Roadha Mihaaru
ކެންސަރަށް ފަރުވާ ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ކެންސަރަށް ފަރުވާ ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

04 ފެބުރުއަރީ 2021

ކެންސަރު ބަލީގެ ގައުމީ ދަފްތަރެއް އެކުލަވާލައި ބަލި ކޮންޓްރޯލްކުރަން ގައުމީ ފެންވަރެއްގައި މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކެންސަރު ބަލީގެ ގައުމީ ދަފްތަރެއް އެކުލަވާލައި ބަލި ކޮންޓްރޯލްކުރަން ގައުމީ ފެންވަރެއްގައި މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކެންސަރުގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ކޮންޓްރޯލް ކުރަން ގައުމީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ކެންސަރު ކޮންޓްރޯލްކުރުމަށާއި ކެންސަރަށް ސްކްރީންކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ރާވައިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ރާއްޖޭގެ 84 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އަދި އޭގެ ތެރެއިން 17 ޕަސެންޓަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ. މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް އަވަހަށް ދެނެގަނެވިއްޖެ ނަމަ އެކަށީގެންވާ ފަރުވާ ދިނުމަށް ފަހު، ބަލި މީހާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ކެންސަރު ބައްޔަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އައި އޭމް އެންޑް އައި ވިލް" އެވެ. މި ދުވަސް ފާހަގަ ކުރަނީ ކެންސަރު ބައްޔަށް ހުށަހެޅޭ ކަންތައްތަކާއި ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރަން ހޭލުންތެރިކަން އިތުރުކުރާށެވެ.

ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށް ކޮވިޑް-19 ފަސޭހައިން ޖެހޭތީ، އެ ބަލިން ރައްކާތެރިވާން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.