Roadha Mihaaru
ޓޯއީގެ އާ އަލްބަމް ސިމްބޮލިކްގެ ލަވަތަކާ ތަފާތުކޮށް

ޓޯއީގެ އާ އަލްބަމް ސިމްބޮލިކްގެ ކުރީގެ ލަވަތަކާ ތަފާތުވާނެ

13 ފެބުރުއަރީ 2023

ރާއްޖޭގެ ޒުވާން ހިޕްހޮޕް ގްރޫޕް ސިމްބޮލިކް ރެކޯޑްސްގެ މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) ގެ އާ އަލްބަމް، "ލޯބި-ވާ" މާދަމާ ރޭ ރިލީޒް ކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގެ ޒުވާން ހިޕްހޮޕް ގްރޫޕް ސިމްބޮލިކް ރެކޯޑްސްގެ މުހައްމަދު ނަބީލް ނިޔާޒް (ޓޯއީ) ގެ އާ އަލްބަމް، "ލޯބި-ވާ" މާދަމާ ރޭ ރިލީޒް ކުރަން ތައްޔާރުވެއްޖެ އެވެ.

ޓޯއީއާ އެކު ސިމްބޮލިކްގެ ގިނަ އާޓިސްޓުންތަކެއް ފީޗާކޮށްފައިވާ ލޯބީގެ އެ އަލްބަމްގައި 14 ލަވައެއް ހިމެނެ އެވެ.

ސިމްބޮލިކް ރެކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓާ މުސްތަފާ މުހައްމަދު (ކުލަފިހި) "މިހާރު" އަށް ބުނީ، މުޅިން އަލަށް ސިމްބޮލިކް ރެކޯޑްސްއާ ގުޅުނު ދެ އާޓިސްޓުން ވެސް އެ އަލްބަމުން ތައާރަފްވާނެ ކަމަށެވެ.

ފައްރާސް އަހްމަދު (ސަންޗު) ޕްރޮޑިއުސްކޮށްފައިވާ އެ އަލްބަމްގައި "އާރްއެންބީ" އާއި، "އީޑީއެމް" އާއި، "ހިޕްހޮޕް" ފަދަ ހިޕްހޮޕްގެ ތަފާތު ޖޮންރާތައް ހިމެނޭނެ ކަމަށް މުސްތަފާ ބުންޏެވެ.

"މުޅި އަލްބަމް ވެސް ކުރިން ސިމްބޮލިކް އިން ނެރުނު ލަވަތަކާ ވަރަށް ތަފާތު ވާނެ،" އޭނާ ބުންޏެވެ.

މި އަލްބަމް މާދަމާ ރޭ ސައުންޑް ކްލައުޑުގައި ރިލީޒްކުރަން ނިންމާފައި ވާއިރު، ލިރިކްސް ވީޑިއޯތައް ޔޫޓިއުބަށް ލާން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިއީ މީގެ 10 އަހަރު ކުރިން ވުޖޫދުވި ސިމްބޮލިކްގެ 10 ވަނަ އަލްބަމެވެ. އަދި ރާއްޖޭގެ ރެޕްލަވަތަކުން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޓޯއީގެ ދެ ވަނަ ސޯލޯ އަލްބަމެވެ. މީގެ ކުރިން، 2019 ވަނަ އަހަރު އޭނާ ވަނީ "318" ނަމުގައި ލޯބީގެ 10 ލަވައިގެ އަލްބަމެއް ނެރެފަ އެވެ.