Roadha Mihaaru
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި

ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި

04 ފެބުރުއަރީ 2024

ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ހަވާލާދީ އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެ ބައްޔަކީ ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށެވެ. އަހަރަކު 10 މިލިއަން މީހުން އެ ބަލީގައި މަރުވާއިރު، 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހޭ މީހުން ކަމަށް ބަޔާނުގައިވެ އެވެ.

ހަމަ އެގޮތަށް، ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެ އެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގައި މަރުވާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް

- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން

- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް

- ދުފުން

- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން

- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން

- ބަނގުރާ ބުއިން

ކެންސަރުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް

- އެޗްޕީވީ ވެކްސިން ޖެހުން

- އަވިން ރައްކާތެރިވުން

- ދަރިފުޅަށް ގާތުން ކިރުދިނުން

- ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން

- ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން

- ގަވައިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން

ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެ އެވެ.

ކެންސަރުގެ މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" އެވެ.