Roadha Mihaaru
އުނޫޝާގެ ނާނާ އަލްބަމް "އުދުހިލާ" ރިލީޒްކޮށްފި

އުނޫޝާގެ ނާނާ އަލްބަމް "އުދުހިލާ" ރިލީޒްކޮށްފި

12 މެއި 2021

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ބާޗީ ގުޅިގެން ތައްޔާރުކުރި ކުޑަކުދިންގެ ނާނާ އަލްބަމް "އުދުހިލާ" މިރޭ ރިލީޒްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މިއުޒީޝަން ބާޗީ ގުޅިގެން ތައްޔާރުކުރި ކުޑަކުދިންގެ ނާނާ އަލްބަމް "އުދުހިލާ" މިރޭ ރިލީޒްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ބޭއްވި އިވެންޓެއްގައި މި އަލްބަމް ރިލީޒްކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ.

މި އަލްބަމް ރިލީޒްކުރީ ކިޑީއާ އޭނާގެ ފިރިމީހާ އިބްރާހިމް ހަމީޝްގެ އަލަތު ދަރިފުޅުގެ އުފަންދުވަހާ ވެސް ދިމާކޮށެވެ.

މި އޯޑިއޯ އަލްބަމްގައި 8 ލަވައެއް ހިމެނެ އެވެ. އޭގެ ތެރެއިން ހަ ލަވަ އަކީ ނާނާ އެވެ. ދެން ހިމެނެނީ ކަވަ ލަވައަކާއި އިންސްޓްރޫމެންޓަލް ލަވައެކެވެ.

ކަވަ ލަވައެއްގެ ގޮތުގައި ގެނެސްދީފައިވާ "ނާނާ" ކިޔާފައި ވަނީ ކިޑީއާ އެކު އޭނާގެ މަންމަ، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ޝަފީގާ އެވެ. އެއީ ރަންޒަމާނުގެ ދިވެހި ލަވަކިޔުންތެރިޔާ ޖޭމް ދޮންކަމަނަގެ "ނާނާ" ގެ ކަވާ އެކެވެ. މި ލަވަ ވަނީ އަލްބަމް ނެރުމުގެ ކުރިން މިދިޔަ އަހަރު ރިލީޒްކޮށްފަ އެވެ.

ކިޑީގެ މެނޭޖަރުކަން ވެސް ކުރާ ހަމީޝް ބުނީ މި ނާނާ އަލްބަމަކީ ވަރަށް ޚާއްސަ މަސައްކަތެއް ކަމަށާއި އަދި އަންނަ އޮތް ޖީލުތަކަށް މި ރީތި ނާނާތައް ވާސިލުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ދިވެހި ބަހުން ހުންނަ ނާނާތައް ވަރަށް މަދު ކަމަށާއި އެހެންވެ މި މަސައްކަތަކީ ދިވެހި ސަގާފަތައް ވެސް ހިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައި ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

"މިއީ ކިޑީގެ ވަރަށް ޕާސަނަލް އަލްބަމެއް އެހެންވެ ކިޑީ ބޭނުންވަނީ އަޅުގަނޑުމެންގެ އާއިލާގެ ފަރާތުން އެހެން އާއިލާތަކަށް ދޭ ލޯބި ހަދިޔާއަކަށް މި އަލްބަމް ވުން،" ހަމީޝް ބުންޏެވެ.

ދިވެހި އާޓިސްޓުންނާއި ގްރެފިކް ޑިޒައިނަރުންނާ ގުޅިގެން މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

މި ލަވަތައް ވަރަށް އަވަހަށް އެކި ޕްލެޓްފޯމުތަކުން އަޑުއަހާލަން ލިބޭނެ އެވެ.