Roadha Mihaaru
"ސަމުގާ" މައްސަލާގައި މިއުޒީޝަނުންގެ ބޮޑު ކޯޅުމެއް

"ސަމުގާ" މައްސަލާގައި ދިވެހި މިއުޒީޝަނުންގެ މެދުގައި ކޯޅުންގަނޑެއް

31 ޖުލައި 2024

ދިވެހި މިއުޒިކް ބޭންޑް "ސްކައިރޮކް" އިން ނެރެން ތައްޔާރުވަމުން އަންނަ އެ ބޭންޑުގެ ފުރަތަމަ އަލްބަމުގެ ލަވަތަކެއްގެ ނަމުގެ މައްސަލާގައި ދިވެހި މިއުޒީޝަނުންގެ މެދުގައި ބޮޑު ކޯޅުންގަނޑެއް ފެށިއްޖެ އެވެ.

ދިވެހި މިއުޒިކް ބޭންޑް "ސްކައިރޮކް" އިން ނެރެން ތައްޔާރުވަމުން އަންނަ އެ ބޭންޑުގެ ފުރަތަމަ އަލްބަމުގެ ލަވަތަކެއްގެ ނަމުގެ މައްސަލާގައި ދިވެހި މިއުޒީޝަނުންގެ މެދުގައި ބޮޑު ކޯޅުންގަނޑެއް ފެށިއްޖެ އެވެ.

ސްކައިރޮކްގެ ފުރަތަމަ އަލްބަމްގެ ނަމަކީ "ސަމުގާ" އެވެ. އެ އަލްބަމް ލޯންޗްކުރުމަށްޓަކައި މިރޭ އޮލިމްޕަހުގައި މިއުޒިކް ޝޯއެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ޝޯ ބާއްވަން ތައްޔާރުވެފައި ވަނިކޮށް ބޮޑުބެރު ގްރޫޕް "ހަރުބީ" އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްކައިރޮކް އިން "ސަމުގާ" އާއި "އިރު"ގެ ނަމުގައި އެ ބޭންޑުގެ އަލްބަމުގައި ލަވަތަކެއް ގެނެސްދޭއިރު، އެ ދެ ނަމަކީ ރާއްޖޭގެ ކޮޕީރައިޓް ގާނޫނުގެ ދަށުން އެ ގްރޫޕްގެ ހައްގެއް ކަމަށެވެ. އެ ދެ ނަމަކީ އެ ގްރޫޕްގެ ފައުންޑިން މެމްބަރެއް ކަމަށްވާ ހަސަން އުސްވަތުﷲ 2012 ވަނަ އެ ގާނޫނުގެ ދަށުން އެ ގްރޫޕްގެ ހައްގަކަށް ހަދައިފައިވާ ދެ ނަން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ނަންތައް ބޭނުންކޮށްގެން ސްކައިރޮކުން ލަވަތަކެއް ގެނެސްދިނުމަކީ ހަރުބީގެ ހައްގަކަށް އަރައިގަތުން ކަމަށާއި އެ ބޭންޑާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މި މައްސަލާގައި މަޝްހޫރު މިއުޒީޝަން އަބްދުﷲ އީސާފުޅު (އީސަ) ވެސް ވަނީ ފޭސްބުކްގައި ދިގު ޕޯސްޓެއްކޮށް، ހަރުބީ އަށް ރައްދު ދީފަ އެވެ. މައްސަލަ އުފެދިގެން އުޅޭ މި ދެ ލަވައިގެ ލިރިކްސް ލިޔުނީ އޭނާ އެވެ.

އީސަ ބުނީ ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ލިބޭނީ އެ އުފެއްދުމަކީ ނުވަތަ އެ މަސައްކަތަކީ އެ ފަރާތުގެ އަސްލީ އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށްވާ ނަމަ ކަމަށެވެ. "ސަމުގާ" އާއި "އިރު"، އެ ދެ ލަވައިގެ މުޅި ރާގާއި ލަވައަކީ ހަރުބީގެ އަސްލީ އުފެއްދުމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ތިޔަ ބަޔާންކުރާ ދެ ލަވައިގެ ޅެމާއި ރާގުގެ އަސްލީ އުފެއްދުމާއި މަސައްކަތުގެ ވެރިފަރާތަކީ ހުދު އަޅުގަނޑު،" އޭނާ ބުންޏެވެ.

"ގާނޫނީ ގޮތުން އެ ދެ ލަވައިގެ އަސްލީ މަސައްކަތުގެ ކޮޕީރައިޓްގެ ސީދާ ވެރިފަރާތަކީ އަޅުގަނޑު ނޫން އެހެން ފަރާތެއް ނޫނެވެ. އަދި ތިޔަ ދެ ލަވައިގެ ޅެމާއި ރާގުގެ ހައްގުވެރި މުސައްނިފަކީ އަޅުގަނޑު ކަމަށްވާ ހިނދު, އެ ގާނޫނުގެ 10 ވަނަ މާއްދާއިން, މުސައްނިފަށް ލިބިދޭ ހައްގުގެ ދަށުން, ހަރުބީ ބޮޑުބެރު ގްރޫޕުން އެ ލަވަ ބޮޑުބެރުގައި ހުށަހަޅާ ވިޔަފާރި ކުރުމުގެ ހައްގު ދިނުމާއި, ސްކައިރޮކްއަށް އެ ލަވައިގެ މިޔުޒިކް ބޭންޑުން ހުށަހަޅާ ވިޔަފާރީގެ ބޭނުމަށް ދިނުމަކީ މުސައްނިފަށް އޭނާގެ އަސްލީ އުފެއްދުމާއި މަސައްކަތަށް ގާނޫނުން ލިބިދޭ އިގުތިސާދީ ހައްގެކެވެ،" އޭނާ ބުންޏެވެ.

އީސަ ބުނީ ގާނޫނީ ގޮތުން ހުރި ކަންކަން ހަރުބީން ނުބަލައި ސްކައިރޮކްގެ މަސައްކަތަށް ހަސަދަވެރިވުމަކީ ވަރަށް ދެރަ އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ބޮޑުބެރާއި ފުލް-ސެޓްއަޕް މިޔުޒިކް ބޭންޑެއްގެ ތަފާތަށް އިހުތިރާމްކުރުމަކީ ބުއްދިވެރި ކަމެއް ކަމަށެވެ.

ކޮޕީރައިޓް ގާނޫނުގައިވާ ގޮތުން މަސައްކަތެއް ނުވަތަ އުފެއްދުމެއްގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް، އެ މަސައްކަތެއް ނުވަތަ އެ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެ މީހަކު މަރުވުމަށް ފަހު ފުރިހަމަ 50 އަހަރު ވަންދެން އެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެ އެވެ.

މި މައްސަލާގައި ކޯޓަށްދާ ނަމަ ދާން ޖެހޭނީ އޭނާ ގޮވައިގެން ކަމަށާއި އެކަމަށް ތައްޔާރަށް ހުރި ކަމަށް ވެސް އީސަ ބުންޏެވެ.

މައްސަލަ ބޮޑުވި ފަހުން ސްކައިރޮކް އިން ނެރުނު ނޫސްބަޔާނުގައި ބުނީ މި ދެ ލަވައިގެ ތެރެއިން "ސަމުގާ" އަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ބޭންޑުން އެކި ޝޯތަކުގައި ހުށަހަޅަމުން އަންނަ ލަވައެއް ކަމަށެވެ. އަދި "އިރު" އަކީ ސީދާ މި އަލްބަމަށް ހެދި ލަވައެއް ކަމަށް އެ ބޭންޑުން ބުންޏެވެ.

މި ލަވަތައް ނެރެނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައި ކަމަށް ވެސް ބޭންޑުން ބުންޏެވެ.

މި މައްސަލައަށް ހައްލެއް ހޯދަން ހަރުބީއާ އެކު މަސައްކަތްކުރަން އެ ބޭންޑުން ތައްޔާރަށް އޮތް ނަމަވެސް، އެ ގްރޫޕްގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް ސްކައިރޮކްގެ ބަޔާނުގައި ބުންޏެވެ.