Roadha Mihaaru
ބަދަލެއް ނުގެންނާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!

އަމީނީ މަގު ހަނިކޮށް ހަދާތީ މުއިއްޒު އަނެއްކާވެސް ކަންބޮޑުވެއްޖެ

10 ފެބުރުއަރީ 2023

ތާރު އަޅައިގެން އަމީނީ މަގު އަލުން ހަދާއިރު ކާރުބާރުބޮޑު އެ މަގު ހަނިކޮށް ހެދުމުގެ ޑިޒައިނަށް އަދިވެސް އެއްވެސް ބަދަލެއް ނުގެންނާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތާރު އަޅައިގެން އަމީނީ މަގު އަލުން ހަދާއިރު ކާރުބާރުބޮޑު އެ މަގު ހަނިކޮށް ހެދުމުގެ ޑިޒައިނަށް އަދިވެސް އެއްވެސް ބަދަލެއް ނުގެންނާތީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމީނީ މަގު އަލުން ހެދުމުގެ އަގު ބޮޑުވުމާއި މަސައްކަތުގެ ސްޕީޑް ލަސްވެފައިވާއިރު، އެ މަގުގެ ފުޅާމިން ތިން ފޫޓުން ދެ އިންޗި އަށް ހަނިކޮށް ހަދާ ހެދުމަށް އެއްވެސް ބަދަލެއް ނުގެނައުމަކީ މިނީ ބަސް އަދި ދެ ފަރާތުން ދުއްވުމުގައި ޓްރެފިކަށް ދިމާވާނެ ދާއިމީ ދަތިކަމެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، އަމީނީ މަގުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަނީ 39 މިލިއަން ރުފިޔާ އިން 84 މިލިއަން ރުފިޔާ އަށް އަގު މަތިކޮށްގެންނެވެ.

އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މުއްދަތު އަންނަ މެއި މަހަށް ހަމަވާއިރު، ތާރު އެޅުމުގެ އެއްވެސް ކަމެއް އަދި ކުރިއަކަށް ނުގެންދެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މި ހަފުތާގައި ވިދާޅުވީ، މަސައްކަތް ލަސްވަނީ އެކި ކަހަލަ ދަތިތައް ހުރުމުންނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އެމްޑަބްލިއުއެސްސީ އަށް ބޭނުންވާ ހޮޅިތައް ސަޕްލައިކުރުން ލަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަންކަމަށް ރިއާޔަތްކޮށް، މަގު ނިމޭނީ އަންނަ ސެޕްޓެމްބަރު 27 އަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަޑިގުޑަންތައް ގިނަ މަގު ތަރައްގީ ކުރަން އެންމެ ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލަށް 39 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، ފަހުން އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ އޭގެ ދެ ގުނަ އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ.

މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ވެސް އަމީނީ މަގުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ، އެ މަގު ހަދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް، މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗި އަށް ހަނިކޮށް ކަމުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ބިމުގެ އަޑިއަށް ލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" އަނެއްކާވެސް މި ފެންނަނީ ބިމުން މަތީގައި ހަދަމުން ދާ ތަން،" ފޮޓޯތަކާއެކު ކުރެއްވި ޓުވިޓެއްގައި މުއިއްޒު ކުރިން ވިދާޅުވެފައި ވެ އެވެ.

އަމީނީ މަގުގެ މަސައްކަތް ލަސްވާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް އާމަޒުވެފައިވެ އެވެ. އަދި އެ މަގުގައި ޕޭވިންގެ މަސައްކަތް މިހާރު ނިމިފައި އޮތް ސަރަހައްދުގައި ތާރު ނާޅާ އޮތުމުން އުނދަގޫވާތީ އެ ހިސާބުގައި ދިރިއުޅޭ މީހުން އެކަމުގެ ޝަކުވާ ވެސް ކުރެ އެވެ.