Roadha Mihaaru
މަގު ކޮނުމުގެ އުސޫލު ބާތިލްކުރަން ސްޓެލްކޯއިން ކޯޓަށް

މަގު ކޮނުމަށް ބޮޑު އަގު ނަގާ އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ކޯޓަށް

01 ފެބުރުއަރީ 2023

މަގު ކޮނުމާއި މަގުމަތީގައި އެކި މަސައްކަތްތައް ކުރުމަށް އަގު ނެގުމާ ގުޅޭ ގޮތުން އާ އުސޫލެއް ހަދައި އަގުތައް ވަރަށް ބޮޑަށް މައްޗަށް ޖެއްސުމާ ގުޅިގެން އެ އުސޫލު ބާތިލްކުރަން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ކޯޓަށް ދާން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަގު ކޮނުމާއި މަގުމަތީގައި އެކި މަސައްކަތްތައް ކުރުމަށް އަގު ނެގުމާ ގުޅޭ ގޮތުން އާ އުސޫލެއް ހަދައި އަގުތައް ވަރަށް ބޮޑަށް މައްޗަށް ޖެއްސުމާ ގުޅިގެން އެ އުސޫލު ބާތިލްކުރަން މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ކޯޓަށް ދާން ނިންމައިފި އެވެ.

މިއަދު ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، މިމަހުގެ ދެ ވަނަ ދުވަހު ކައުންސިލުން އާންމުކުރި ގަވައިދުގެ ސަބަބުން ކުރިން މަގު ކޮނުމާއި ގާ ނެގުމާއި މަގު ބަންދު ކުރުމަށް ނަގާ ފީ ގާތްގަނޑަކަށް 150 ޕަސެންޓަށް ބޮޑު ކޮށްފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ސިޓީ ކައުންސިލުން މިފަދަ އުސޫލުތައް އެކުލަވައިލާ ނަމަ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ލަފާ ހޯދަންޖެހޭނެ ކަމަށާއި އެކަމަކު އެކަން އެގޮތަށް ކޮށްފައި ނެތް ކަމަށެވެ. މީގެ އިތުރުން ވެސް ގާނޫނީ އެހެން މައްސަލަތަކެއް ވެސް މިކަމުގައި އެބަހުރިކަން ފާހަގަކުރައްވައި ވިދާޅުވީ އުސޫލު ބާތިލް ކުރުމަށް ކޯޓަށް ދާން ނިންމީ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އުސޫލަކީ ބާތިލު އެއްޗެއް. މިއީ ސިޓީ ކައުންސިލަށް އިއުލާނުކުރެވޭ އުސޫލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ކުރިން 30،000ރ. ދައްކަން ޖެހޭ ހިދުމަތްތަކަށް، އާ އުސޫލުގެ ސަބަބުން 80،000ރ. މިހާރު ދައްކަން ޖެހޭ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ނޫސްވެރިންނާ ވާހަކަދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ނޫސްވެރިންނާ ވާހަކަދައްކަވަނީ. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އަގުތަކަށް ގެނައި މައިގަނޑު ބަދަލުތައް

- މަގުމަތީ ބޯޑު ބަހައްޓަން ކުރިން 60ރ.، މިހާރު 200ރ. ދައްކަން ޖެހޭ

- މަގު ބަންދުކުރާ ބޯޑު ބަހައްޓަން ކުރިން 150ރ.، މިހާރު 300ރ. ދައްކަން ޖެހޭ

- ރޯޑް ބްލޮކް ބެހެއްޓުމަށް ކުރިން އަގެއް ނުނަގާ، މިހާރު އެކަމަށް 100ރ.

- ޖަންގްޝަން ނެގުމަށް ކުރިން އަގެއް ނުނަގާ، މިހާރު 300ރ.

ޝަރީފު ވިދާޅުވީ އާންމު ރައްޔިތުންނަށް ސްޓެލްކޯއިން އަވަހަށް ދޭން ބޭނުންވާ ހިދުމަތްތަކަަށް މި ބަދަލުތަކުގެ ސަބަބުން ބުރޫ އަރާނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ވިދާޅުވި ގޮތުގައި ގެޒެޓްކުރި އުސޫލުގައި، މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލުކުރާނެ ކަމަށް އޮވެ އެވެ. އެކަމަކު އެ އުސޫލު ގެޒެޓްކުރީ ވެސް އޭގެ އެއް ދުވަސް ފަހުން ޖެނުއަރީ 2 ގައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންވެ މިއީ ވެސް މައްސަލައެއް ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.

ޝަރީފް ވިދާޅުވީ އާންމުންނަށް ސީދާ ގުޅުން ހުންނަ މިފަދަ ކަންކަމަށް އަގު ނަގާ ނަމަ އެކަން ފެށުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ވެސް އެކަމަށް ދޭންޖެހޭނެ ކަމަށެވެ.

"މާލީ ބުރަކަމެއް އަންނަ ކަމަމަށްވާތީވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެވެސް ކަހަލަ މުއްދަތެއް ދީފައި އޮތުމަކީ އެކަމުގެ އެންމެ ބެސްޓް ޕްރެކްޓިސް،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މި އުސޫލު ހެދުމުގެ ކުރިން، ހިދުމަތްތައް ދޭ ފަރާތްތަކާ ވެސް އެއްވެސް މަޝްވަރާތަކެއް ވެސް ކޮށްފައި ނެތް ކަމަށެވެ. އަދި ކައުންސިލާ މަޝްވަރާކުރަން ހުށަހެޅުމުން ވެސް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވި އެވެ.