Roadha Mihaaru
3 އަހަރުން 7500 މީހަކު ކެންސަރަށް ފަރުވާ ހޯދި

ތިން އަހަރުގެ ތެރޭގައި 7500 އަށް ވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދި

04 ފެބުރުއަރީ 2023

ކެންސަރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރެއިން އެއް ސަބަބު ކަމަށާއި އެ ބަލި ޖެހިގެން 2016 އިން 2019 އަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކެންސަރު ބައްޔަކީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރެއިން އެއް ސަބަބު ކަމަށާއި އެ ބަލި ޖެހިގެން 2016 އިން 2019 އަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން 2020 ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްޓޭޓް، ކޮލޮރެކްޓަލް، އަދި ބަނޑާއި ފުރަމޭގެ ކެންސަރު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރާއި ފުއްޕާމޭ އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

"އާސަންދައިގެ ހިސާބުތަކަށް ބަލާއިރު 2016 އިން 2019 އަށް ކެންސަރަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވޭ. އޭގެ ތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ ފުއްޕާމޭގެ ކެންސަރަށް. އަންހެނުން އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ އުރަމަތީގެ ކެންސަރަށް،" އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މި ބަލިން މީހުން ރައްކާތެރިކޮށް ކޮންޓްރޯލްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި ދުރާލާ ބަލި ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމުތައް ހިންގުމާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމަށް ދޭ އެޗް.ޕީ.ވީ ވެކްސިން ގައުމީ ވެކްސިން ޝެޑިއުލުގައި ހިމަނާ ގަވާއިދުން އަންހެން ކުދިންނަށް ދެމުން އަންނަ ކަމަށް ބުންޏެވެ.

ދުންފަތުން ފުރުހެލިވުމަށް "ސެޒޭޝަން" ޕްރޮގްރާމުތައް ހިންގުމާއި ސެޒޭޝަން ކްލިނިކެއް ހިންގުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ސިއްހީ ހިދުމަތްތެރިންނަށް ދެމުން އަންނައިރު ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށް އެކަމާ ގުޅޭ ގައިޑްލައިންތައް ވެސް ނެރެމުން އަންނަ ކަމަށް އެ އެޖެންސީން ބުނެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ނޭޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭނެއް އެކުލަވާލައި، ކެންސަރު ޖެހޭ މިންވަރާއި ކެންސަރުގެ އާންމު ވައްތަރުތަކާއި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު އެއްކޮށް އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާގެ އެހީތެރިކަން ވިލަރެސްކޮށް، "ކެންސަރު ރަޖިސްޓްރީ" އެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

ކެންސަަރަށް އާންމުން ހޭލުންތެރިކޮށް ދުނިޔޭގެ ފެންވަރުގައި މިއަދު މި ދުވަސް ފާހަގަކުރަމުންދަނީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" ޝިއާރާ އެކުގަ އެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ ބައެއް ސަބަބުތައް:

- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން.

- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް.

- ދުފުން.

- އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން.

- ބަރުދަން ހުންނަންވާ މިންވަރަށް ވުރެ އިތުރުވުން.

- ބަނގުރާ ބުއިން

- އަތްވަށް ހުށަހެޅުން.

ކެންސަރު ބަލީގެ ގިނަ ވައްތަރުތަކެއް ހުރެ އެވެ. މި ބައްޔަކީ ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އުފެދިދާނެ ބައްޔެކެވެ. ކެންސަރު އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއް ނެތި ބޮޑުވެ، އަދި ބައްޔަށް ދުރާލާ ފަރުވާ ނުހޯދިއްޖެ ނަމަ، ހަށިގަނޑުގެ އެހެން ބައިތަކަށް ވެސް ފެތުރިދާނެ ބައްޔެކެވެ.