Roadha Mihaaru
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން

ޖަވާބެއް ނުލިބުމުން ޑިމޮކްރެޓުން ވެސް ނިންމީ ދެ ވަނަ ބުރުގައި ޕާޓީއަކަށް ތާއީދު ނުކުރަން

21 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީންކުރެ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ވެސް މިއަދު ނިންމައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީންކުރެ އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޑިމޮކްރެޓްސް އިން ވެސް މިއަދު ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނިންމީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުގައި މި މަހުގެ 28 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާ ނަމަ އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށެވެ.

ޕީޕީއެމާ އެކު، ސަރުކާޜު އުފެއްދުމަށް ބައިވެރިވާނެ އަދަދާއި ޑިމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރާ އަދަދު އިއްޔެގެ ކުރިން އެ ޕާޓީން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރުމަށެވެ.

ޑިމޮކްރެޓްސް އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީ އަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ޝަރުތުތަކުގެ ސުންގަޑި މިއަދަށް ހަމަވި އިރު، ދެ ޕާޓީން ވެސް ޖަވާބެއް ދީފައި ނުވާތީ ކަމަށެވެ.

ޑިމޮކްރެޓުންގެ މި ނިންމުން އައިސްފައިމިވަނީ، ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނިޒާމީ ވޯޓެއް ނަގަން އަންގަން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު، އެމްޑީޕީގެ ވެސް ތާއީދާ އެކު މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އެމްޑީޕީން އެކަމަށް ތާއީދު ކުރީ އެ ގަރާރުގައި އަންނަ މަހުގެ 30 ގައި ނިޒާމީ ވޯޓު ނަގާ ގޮތަށް އޮތުމުން ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ވަނީ ބުނެފަ އެވެ. އަދި ދެވަނަ ބުރަށްފަހު، އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓެއް ނަގަން މައްސަލައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު، އިލްޔާސްގެ ގަރާރަށް އެމްޑީޕީން ތާއީދުކުރުމުގެ ބަދަލުގައި ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ލިބޭ ގޮތަށް ކަމަށް އެއްވެސް ޕާޓީއަކުން ބުނެފައެއް ނުވެ އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ 15،000 ވޯޓުގެ ފަރަގުންނެވެ. އެއީ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އައި ޑިމޮކްރެޓްސް އަށް ލިބުނު ވޯޓުގެ އަދަދެވެ.