Roadha Mihaaru
"ކައިވެނި" ރިޒީލްކޮށްފި؛ ހިމެނެނީ ނަސޭހަތާއި އިރުޝާދު

"ކައިވެނި" ރިޒީލްކޮށްފި؛ ހިމެނެނީ ނަސޭހަތާއި އިރުޝާދު

19 ފެބުރުއަރީ 2023

ކައިވެނީގެ ހަފްލާތަކުގައި ޖެހުމަށް ހާއްސަކޮށް ޝެއިހް އަލީ ޒައިދް އުފައްދާފައިވާ މަދަހަ އަލްބަމް، "ކައިވެނި" ރިލީޒްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކައިވެނީގެ ހަފްލާތަކުގައި ޖެހުމަށް ހާއްސަކޮށް ޝެއިހް އަލީ ޒައިދް އުފައްދާފައިވާ މަދަހަ އަލްބަމް، "ކައިވެނި" ރިލީޒްކޮށްފި އެވެ.

ރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އެ އަލްބަމް ރަސްމީކޮށް ރިލީޒްްކޮށްދެއްވީ އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

ހަމައެކަނި ތާރަ އާއި ވޯކަލް ބޭނުންކޮށްފައިވާ، 16 މަދަހައިގެ އެ އަލްބަމް މިހާރު ޔޫޓިއުބުން އަޑުއެހޭނެ އެވެ. މިއީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި، ތާރައިން ތައްޔާރުކޮށް ނެރުނު ފުރަތަމަ އަލްބަމެވެ.

ރޭގެ ހަފްލާގައި ޝެއިހް ޒައިދް ވާހަކަ ދައްކަވަނީ

ރޭގެ ހަފްލާގައި ޝެއިހް ޒައިދް ވާހަކަ ދައްކަވަނީ

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ މި އަލްބަމްގައިވާ މަދަހަތަކުގައި ދޭ އިރުޝާދުތަކާއި ނަސޭހަތްތައް އަޑު އަހައި އެގޮތަށް އަމަލުކުރުމުން ދިރިއުޅުމަށް ހެޔޮ ބަދަލެއް ލިބިދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ވަރަށް ހެޔޮ މަސައްކަތެއް. ކައިވެނިކުރަން ތިބި ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހެޔޮފާލަކަށް ވާނެ،" ޑރ. ޒާހިރު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ޝެއިހް ޒައިދް ވިދާޅުވީ މިއީ ކައިވެނީގެ ހަފްލާތަކަށް ހާއްސަކޮށް މިފަދަ އަލްބަމެއް ނެތުމުން އެކަން ފޫބެއްދުމަށްޓަކައި ކުރި މަސައްކަތެއް ކަމަށެވެ.

ރޭގެ ހަފްލާގައި ޝެއިހް ޒައިދް ވާހަކަ ދައްކަވަނީ

ރޭގެ ހަފްލާގައި ޝެއިހް ޒައިދް ވާހަކަ ދައްކަވަނީ

"ވަރަށް ގިނަ ޝޭއިހުންނަށް ވިސްނުނީ މިއީ ކުރަން ރަނގަޅު ކަމެއް ކަމަށް. އެހެންވެ، ތާރައެއް ސީދާ ބޭރުން ގެނެސްގެން މީގެ ރާގު ކޮމްޕޯޒްކޮށް، ގިނަ ބަޔަކު ހަދިޔާކުރި ޅެންތަކަކާ އެކީ މި އަލްބަމް ތައްޔާރު ކުރީ،" މި އަލްބަމްގެ ޕްރޮޑިއުސްކުރި ޒައިދު ވިދާޅުވި އެވެ.

"ކައިވެނި" އަލްބަމުގެ ޓްރެކްތައް ހުށަހަޅައިދިން 12 ވޯކަލިސްޓުން

"ކައިވެނި" އަލްބަމުގެ ޓްރެކްތައް ހުށަހަޅައިދިން 12 ވޯކަލިސްޓުން

އަލްކައޫން ސްޓޫޑިއޯ އާއި ގާފަރު ނިހާން ސްޓޫޑީއޯ އަދި ޓޮނިކް ލައިވް ސްޓޫޑިއޯ އިން ރެކޯޑު ކުރި އެ މަދަހަތަކުގައި، ޒައިދުގެ އިތުރުން ފަހަކަށް އައިސް މަގްބޫލުކަން ހޯދަމުން އަންނަ އާޓިސްޓުންނާއި ރާއްޖޭގައި ފުންނާބު އުސް ގިނަ އާޓިސްޓުންތަކެއްގެ އަޑު އިވެ އެވެ. އޭގެ ތެރޭގައި، ހުސައިން އަލީ އާއި އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އާއި، މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ގެ އިތުރުން ޝަލަބީ އިބްރާހިމް ފަދަަ އާޓިސްޓުން ފާހަގަކޮށްލެވެ އެވެ.

މި އަލްބަމްގެ ހުރިހާ މަދަހައެއް ކޮމްޕޯޒް ކޮށްފައި ވަނީ ޒައިދް އަމިއްލަ އަށެވެ. އަދި މަދަހަަތުގެ މާސްޓަރިންގެ ބައި ފުރިހަމަކުރީ ކުޑަ އިއްބެ އެވެ.