެއް ކުޅެފަ އެވެ.

ލޯނު އުސޫލުން ޔުނައިޓެޑަށް ގެނައި މޮރޮކޯ މިޑްފީލްޑަރު ސޮފްޔާން އަމްރަބާޓް ވެސް ޕެލަސްއާ ދެކޮޅަށް ކުޅުނެވެ. ޓީމުގެ ސްޓާޓިންގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކުޅުވީ ފުލްބެކެއްގެ މަގާމަށެވެ. ޗެލްސީން ގެނައި މިޑްފީލްޑަރު މޭސަން މައުންޓް ވެސް ވަނީ މިދިޔަ މަހު ލިބުނު އަނިޔާއިން ރަނގަޅު ވެގެން، އެނބުރި އައިސް ރޭގެ މެޗުގައި ސްޓާޓް ކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ލޫޓަން ޓައުން ވަނީ ރޭ ލީގް ކަޕްގައި، ތިންވަނަ ޑިވިޝަންގެ އެކްސެޓާ ސިޓީ އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓައިފަ އެވެ. މެޗުގެ 83 ވަނަ މިނިޓުގައި އެކްސެޓާ ސިޓީ މޮޅުވި ގޯލު ޖަހައިދިން ޑިމީޓްރީ މިޗެލް އަށް ވަނީ އޭގެ ފަސް މިނިޓް ފަހުން ރަތް ކާޑެއް ދައްކައިފަ އެވެ.