Roadha Mihaaru
ނަޝީދު ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް

ނަޝީދު ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް

30 ޖެނުއަރީ 2023

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް މިހާރު ކުރިއަށް އެބަގެންދަވަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއެކު މެންދުރު ކެއުމެއް މިހާރު ކުރިއަށް އެބަގެންދަވަ އެވެ.

ދޮންމަނިކު ސްކައި ވިއުގައި ބާއްވާ އެ ކެއުމުގައި ނަޝީދުގެ ކެމްޕެއިން ޓީމުތަކުގެ ވަރަށް ގިނަ މެމްބަރުން އެބަތިއްބެވެ.

މިއީ ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު ނަޝީދު، އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު އާންމު ތަނަކުން ފެނުނު ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައި ވަނީ ޕްރައިމަރީގެ ވޯޓުގެ ނަތީޖާ ގަބޫލު ކުރައްވައިފަ އެވެ. އެކަމަކު އެއާ ވިއްދައިގެން ވިދާޅުވީ، ޕްރައިމަރީ ކާމިޔާބުކުރެއްވުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން."