Roadha Mihaaru
މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި، ޖަލަށް

ސައިކަލު މަޑިދަށުގައި ހުރި ޑްރަގަށް ޒިންމާވާން ޖެހި، އުމުރަށް ޖަލަށް

08 ފެބުރުއަރީ 2023

ދުއްވަން އިން ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދުއްވަން އިން ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ 2018 ގައި ހުޅުމާލެ އިން މާލެ އައި ފެރީއަކުން ގެނައި ސައިކަލެއް ފުލުހުން ހުއްޓުވައި ފާސް ކުރިއިރު ސައިކަލުގެ މަޑިދަށުން 248 ގްރާމްގެ ޑްރަގް ފެނުނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން އޭގެ ވެރިމީހާގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތުނުވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ރަށްޓެހިން އަތަށް ސައިކަލު ދުއްވަން ދޭ ކަމަށާއި އެހެންވެ، ސައިކަލުގެ މަޑިދަށަށް އެހެން މީހަކު އެއްޗެއް ލުމުގެ ފުރުސަތު އޮތް ކަމަށް ވެރިމީހާ ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މަސްތުވާތަކެތި މަޑިދަށުން ފެނުނުއިރު ދުއްވަން ހުރީ ވެރިމީހާ ކަމަށް ވާއިރު އަދި މަޑިދަށުން ފެނުނު އެހެން ބައެއް ތަކެތީގެ ޒިންމާ ވެރިމީހާ ނަގާފައިވާތީ އެ މަސްތުވާތަކެތި ހުރީ ވެރިމީހާއަށް އެނގިގެން އޭނާގެ ހިޔާޒަތުގެ ދަށުގައި ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ފެނިފައިވާ ޑްރަގްގެ އަދަދަށް ބަލާއިރު ވެސް މިއީ ބަޔަކު ލަނޑެއް ދިނުމުގެ ގޮތުން މަޑިދަށަށް އެއްޗެއް ލީ ކަމަށް ނުބެލެވޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

"މިއީ މިއާ ހިލާފަށް އެކަށީގެންވާ ކަމެއް ފެންނަން ނެތް ހާލަތުގައި، މީހަކަށް ލަނޑެއް ދިނުމަށްޓަކައި ސައިކަލެއްގެ މަޑިދަށަށް ލާފާނެ އަދަދެއްގެ މަސްތުވާތަކެތި ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބަލައި ވިސްނާއިރު ގަބޫލެއް ނުކުރެވެ އެވެ،" ހުކުމުގައި ބުނެފައިވެ އެވެ.

އެހެންވެ، އޭނާ އުމުރަށް ޖަލަށްލުމާ އެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރީ ކަމަށް ހުކުމުގައިވެ އެވެ.

ސައިކަލުގެ މަޑިދަށުން ކުރިން ޑްރަގް ފެނިގެން ދައުވާކުރި މައްސަލަތަކުގައި ކޯޓުތަކުން ނިންމާފައި ހުރީ ކުށް ސާބިތުނުވާ ކަމަށެވެ. އެއީ ސައިކަލުގެ މަޑިދަށަށް އެހެން މީހަކު އައިސް ލަނޑެއް ދިނުމުގެ ގޮތުން ވެސް އެއްޗެއް ލުމުގެ ފުރުސަތު އޮންނާތީ ކަމަށް ބުނެ އެވެ.

މިދިޔަ ހަފުތާގައި ވެސް ހައި ކޯޓުން ވަނީ ޑްރަގް މައްސަލައެއްގައި ދަށު ކޯޓުން ސަލާމަތްވި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.