Roadha Mihaaru
އަނިޔާ: ޝިއާއުގެ ހަނދާނުގައި އަލްބަމެއް

އަނިޔާ: ޝިއާއުގެ ހަނދާނުގައި އަލްބަމެއް

05 ފެބުރުއަރީ 2023

މިދިޔަ އަހަރުގެ އޮގަސްޓު މަހު އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ހަނދާނުގައި ބައިސްކޯފުގެ ބޭންޑު "ހަމްބަލްބަކަރި" އިން "އަނިޔާ" ގެ ނަމުގައި އަލްބަމެއް ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިދިޔަ އަހަރުގެ އޮގަސްޓު މަހު އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ހަނދާނުގައި ބައިސްކޯފުގެ ބޭންޑު "ހަމްބަލްބަކަރި" އިން "އަނިޔާ" ގެ ނަމުގައި އަލްބަމެއް ނެރެފި އެވެ.

އުމުރުން އެންމެ 22 އަހަރުގައި ޝިއާއު މަރާލުމުގެ ކުރިން އޭނާ އައީ "ހަމްބަލްބަކަރި" އާ އެކު ޖޭމް ޝެޝަންތަކުގައި ބައިވެރިވަމުންނެވެ. "ހަމްބަލްބަކަރި" އިން ޝިއާއު އަށް ހާއްސަކޮށް އަލްބަމެއް ހަދަން ނިންމީ އޭނާގެ މަޖާ ޖޭމް ސެޝަންތަކުގެ ތެރެއިން އެކޫސްޓިކް ރިވަބްރޭޝަންގެ ފަސް ލަވަ އުފެދި، އަލްބަމެއް ހެދިދާނެކަން އެނގުމާ އެކުގަ އެވެ.

ޝިއާއުގެ ހިތާމަވެރި ވަކިވުމާ އެކު، ޖޭމް ޝެޝަންތައް ފޫހިވެ، އާ މިސްރާބަކަށް ދާން ޖެހިއްޖެ ކަމުގެ އިހުސާސްކުރެވުނުކަމަށް އެ ބޭންޑުން ބުންޏެވެ.

މޫސާ އާދަމް މަނިކު (ކޭޖޭ) އެ ބޭންޑާ ގުޅުނީ، ޝިއާއުގެ މަރަށް ފަހު ސެޝަންތައް މެދުކަނޑާލައިފާ ވަނިކޮށެވެ. އެއާ އެކު، ކޭޖޭ ޕްރޮޑިއުސްކޮށް، އަދި އޭނާގެ އަޑުން ކިޔާފައިވާ ނުވަ ލަވައިން "އަނިޔާ" ކިޔާ އަލްބަމެއް، މިދިޔަ ހަފްތާ ނެރުނީ ޝިއާއުގެ ހަނދާންތަކާ އެކުގަ އެވެ.

އެ އަލްބަމްގެ ހުރިހާ ލަވައެއް ލިޔެފައިވަނީ "ހަމްބަލްބަކަރި" ބޭންޑުންނެވެ. އަދި އަލްބަމްގައި ހިމެނޭ "ވައިކޮޅު" އަދި "ތަރި" ފިޔަވައި ހުރިހާ ލަވައެއް ވެސް ލިޔުނީ ޝިއާއުއާ އެކު ބޭއްވި ސެޝަންތަކުގެ ތެރެއިން ކަމަށާއި، އެ ދެ ލަވަޔަކީ ޝިއާއު ވަކިވިފަހުން، އޭނަ އަށް ހާއްސަކޮށް ލިޔުނު ދެ ލަވަ ކަމަށް އެ ބޭންޑުން ބުންޏެވެ.

ތިން ލަވަޔަކުން ޝިއާއުގެ އަޑު އިވޭނެ އެ އަލްބަމް، މިހާރު ބައިސްކޯފުން ސްޓްރީމް ކުރެވޭނެ އެވެ.

"ހަމްބަލްބަކަރި" އާއި ޝިއާއު އެންމެ ފުރަތަމަ ދިމާވީ ގާތްގަނޑަކަށް މީގެ ދެ އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އެ ބޭންޑާއި ޝިއާއުއާ ދެމެދު ގާތް ގުޅުމެއް އުފެދެމުން އައި ކަން އިހުސާސްކުރެވުނު ކަމަށް ބޭންޑުން ބުނެ އެވެ.

"އަހަރެމެން ހަމައެކަނި ބޭނުންވަނީ އޭނާ (ޝިއާއު) އަކީ ކިހާ ހުނަރުވެރި ޒުވާނެއްކަން، އެންމެން ހަނދާނުގައި ބެހެއްޓުން އަދި މި އަލްބަމް މެދުވެރިކޮށް ޝިއާއުގެ ހިތްގައިމު ހަނދާންތައް ދިރިހުރުން." ބޭންޑުން ބުންޏެވެ.