Roadha Mihaaru
ފައްޔާޒް އެދިވަޑައިގަތީ ނަޝީދު އަލުން ވިސްނެވުމަށް

އެމްޑީޕީ ތެރެއިން "ފިކުރެއް" ނުއުފައްދައި ފައްޔާޒް އެދިވަޑައިގަތީ ނަޝީދު އަލުން ވިސްނެވުމަށް

30 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މެމްބަރުން އިންތިހާބުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރައްވަން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި މެމްބަރުން އިންތިހާބުކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރައްވަން ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު އެދިވަޑައިގެންފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ވާދަވެރި ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކުރި ފަހުން، ނަޝީދު މިއަދު ވަނީ އެ މަނިކުފާނު ނިންމަވައިގެން ހުންނެވި ގޮތް ފުރަތަމަ ފަހަރަށް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑު ހުށަހަޅަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި ވެސް އަލުން ހަދައި، ކަނޑާލި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި، އެ މީހުންނާ އެކު އަޅުގަނޑުމެންނަށް ފެންނަ ގޮތް ނިންމުން،" މެމްބރުންނަށް ފޮނުއްވި މެސެޖްގައި ނަޝީދު ވިދާޅުވެފައިވެ އެވެ. މި ހަރަކާތުގެ ރިޔާސީ ކެންޑިޑޭޓަކު ފަހުން ކަނޑައަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ފައްޔާޒް އެދިވަޑައިގަތީ އެގޮތަށް ޕާޓީއާ މެދު ނަޝީދު ކަންތައް ނުކުރެއްވުމަށެވެ.

"އަލުން ތިކަމާ މެދު ވިސްނާލެއްވުމަށް އެދެން. ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް ތި ގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓްކަން ކަނޑައަޅާފައި އޮވެ އެވެ.

ފައްޔާޒް ޗެއާޕާސަން ކަމަށް ހޮވިވަޑައިގެން ނަޝީދާ އެކު ބައްދަލުވުމެއްގައި.

ފައްޔާޒް ޗެއާޕާސަން ކަމަށް ހޮވިވަޑައިގެން ނަޝީދާ އެކު ބައްދަލުވުމެއްގައި.

މި ޕްރައިމަރީގައި ނަޝީދުގެ އެންމެ ބޮޑު ނުރުހުމަކީ އެމްޑީޕީން 39،000 މެމްބަރުން އުނިކުރުމެވެ. ގައުމީ މަޖިލީހުން މިގޮތަށް ފާސްކުރީ އޭގެތެރޭގައި އެހެން ގިނަ ޕާޓީތަކުގެ މެމްބަރުން ހިމެނޭތީ ދަފްތަރު ސައްހަކުރުމަށެވެ.

ފައްޔާޒް ވިދާޅުވީ ވަކިން ހަރަކާތެއް ނަޝީދު ހިންގެވުމުގެ ބަދަލުގައި 39،000 މެމްބަރުން ޕާޓީއަށް ވެއްދެވުމުގެ މަސައްކަތް ކުރެއްވުން ރަނގަޅު ކަމަށެވެ. މިދިޔަ މެއި މަހުން ފެށިގެން ޕާޓީގެ ސެކްރެޓޭރިއެޓުން އެކަން ކުރަމުން ދިޔައިރު ހުރިހާ ދާއިރާ ރައީސުންނާއި މަޖިލިސް މެމްބަރުންގެ އެއްބާރުލުން ފުރިހަމައަށް ނުލިބުނު ކަން ވެސް ފައްޔާޒް ފާހަގަކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ޕާޓީތަކުގައި ރަޖިސްޓްރީ އޮތުމުގެ ސަބަބުން އުނިކުރި މެމްބަރުން ތެރެއިން 6،000 މެމްބަރުން، ޑެޕިއުޓީ ޗެއާޕަސަން އިބްރާހިމް ވަހީދު ކުރި މަސައްކަތުން ވާނީ ވައްދައިފަ އެވެ. ބާކީ ތިބި މެމްބަރުން ޕާޓީއަށް އަނބުރާ ވެއްދުމަށް މަސައްކަތްކޮށްދެއްވަން ފައްޔާޒް އެދިވަޑައިގަތެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެމަނިކުފާނު ވެސް ވަނީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެއްވަން ޕާޓީއާ އެކުގައި ކުރިއަށް ވަޑައިގަތުމަށް ނަޝީދަށް ދައުވަތު ދެއްވައިފަ އެވެ.