06 ފެބުރުއަރީ 2023
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕެއިން ނާކާމިޔާބުވެ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ގެއްލުނަސް، ނަޝީދަކީ އަދިވެސް އެމްޑީޕީގެ ދިރުން ކަމުގައި ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ކެމްޕެއިން ނާކާމިޔާބުވެ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ގެއްލުނަސް، ނަޝީދަކީ އަދިވެސް އެމްޑީޕީގެ ދިރުން ކަމުގައި ގަބޫލުކުރާ މީހުން މަދެއް ނޫނެވެ.
ވާދަވެރި އިންތިހާބު ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވި ނަމަވެސް އެމްޑީޕީގެ އެތައް ބަޔަކު މަޑުކޮށްލައިގެން ތިބީ ނަޝީދުގެ އިޝާރާތަކަށެވެ. އެމަނިކުފާނު ދެން ކުރައްވާނީ ކޮން ކަމެއްތޯ ސުވާލު އުފެދިފަ އެވެ.
އޭގެ ދެ ދުވަސް ފަހުން ދޮންމަނިކު ސައި ވިއުގައި ނަޝީދުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެ ދެއްވީ އެމަނިކުފާނު ފިކުރުގެ މެންބަރުންނަށް އޮތް އާ ހައްލެކެވެ. އަދި ރައީސްގެ ފަހަތަށް އެރުމުގެ ބަދަލުގައި ސަރުކާރަށް ބަރޯސާ ވާން ބޭނުން ނުވާ އެމްޑީޕީގެ މެންބަރުންނަށް ދެވެން އޮތް އެހެން މިސްރާބެއްގެ ވާހަކަ އެވެ.
"މިހާރު މަސައްކަތް ކުރަންވީ ކޮންމެ ރަށެއްގައި ފިކުރެއްގެ ދިރުން ގޮފި އުފައްދައި 50,000 މެންބަރުން ހަމަ ކުރުމަށް," ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތް ވުން. ޕާޓީ މޮޅުވާނެ ގޮތްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދިއުން. މި 2023 ގެ ރިޔާސީ އިންތިހާބު މިއީ އެމްޑީޕީ އަށް ގެއްލޭ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭކަށް ނެތް. އެއަށްވުރެ މިއީ މާ މުހިއްމު މަސައްކަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރެއިން ފިކުރު ގޮފިތަކެއް އުފައްދަން ޖާގަ ލިބެ އެވެ. އަދި ގޮފިތަކުން މެންބަރުން ހަމަކޮށްގެން ފިކުރެއް ދިރުވަން ވެސް އެ ޕާޓީގެ އަސާސީ ގަވައިދު ތަން ދެ އެވެ.
މި 2023 ގެ ރިޔާސީ އިންތިހާބު މިއީ އެމްޑީޕީ އަށް ގެއްލޭ އެއްޗަކަށް އަޅުގަނޑުމެންނަށް ހެދޭކަށް ނެތް. އެއަށްވުރެ މިއީ މާ މުހިއްމު މަސައްކަތެއް -- ނަޝީދު
އެހެން ނަމަވެސް ނަޝީދު ވަރަށް ދުރުދުރުން ވިދާޅުވާ ގޮތުން ނަމަ ފިކުރެއްގެ ދިރުން ގޮފީގެ މަސައްކަތް ނިމޭ ހިސާބަކީ އެމްޑީޕީ 2023 ކާމިޔާބު ކުރުމެވެ. އެކަން ކުރުމަށް އެހެން ކެނޑިޑޭޓެއް ވެސް ހޯދަން ޖެހެ އެވެ. އެކަން ކުރައްވާނެ އެއްވެސް ގޮތެއް އަދި މަގުޗާޓެއް ނުދައްކަވަ އެވެ.
އަނެއްކާ ވެސް ބޮޑުފެންވަޅު ގޭގައި ފެއްޓެވީ އެހެން މަސައްކަތެކެވެ. ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ތާއީދު ފޯމް ފުރުމުގެ މަސައްކަތެވެ. މިއީ ރިޔާސީ ޕްރައިމަރީގެ ކުރިން އެމްޑީޕީގެ ފޯމެއް ބޭނުން ކުރައްވައިގެން ވެސް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ކުރި މަސައްކަތެކެވެ.
ފިކުރެއްގެ ދިރުން ފެކްޝަނާ ގުޅޭ ފޯމް ފުރުމުގެ ހަރަކާތްތެއް--
އެހެން ނަމަވެސް މިފަހަރު ބޭނުން ކުރައްވަނީ "ފިކުރެއްގެ ދިރުން އާ ގުޅިވަޑައިގަތުމުގެ" ފޯމެވެ. އެ ފޯމް ފުރައި އެ ފިކުރާ ގުޅުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމްޑީޕީ މެންބަރުންނަކަށް ނޫނެވެ. ކޮންމެ ސިޔާސީ ޕާޓީއެއް ސިޔާސީ ފިކުރެއް ހުރި މީހަކަށް ވެސް ނަޝީދުގެ ފިކުރާ ގުޅުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
އެ މަސައްކަތުގެ މަގްސަދެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭގެން ހާސިލް ވާނެ ނަތީޖާއެއް، ދާން މިއުޅޭ މިސްރާބެއް ސާފެއް ނުވެ އެވެ. ރިޔާސީ އިންތިހާބަށް ހަ މަސް ކުރިޔަށް އޮތް އިރު ނަޝީދު ވާދަ ކުރައްވަން ގަސްދު ކުރައްވަނީތޯ ނުވަތަ ނޫންތޯ ވެސް ޖަވާބެއް ނުދެއްވަ އެވެ.
އެ މައްސަލަ ސްޕެކިއުލޭޓް ނުކޮށް ނަޝީދުގެ އެންމެ އަރިސް އެއް މެންބަރެއް ކަމަށްވާ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާ ސުވާލުތައް ކުރުމުން އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި އޮތީ ނަޝީދަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ޕާޓީން ވަކިކޮށްފަ އެވެ. އެހެންވެ އެމަނިކުފާނުގެ ފަހަތުގައި އޮތް އަސްލު ސަޕޯޓެއް ނުފެނުނު ކަމަށާއި އަސްލު އޮތް ތާއީދު ދައްކާލަން ބޭނުންވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެއީ މި ކުރާ މަސައްކަތަކީ. ޕްރައިމަރީ ނިމުނީމަ ބޭނުން ބަލާލަން އެމްޑީޕީގެ މެންބަރުން ނުވަތަ ކޮންމެ 18 އަހަރު ފުރިފައި ހުރި ދިވެހި ކޮންމެ ރައްޔިތެއްގެ ތެރެއިން ވެސް މި ފިކުރަށް ތާއީދު ކުރަނީ ކޮން ބައެއްތޯ،" ހަސަން ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން އެއް ކުރައްވާ ވަރަށް ގިނަ މައުލޫމާތު ހިމެނޭ ބޮޑު ޑޭޓާ ބޭސްގެ ބޭނުން ހިފާނެ ގޮތެއް އޭނާ ވިދާޅެއް ނުވެ އެވެ. ހަސަން ވިދާޅުވީ އެ ޑޭޓާތަކަކީ ހަމަގައިމު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް ހިބަކޮށް އަރުވާނެ އެއްޗެއް ނޫނެވެ.
"އެ ބޭނުން ކުރަން ޖެހޭ ވަގުތު އެންމެ ރަނގަޅަށް އަޅުގަނޑުމެން އެކަން ކުރާނަން," ހަސަން ވިދާޅުވި އެވެ.
އެ ވާހަކަތަކުން ވެސް މުޅި މަންޒަރެއް ސާފެއް ނުވެ އެވެ. އެ ސާފުކޮށްދޭން ނަޝީދުގެ ފެކްޝަނުން އަދި ބޭނުމެއް ވެސް ނުވެ އެވެ. ނަމަވެސް ސާފުވާ އެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ވިޔަސް އެމަނިކުފާނުގެ ފަހަތުގައި ހުރުމުގެ ވިސްނުން ނުގެންގުޅޭ ކަމެވެ.
އެހެން ނަމަވެސް ހަމައެކަނި އޮތް ތާއީދު ވަޒަން ކޮށްލައިގެން ނަޝީދުގެ ފިކުރު އެމްޑީޕީގެ ތެރޭގައި އަލުން ދިރުވޭނެ ގޮތެއް ނޯންނާނެ އެވެ. އެމްޑީޕީގެ ޓިކެޓާއި ޕާޓީގެ ހުރިހާ ގުނަވަނެއް އަދިވެސް އޮތީ ރައީސްގެ އަތްޕުޅުގަ އެވެ. ސުވާލަކީ އެ ހުރިހާ މައުލޫމާތަކާއެކު އަދި ފަހުން ގޮފިތަކެއް ހެދި ނަމަވެސް ނަޝީދަށް ޕާޓީގެ ތެރެއިން އޮތް ކުރިމަގަކީ ކޮބާ ހެއްޔޭ އެވެ. ރިޔާސީ އިންތިހާބުން އެމަނިކުފާނު ފެންނާނެ ހެއްޔޭ އެވެ؟
އެމްޑީޕީގެ ތެރެއިން ނަޝީދު ދެން އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ ސުވާލު ކުރުމުން ހަސަން ވިދާޅުވި ގޮތުގައި އެ ސުވާލު އަހަން ޖެހޭނީ ސީދާ އެމަނިކުފާނުގެ އަރިހުންނެވެ. ރައީސްގެ މިސްރާބެއް އަދި ނެރުއްވާނެ ފޯމިއުލާއެއްގެ ވާހަކައެއް ހަސަން ވިދާޅެއް ނުވި އެވެ.
އެހެން ނަމަވެސް އޭނާ ދެއްވާ ޔަގީން ކަމަކީ ނަޝީދުގެ ބަހެއް ނުވަތަ ފިކުރެއް ނުހިމެނޭ ސަރުކާރެއް 2023 އަށް ފަހު ނޯންނާނެ އެވެ.
ދެން އޮތީ ސްޕެކިއުލޭޓް ކުރެވިދާނެ ސުވާލެކެވެ. ތާއީދު މިންވަރު އަމިއްލަފުޅަށް ބައްލަވާލައިގެން އެ މައުލޫމާތާއެކު ރައީސް އަރިހަށް ޑީލަކަށް ވަޑައިގަތުމަށް ނަޝީދު ވިސްނަވާފާނެ އެވެ. ރިޔާސީ އިންތިހާބު ނަޝީދާ ނުލައި ކާމިޔާބު ނުކުރެވޭނެ ކަން ރައީސަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތެއް ގެންގޮސް ސާބިތުކޮށްދެވިއްޖެ ނަމަ ނަޝީދުގެ އަޑުއެހުން ނޫން ގޮތެއް ރައީސަށް ނޯންނާނެ އެވެ.
މިކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ރައީސް ފެކްޝަން މެންބަރަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި ނަޝީދު މިހާރު ކުރައްވަމުން ގެންދަވަނީ އެމްޑީޕީ ދެބައި ކޮށްލުމުގެ މަސައްކަތެވެ. ޕާޓީން ލިބުނު ސަޕޯޓް އެގޮތުގައި ހިފަހައްޓާލަން ކުރާ މަސައްކަތެވެ.
އޭގެން އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ ކަމަށާއި ނަޝީދަށް ކުރިން ވޯޓު ދިން އެމްޑީޕީގެ މެންބަރުން ވެސް ދެން ވޯޓު ދޭނީ ރައީސަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިތުރު އެއްވެސް ކަމެއް ނޫން ހަމަ އަޑު ނުކެނޑި ހިފަހައްޓަން ކުރައްވާ ކަމެއް އެ ކުރައްވަނީ ސަޕޯޓު ހިފަހައްޓާލަން އެ ކުރައްވާ. ހަގީގަތުގައި މަރުފަލި އެ ޖަހަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ފިކުރު އެމްޑީޕީގެ ތެރޭގައި މިހާރު "ދިރި" އެ އޮތީ ވެސް ރައީސް އެ ފުރުސަތު އެމަނިކުފާނަށް ދެއްވާތީ އެވެ. ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަދި ރޫހާ ހިލާފަށް އެތައް ކަމެއް ކުރައްވަމުން އަންނަ ކަމަށާއި މަޖިލީހުގައި ވެސް އެމަންޒަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު އެއްވެސް ކަމެއް ނޫން ހަމަ އަޑު ނުކެނޑި ހިފަހައްޓަން ކުރައްވާ ކަމެއް އެ ކުރައްވަނީ ސަޕޯޓު ހިފަހައްޓާލަން އެ ކުރައްވާ. ހަގީގަތުގައި މަރުފަލި އެ ޖަހަނީ -- ރައީސް ފެކްޝަންގެ މެންބަރެއް
ނަޝީދު ވަކިކޮށްފި ނަމަ މަޑުމަޑުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޖެހިވަޑައިގަތް ގޮތަށް ނަޝީދުފެ ފިކުރު ވެސް މަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީގެ ތެރެއިން ނަޝީދު ފުރުސަތެއް ބޭނުމިއްޔާ އޮތީ ރައީސް ފަހަތަށް އެރުން. އެ ނޫނީ އޮތީ ޕާޓީން ނިކުމެގެން އަމިއްލަ އަށް އެ ފުރާ ފޯމްތަކުން ފެންނަ ތާއީދާއެކު ރިޔާސީ އިންތިހާބަށް އަމިއްލަ ކެނޑިޑޭޓެއް ގޮތުގައި ވާދަ ކުރުން،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ އަމަލުތައް މިހާރު ހުރި ގޮތުން ސީދާ ނެރެން މަސައްކަތް ކުރައްވާ ފޯމިއުލާ ސާފު ނުވި ނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދަކީ ވެސް ވަރަށް މުހިންމު ނަމެކެވެ. އެ ހަގީގަތެއް އަދިވެސް ބަދަލެއް ނުވެ އެވެ.
ދެން ސުވާލަކީ ނަޝީދު ދިރުވަން އުޅޭ ފިކުރެއް ރައީސަށް މުހިންމީ ކިހާ ވަރަކަށް ހެއްޔެވެ؟ އެ ތާއީދުގެ ބޭނުން ކުރާނީ ކޮން ބައެއް ހެއްޔެވެ؟
"އެމްޑީޕީ ދޫކޮށްލުން ދެރަ، އެކަމަކު އުންމީދު ބޮޑު"
ފިކުރެއްގެ ދިރުމުން ރިޔާސީ އިންތިހާބަށް ނުކުންނަނީ
ފުލުފުލުން އިންޒާރު، ޕާޓީން ކަނޑާލަން ނުކެރޭ؟
"އެމްޑީޕީއަށް ކުރިއަށް ދެވޭނީ ނަޝީދު ދައްކާ މަގުން"
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ނަޝީދުގެ ފެކްޝަނުގެ ފޯމުތަކުން ގޮފި ހެދޭނެ
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ނަޝީދާއި މައުމޫން އަދި ގާސިމަށް އިމްރާންގެ ނަސޭހަތެއް!
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން