Roadha Mihaaru
ފައިނަލުގައި ކްލަބް ވޮލީބޯލްއާ ބައްދަލު ކުރާނީ ވެމްކޯ

ފައިނަލުގައި ކްލަބް ވޮލީބޯލް އާ ބައްދަލު ކުރާނީ ކްލަބް ވެމްކޯ

26 ޖެނުއަރީ 2023

ސެމީ ފައިނަލުގައި ރޭ 3-1 ސެޓުން ކްލަބް އީގަލްސް ބަލިކޮށް، ކްލަބް ވެމްކޯ އިން ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސެމީ ފައިނަލުގައި ރޭ 3-1 ސެޓުން ކްލަބް އީގަލްސް ބަލިކޮށް، ކްލަބް ވެމްކޯ އިން ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މާދަމާ ރޭ ކުޅޭ ފައިނަލް ގައި ވެމްކޯ ނުކުންނާނީ ލީގު ބުރުގެ ތިން މެޗު ވެސް ކާމިޔާބު ކޮށް އެއް ވަނަ ހޯދި ކްލަބް ވޮލީބޯލް އާ ދެކޮޅަށެވެ. ލީގު ބުރުގައި ކްލަބް ވޮލީބޯލް އިން ވެމްކޯ ބަލިކުރީ 3-1 ސެޓުންނެވެ.

ލީގު ބުރުގައި ވެމްކޯ އިން ސީދާ ތިން ސެޓުން އީގަލްސް ބަލިކުރި ނަމަވެސް، ރޭގެ ސެމީ ފައިނަލް ގައި ވެމްކޯ ކުރި ހޯދީ 3-1 ސެޓުންނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ގެންދިޔައީ ތަފާތު ބޮޑުކޮށް 25-15 އިންނެވެ.

ވެމްކޯގެ އާމިނަތު އަރީޝާ ފޮނުވާލާ ބޯޅައެއް ބްލޮކް ކުރަން އީގަލްސް ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވެމްކޯގެ އާމިނަތު އަރީޝާ ފޮނުވާލާ ބޯޅައެއް ބްލޮކް ކުރަން އީގަލްސް ކުޅުންތެރިން މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޓޭކް ރަނގަޅުކޮށް އީގަލްސް ދެ ވަނަ ސެޓު ކާމިޔާބު ކުރީ ފަހަތުން އަރައި 25-19 އިންނެވެ. އީގަލްސްގެ މަރިޔަމް އަޒީފާ، ފާތިމަތު މަޒިއްޔާ އަދި އައިޝަތު ޝައްފަ އާއި ހައްވާ ސަހާ ގެ އިތުރުން ކޮލަމްބިއާ ކުޅުންތެރިޔާ މަނުއެލާ ސިއޭރާ ވަނީ މޮޅު ކުޅުމެއް ދައްކަިއފަ އެވެ.

ދެ ވަނަ ސެޓުގައި ހެދުނު ގޯސްތަކަށް ސަމާލު ވެގެން ކުޅުނު ވެމްކޯ ފަހު ދެ ސެޓް ކާމިޔާބު ކުރީ 25-20 އަދި 25-19 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯ އަށް ކުޅޭ ނޭޕާލް ގައުމީ ޓީމުގެ ކުޅުންތެރިޔާ، ޕްރަތީބާ މަލީ އެވެ. މީގެ އިތުރުން އެޓީމުގެ އައިޝަތު މާޖިދާ އާއި ޖޫޒާން ޒަރީރު ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.

މިއީ 2019 ވަނަ އަހަރަށް ފަހު ކުޅޭ ފުރަތަމަ އަންގެން ގައުމީ މުބާރާތެވެ. އެ އަހަރުގެ ފައިނަލުގައި ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޕޮލިސް ކުލަބެވެ.

އެންމެ ފަހުން މުބާރާތް ބޭއްވި ދެ އަހަރު ވެސް ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބް، މި އަހަރުގެ މުބާރާތުން ކެޓީ މެޗަކުން މޮޅެއް ނުހޯދި އެވެ.