Roadha Mihaaru
ބީއެމްއެލްގެ މައުލޫމާތުތަކެއް ދޭން އެންގީ ރަނގަޅަށް

ބީއެމްއެލްގެ މައުލޫމާތުތަކެއް ހާމަކުރަން އެންގީ ރަނގަޅަށް: ހައިކޯޓް

05 ފެބުރުއަރީ 2023

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް އޮތްއޮތުން ހައި ކޯޓުން އަނެއްކާވެސް ދަމަހައްޓައި އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައުލޫމާތުތަކެއް ހާމަކުރަން އެންގި އެންގުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދައުލަތުގެ ކުންފުނިތަކުގެ މައްޗަށް ހިނގާ ގޮތަށް އޮތްއޮތުން ހައި ކޯޓުން އަނެއްކާވެސް ދަމަހައްޓައި އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައުލޫމާތުތަކެއް ހާމަކުރަން އެންގި އެންގުން ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ބީއެމްއެލްގެ ބޯޑު މެމްބަރުންނާއި ސީނިއާ މުވައްޒަފުންގެ މަގާމުގެ ތަފްސީލުތައް ހޯދަން އައިމަން ލަތީފްގެ ފަރާތުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އަންގާފައިވަނީ އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.

އެ ނިންމުން ބީއެމްއެލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ބުނެފައި ނެތީސް، އައިކޮމް އިން ހެދި ގަވާއިދެއްގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިންގުމަކީ ގާނޫނު ޚިލާފް ކަމެއް ކަމަށް ބުނެ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮތްގޮތުން، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަނަކީ ދައުލަތުގެ އިދާރާއެއް ކަމަށް ބެލެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބީއެމްއެލްއަކީ ބޭންކިން ހިދުމަތް ދިނުމަށްޓަކައި ދައުލަތުން އުފައްދާފައިވާ އަދި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި އެހެންވެ، އެ ކުންފުނީގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ ގޮތުން ދައުލަތުން އުފައްދާފައިވާ ކުންފުނިތަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިނގާނެ ކަމަށް އައިކޮމްއިން ހެދި ގަވާއިދުގައި ލިޔެފައި އޮތުމަކީ ވެސް ގާނޫނާ ޚިލާފް ކަމެއް ނޫނެވެ.

މީގެ އިތުރުން އައިމަން ލަތީފްގެ ފަރާތުން ހޯދަން އެދުނު މައުލޫމާތަކީ ގާނޫނުގައި ސިއްރު ކުރެވޭނެ މައުލޫމާތެއް ކަމަށް ނުވާތީ އެ މައުލޫމާތު ހާމަކުރަން އެންގީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އައިކޮމްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މީގެކުރިން ވެސް ހައި ކޯޓުން ވަނީ ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ނިންމައިފަ އެވެ. އޭރު އެގޮތަށް ނިންމީ އެމްޓީސީސީން ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ އެމްޓީސީސީން މިހާރު އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.