Roadha Mihaaru
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!

ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!

07 ނޮވެމްބަރ 2018

ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން ނުކުތީ ކޯލިޝަން ސަރުކާރު ދަމަހައްޓަން އިދިކޮޅު ލީޑަރުންގެ އެއްބަސްވުމަކާ އެކު އެވެ. ލީޑަރުން ވިސްނުން ގެންގުޅުއްވީ، އެ އެއްބަސްވުން އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ހާމަކުރުމަށެވެ. އެކަމަކު ރައްޔިތުންގެ ރުހުމާ އެކު، އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވާއިރު ވެސް އެއްބަސްވުން އޮތީ "ބޮޑު ސިއްރެއް"ގެ ގޮތުގަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، އިދިކޮޅު ޕާޓީތަކުން ނުކުތީ ކޯލިޝަން ސަރުކާރު ދަމަހައްޓަން އިދިކޮޅު ލީޑަރުންގެ އެއްބަސްވުމަކާ އެކު އެވެ. ލީޑަރުން ވިސްނުން ގެންގުޅުއްވީ، އެ އެއްބަސްވުން އިންތިޚާބުގެ ކުރިން ރައްޔިތުންނަށް ހާމަކުރުމަށެވެ. އެކަމަކު ރައްޔިތުންގެ ރުހުމާ އެކު، އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ ހަވާލުވާއިރު ވެސް އެއްބަސްވުން އޮތީ "ބޮޑު ސިއްރެއް"ގެ ގޮތުގަ އެވެ.

ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ލީޑަރުންނަކީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

އިބޫ ރައީސަކަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ސަރުކާރުގެ ހުރިހާ ކަމެއް ވެސް ގެންދާނީ، ދެފުށްފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އެމަނިކުފާނު ވެސް ވިދާޅުވަމުން ގެންދަވާއިރު، ކޯލިޝަން އެއްބަސްވުން އާއްމު ނުކުރާ މައްސަލައިގައި ލީޑަރުންނަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

އެއްބަސްވުމާ މެދު ސުވާލު އުފެދުނީ، ޕްރައިމަރީއަކާ ނުލައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކަށް ޓިކެޓް ދޭނެ ކަމުގެ ކަށަވަރު ކަން ލީޑަރުން ދެއްވި ކަމަށް ބުނާ މައްސަލަ ފެންމަތިވުމުންނެވެ. ދާއިރާތަކުގެ ކަށަވަރުކަން، ލީޑަރުން ދެއްވާފައިވާ ކަމަށް މެމްބަރުން ވިދާޅުވާއިރު، ލީޑަރުން ތިއްބެވީ "ހިމޭނުން"ނެވެ. އެ ވާހަކަ އަށް ބާރު ދެއްވައި، ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން އުފެދުނު ސުވާލުތައް ގިނަ އެވެ.

މާލެ: ނޮވެމްބަރު 6، 2018: "ޖަޒީރާ ހޮޅުއަށި" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުބާރުގޭގައި ފެށި ފުރަތަމަ ބައްދަލުވުމުގައި އިންތިހާބީ ރައީސާއި އިންތިހާބީ ނައިބު ރައީސާ އެކު (ވ-ކ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މާލެ: ނޮވެމްބަރު 6، 2018: "ޖަޒީރާ ހޮޅުއަށި" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުބާރުގޭގައި ފެށި ފުރަތަމަ ބައްދަލުވުމުގައި އިންތިހާބީ ރައީސާއި އިންތިހާބީ ނައިބު ރައީސާ އެކު (ވ-ކ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މިއީ، ލީޑަރުން ޖަވާބު ދެއްވަން ޖެހިވަޑައިގެންފައި އޮތް ކަމެކެވެ. އެ ކަށަވަރުކަން 12 މެމްބަރުންނަށް ދެއްވި ނަމަ ސަބަބު ވެސް ވިދާޅުވެ ދެއްވަން ޖެހެ އެވެ. އަދި ވެރިކަން ދަމަހައްޓަން އެކުލަވާލި އެއްބަސްވުމުގައި މަޖިލީސް އިންތިޚާބަށް ލީޑަރުން ވިސްނުން ގެންގުޅުއްވާފައި އޮތް ގޮތް ވެސް ހާމަކޮށްދޭން ޖެހެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ކޯލިޝަންގެ ވެރިން ހަދާފައިވާ "ޑީލްތައް"، އިބޫ ހުވާކުރެއްވުމުގެ ކުރިން އާއްމު ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، ކޯލިޝަންގެ އެއްވެސް ވެރިއަކަށް އިތުބާރެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝަހީދުގެ ޓުވީޓް.

ޝަހީދުގެ ވާހަކަ އަށް ތާއީދު ކުރި މީހުން ދެކޭ ގޮތުގައި، މުޅި އެއްބަސްވުން އާއްމު ނުކުރި ނަމަވެސް ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަން ހާމަވާން ޖެހެ އެވެ. ލީޑަރުން އެއްބަސްވި ކަންކަމަކީ، ރައްޔިތުންނަށް ގަބޫލުކުރެވޭ ކަންކަންތޯ ސާފުވާނީ އޭރުންނެވެ.

ކޯލިޝަން އެއްބަސްވުން އާއްމުކުރަން ބާރުއަޅައި، ކޮށްފައިވާ ޓުވީޓެއް.

ކޯލިޝަން އެއްބަސްވުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުއިއްޒު އަދުނާން ކުރެއްވި ޓުވީޓެއް.

އެއްބަސްވުުމުގައި ހިމެނޭ ކަންކަން އާއްމު ނުކުރެއްވި ނަމަވެސް އެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި ލީޑަރުންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމުގައި ސަރުކާރު ދެމެހެއްޓޭނެ ގޮތްތަކެއް ވަނީ ލިޔެފަ އެވެ. ހަތަރު ޕާޓީއަކުން ވެރިކަން ކުރާއިރު، ސަރުކާރުގައި ޕާޓީތަކުން ހިއްސާވާ މިންވަރު ވެސް ކަނޑައަޅާނެ އެވެ. އޭގެތެރޭގައި، ރިޔާސީ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ހިމަނާނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިދިކޮޅު ޕާޓީތަކުގެ މަންދޫބުން ހިމެނޭ "އަށާރަނަވާރަ" ކޮމެޓީގައި މަޝްވަރާކޮށް އެކުލަވާލި އެއްބަސްވުމުގައި، މައުމޫންގެ ފަރާތްޕުޅުން ފިޔަވައި އެހެން ހުރިހާ ލީޑަރުންގެ ރުހުމާ އެކު ވަނީ ސޮއިކުރައްވައިފަ އެވެ. އިންތިޚާބުގެ ކުރިން އެއްބަސްވުން އާއްމުކުރަން އެ ކޮމެޓީގައި މަޝްވަރާ ވެސް ކުރި އެވެ.

އިންތިޚާބީ ރައީސް އިބޫ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް. --ފޮޓޯ: އެމްޑީޕީ

އިންތިޚާބީ ރައީސް އިބޫ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް. --ފޮޓޯ: އެމްޑީޕީ

ސަރުކާރުގައި ޕާޓީތައް ހިއްސާވާ ގޮތް:

- އެމްޑީޕީ: 40 ޕަސެންޓް

- ޖުމްހޫރީ ޕާޓީ: 25 ޕަސެންޓް

- ކުރީގެ ރައީސް މައުމޫން: 20 ޕަސެންޓް

- އަދާލަތު ޕާޓީ: 15 ޕަސެންޓް

އެނގިފައިވާ ގޮތުގައި، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކޯލިޝަނުން ކެންޑިޑޭޓުން ތަމްސީލް ކުރަން ހަމަޖައްސާފައި ވަނީ މި ނިސްބަތުންނެވެ.

ތަފާތު ފިކުރުތަކުގެ އެތައް ބަޔަކު ހިމެނޭ ވެރިކަމަކަށް އެކުލަވާލި އެއްބަސްވުމުގައި ކޯލިޝަން ރޫޅޭނެ ގޮތާއި، ދަމަހައްޓަން ކުރަން ޖެހޭނެ ކަންތައް ވަނީ ހިމަނައިފަ އެވެ. މި އެއްބަސްވުމަށް ގާނޫނީ ބާރު ވެސް ހޯދައިދޭން ވަނީ ނިންމައިފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް، ކޯލިޝަން ސަރުކާރު ދެމެހެއްޓޭނެ ކަަމަށް އިންތިޚާބީ ރައީސް އިބޫ ތަކުރާރު ކުރެއްވި ވާހަކަފުޅަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން އިތުބާރު ކުރި އެވެ.

އިބޫ ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގެ އިތުރަށް، ލީޑަރުންގެ މެދުގައި އޮތް އިތުބާރަކީ ކޯލިޝަން ދަމަހައްޓޭނެ ކަމަށް އެމަނިކުފާނަށް އޮތް ޔަގީން ކަމެވެ.

މި ޔަގީންކަމުގައި ރައްޔިތުން ތިއްބަސް، ވައުދުވެވަޑައިގެންފައިވާ ގޮތަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ހާމަކުރަން ޖެހެ އެވެ. "ސިއްރުވެފައި" އޮތް އެއްބަސްވުން އާއްމުކުރަން ޖެހެނީ އެ އިތުބާރު ދެމެހެއްޓުމަށެވެ.