Roadha Mihaaru
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް އިދިކޮޅު ފަރާތްތަކުން އެއްބަސްވުމެއް ގާއިމުކޮށްފި

24 މާޗް 2017

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމުގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ސޮއިކުރައްވައިފަ އެވެ.

މިއީ ސަރުކާރުން ހިންގާ ގާނޫނާ ހިލާފް ކަންކަމާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަމަށް ރައްޔިތުންގެ މަޖިލީހާއި އެހެން ދާއިރާތަކުން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރުމަށް ގާއިމުކުރި އެއްބަސްވުމެކެވެ.

މިކަން އިއުލާނުކޮށްފައި ވަނީ ވަނީ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

އިދިކޮޅު ފަޜާތްތަކުން ގާއިމުކުރި އެއްބަސްވުން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

އިދިކޮޅު ފަޜާތްތަކުން ގާއިމުކުރި އެއްބަސްވުން، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ފަޅުތަކާއި ގުދުރަތީ ވަސީލަތްތަކުގެ މިލްކުވެރިކަން ހިމާޔަތްކޮށް ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯދައި ސިޔާސީ ހައްގުތައް ރައްކާތެރިކޮށް އިންތިހާބުތައް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ބާއްވައި ޕާޓީތަކުން އިިހްތިޔާރުކުރާ ކެންޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަކުރެވޭނެ ގޮތް ހަދަން އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ނުހައްގުން ހައްޔަރުކޮށް ހުކުމް ތަންފީޒުކުރަމުންދާ އަދި ދައުވާ އުފުލި އަދި އުފުލުމުގެ މަގުމަތީގައިވާ މީހުންނަށް ހިމާޔަތް ދީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ނުހައްގުން ނިގުޅައިގެންފައިވާ މުއާމަލާތްތަކާއި މުދާ އަލުން އިޔާދަކުރުމަށް އެއްބަސްވުމުގައިވެ އެވެ.

ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަދާލަތު ޕާޓީގެ ފަރާތުން މަކުނުދޫ ދާއިރާގެ އަނާރާ ނައީމާއި ޖޭޕީގެ ފަރާތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނެވެ.

އިދިކޮޅު ފަރާތްތަކުން ސޮއިކުރި އެއްބަސްވުން

އިދިކޮޅު ފަރާތްތަކުން ސޮއިކުރި އެއްބަސްވުން

މި ބޭފުޅުން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހް ދުރުކުރުމަށް ހޯމަ ދުވަހު ނަގާ ވޯޓު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި އެ ވޯޓު ކޮންމެ ގޮތަކަށް ނިމުނު ކަމަށް ވިޔަސް އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވާ ގޮތަށް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުން ނުފޫޒުގެ ދަށު ނުވެ މިނިވަންކަމާ އެކު މި ވަގުތުން ފެށިގެން މަސައްކަތް ފެށުމަށް ވެސް އެ ބޭފުޅުން ގޮވައިލެއްވި އެވެ. ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރާއްޖޭގައި އެންމެ ތާއީދު ބޮޑު ބޭފުޅުން ކަމަށާއި އެ ބޭފުޅުން ތިއްބަވާ ކޮޅަކަށް ކާމިޔާބު ލިބޭނެ ކަމަށެވެ. އެހެންވެ މިއީ ވަރަށް މުހިންމު އެއްބަސްވުމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.